އެމްޑީޕީ

އދ. އިން ވިލަރެސްކުރާ މަޝްވަރާއަކަށް ތައްޔާރު: އެމްޑީޕީ

  • މަަޝްވަރާތަކާ މެދު ސީރިއަސް ވުމަށް ގޮވާލި
  • ހުރިހާ ކަންބޮޑުވުންތަކަށް މަޝްވަރާ ކުރުމަކީ ޝަރުތެއް
  • ހަލަބޮލިކަން ހައްލު ކުރެވޭނީ މަޝްވަރާކޮށްގެން ކަމަށް ބުނި

އދ. އިން ވިލަރެސްކޮށްގެން ކުރިއަށް ގެންދާ ސިޔާސީ ޕާޓީތަކެއްގެ މަޝްވަރާތަކަށް ތައްޔާރަށް ތިބި ކަމަށް އިދިކޮޅު އެމްޑީޕީއިން ބުނެފި އެވެ. އެހެން ނަމަވެސް އެފަދަ މަޝްވަރާތަކަކީ ވެސް އެ ޕާޓީގެ އެންމެހާ ކަންބޮޑުވުންތައް ހައްލުކުރެވެން ޖެހޭނެ ކަމަކަށް ވާން ވާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީި އިން އިނގިރޭސި ބަހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ ޕާޓީ އިން އަބަދުވެސް މަޝްވަރާތަކަށް ތާއީދު ކުރާ ކަމަށެވެ. އެހެން ނަމަވެސް މަޝްވަރާތައް ވާްންވާނީ އެންމެހާ ސިޔާސީ ފަރާތްތަކެއްގެ ކަންބޮޑުވުންތަކަށް މަޝްވަރާކޮށް ހައްލުތަކެއް ނެރެވޭނެ ކަމަކަށް ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ. އަދި އެފަދަ މަޝްވަރާތަކެއް އދ ގެ ބައިވެރިވުމާ އެކު ބާއްވާ ނަމަ އެމްޑީޕީގެ ފަރާތުން އެ މަޝްވަރާތަކަށް މަރުހަބާ ކިޔާ ބައިވެރިވާނެ ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ. އެފަދަ މަޝްވަރާތަކަކީ ސިޔާސީ ހަލަބޮލިކަން ހައްލު ކުރެވޭނެ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް އެހީވުމަށް ރާއްޖެ ވަޑައިގެންނެވި އދ. ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއާޒްގެ ސީނިއާ އެޑްވައިޒަރު މރ. ސެމިއުލް ތަމްރަތުއާ އެމްޑީޕީއިން ވަނީ ބައްދަލުކޮށްފަ އެވެ. އެމްޑީޕީއިން ބުނީ މަޝްވަރާއަށް ދެވޭނެ މަގު އދ.އަށް އަންގާފައިވާނެ ކަމަށެވެ.

އެމްޑީޕީއިން އިތުރަށް ބުނީ މަޝްވަރާތައް ސީރިއަސްކަމާއެކު ކުރިއަށް ނުގެންދެވޭތީ ކަންބޮޑުވާ ކަމަށާއި، އދ. އިން ބާރުއަޅާ ގޮތަށް މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އުއްމީދުކުރާ ކަމަށެވެ.

މަޝްވަރާތަކުގައި ރާއްޖޭގެ ޝަރުއީ ނިޒާމް ހަރުދަނާކުރުމަށާއި މިނިވަން މުއައްސަސާތައް ހަރުދަނާކުރުމަށާއި އިންސާނީ ހައްގުތައް މިހާރަށްވުރެ ބޮޑަށް ކަށަވަރުކޮށްދިނުމަށާއި އިދިކޮޅު ހަރަކާތްތައް މަގުފަހިކޮށްދީ ނޫސްވެެރިކަމުގެ މިނިވަންކަމާ މެދު މަޝްވަރާކުރެވެން ޖެހޭނެ ކަމަށް އެމްޑީޕީ އިން ބުންޏެވެ. އަދި ދައުލަތުގެ ތެރޭގައި ހިނގާފައިވާ ހިޔާނާތުގެ މައްސަލަތައް ބަލައި އެކަމާމެދު ފިޔަވަޅުއެޅުމާ މެދު ވެސް މަޝްވަރާކުރެވެން ޖެހޭ ކަމަށް އެ ޕާޓީ އިން ބުންޏެވެ.

ސެމިއުލް ކުރެއްވި މަޝްވަރާތަކަށް ފަހު ސަރުކާރުން ނިންމާފައި ވަނީ، ޖަލު ހުކުމެއްގައި ތިއްބެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މަޝްވަރާތަކުގައި ބައިވެރި ކުރުމަށެވެ. ސަރުކާރުން ބުނެފައި ވަނީ ވަރަށް އަވަހަށް މަޝްވަރާތައް ފަށާނެ ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި އދ ގެ މަންދޫބު ތަމްރަތު ވެސް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ނިންމަވައިފަ އެވެ.

ތަމްރަތުގެ ދަތުރާ ގުޅޭ ގޮތުން ރައީސް އޮފީހުން ނެރުނު ބަޔާނެއް މެދުވެރި ކުރައްވާ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ ތަމްރަތުގެ މަސައްކަތް ވަރަށް ކާމިޔާބު ކަމަށާއި މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި މަޝްވަރާތަކަށް ކުރިއެރުން ލިބިފައިވާކަން ފާހަގަ ކޮށް ވީހާ ވެސް އަވަހަކަށް މަޝްވަރާތައް ފަށާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.