ހަބަރު

ގޮނޑި ނުލިބުނީ ހާރިޖީ ސިޔާސަތުގެ ސަބަބުން: އެމްޑީޕީ

އދ. ގެ ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެމްބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ރާއްޖެއަށް ނާކާމިޔާބުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ކަމަށް އެމްޑީޕީން ބުނެފި އެވެ.

ސަލާމަތީ މަޖިލީހުގެ މެމްބަރުން ހޮވުމަށް ރޭ އދ. ގެ ހެޑްކުއާޓަރުގައި ބޭއްވި ސިއްރު ވޯޓްގައި ވޯޓްލީ 190 ގައުމުގެ ތެރެއިން އިންޑޮނޭޝިޔާއަށް ލިބުނީ 144 ވޯޓެވެ. ރާއްޖެއަށް ލިބުނީ 46 ވޯޓެވެ. ގައުމަކަށް ސަލާމަތީ މަޖިލީހުގެ ގޮނޑި ކަށަވަރު ވާނީ އެންމެ މަދުވެގެން 120 ގައުމުގެ ވޯޓް ލިބިގެން އެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ހޯދުމަށް ރާއްޖެއަށް އެންމެ ބޮޑު ފުރުސަތެއް ލިބުނު ފަހަރުގައި، އޭޝިޔާ ޕެސިފިކް ސަރަޙައްދުން އިންޑޮނޭޝިޔާއާ ވާދަކޮށް ނާކާމިޔާބު ވެފައިވަނީ ހައިރާންކުރުވަނިވި ނަތީޖާއަކުން ކަމަށެވެ. އަދި މި ސަރުކާރުން އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުކަމަށް ރާއްޖެ ވާދަކުރުވައި މުޅި ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ފަލީހަތް ކޮށްފައިވާތީ، އެކަމުގެ ކަންބޮޑުވާ ކަމަށެވެ.

"... އިންޑޮނޭޝިއާ މީގެ ކުރިން ސަލާމަތީ މަޖިލީހުގެ މެމްބަރުކަމަށް ތިން ފަހަރެއްގެ މަތިން ހޮވިފައިވުމުގެ ސަބަބުން އާ ގައުމަކަށް މި ސަރަހައްދުން އެ ފުރުސަދު ލިބުމަކީ ވަރަށް ގާތްކަމަކަށްވީ ނަމަވެސް ރާއްޖެ އެވަނީ ނާކާމިޔާބާ ކުރިމަތިލާފަ، މި ނާކާމިޔާބު ލިބިފައިވަނީ އެކަމަށްޓަކައި ވަރަށް ބޮޑެތި ހަރަދުތަކެއް ދައުލަތުންކޮށް، ދިގު މުއްދަތަކަށް ވަރަށް ބޮޑަށް ކޭމްޕޭން ހިންގައި އަދި ސަރުކާރުގެ ޔަގީންކަން އޮތް މިންވަރުގެ ވާހަކަ ވަރަށް ބޮޑަށް ފަތުރާފައިވަނިކޮށް،" ބަޔާނުގައި ވެއެވެ.

އެމްޑީޕީން ބުނީ، އެޕާޓީގެ ސަރުކާރުގައި 2009 ވަނަ އަހަރު އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހަށް ރާއްޖެ ވާދަކޮށް ކާމިޔާބުކޮށްފައިވަނީ ރެކޯޑު އަދަދެއްކަމަށްވާ 185 ވޯޓުން ކަމަށާއި އެއަށްފަހު މަސައްކަތް ކުރަމުން ދިއައީ ސަލާމަތީ މަޖިލީހުގެ ގޮނޑި ވެސް ކާމިޔާބުކުރުމަށް ކަމަށެވެ. ނަމަވެސް ރާއްޖެއަށް ފަހިވަމުން ދިއަ އެފުރުސަތު ހުތުރު ގޮތަކަށް ނަގާލާފައި ވަނީ މި ސަރުކާރުން ކަމަށެވެ.

ބަލިވުމުގެ ސަބަބުތައް ކަމަށް ބަޔާންކޮށް އެމްޑީޕީން ބުނީ، މި ސަރުކާރުން އދ. ގެ މުއާހަދާތަކާއި ގަރާރުތަކަށް ބޯނުލެނބުމާއި ބައިނަލްއަގުވާމީ ހަމަތަކާއި މިންގަނޑުތަކުން ނެއްޓެމުންދިއުމާއި ސިޔާސީ ފަރާތްތައް މިނިވަން ކުރުމަށް ގޮވާލާ އދ. ގެ ގުނަންތަކުން ނިންމާފައިވާ ނިންމުންތަކަށް އިހްތިރާމް ނުކުރުމުގެ އިތުރުން ރާއްޖޭގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާދިއުންމުގެ ސަބަބު ކަމަށެވެ.

"... ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުން ކެނޑުމުގެ ދޯހަޅި ސިޔާސަތު ގެންގުޅުމާއި އިންޑިއާ ކަނޑުގެ ހަމަޖެހުން ނަގާލުމުގެ ޢަމަލުތައް ހިންގުމާއި ދީނުގެ ނަމުގައި އެކި ގައުމުތަކަށް ހަނގުރާމައަށް ދާ ދިވެހިން އުފައްދާ ތަނަކަށް ރާއްޖެ ހަދައި ހަރުކަށި ފިކުރުތަކަށް ޖާގަދިނުމާއި ކަޅުފައިސާ ދޮވުމާއި ސަރުކާރުން ހިންގާފައިވާ ބޮޑެތި ވައްކަންތަކާއި ހިޔާނާތުގެ ޖަރީމާތައް ހިމެނޭކަން ވެސް ކަށަވަރު،" ބަޔާނުގައި ވެއެވެ.