އީރާނުން ނިއުކްލިއާ ބޮމެއް އުފައްދާނެ ކަމަށް ބުނެ ދުނިޔެ ތުރުތުރުއަޅަނީ އެވެ. އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި އެމެރިކާ އާއި ބައިވެރިން އީރާނާ އެކު މަޝްވަރާކުރަމުން ގެންދާއިރު އީރާނުން ބުނީ 2015 ގައި ވެފައި ނެތް ގޮތަކަށް އެއްބަސްވުން ބަލައިނުގަންނާނެ ކަމަށެވެ.
އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލާހިޔާން ވިދާޅުވި ގޮތުގައި 2015 ގައި އޮންނާނީ އެއްބަސްވުމެއް ގާއިމުކޮށްފަ އެވެ. އޭނާ ވިދާޅުވީ އެއަށް ވުރެ ހަރުކަށި އެއްބަސްވުންތަކެއް ހުށަހަޅާ ނަމަ ބަލައިގަނެވެން ނެތް ކަމަށެވެ.
މެދުއިރުމަތީގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތާރޭސްއާ ފޯނުން މަޝްވަރާ ކުރައްވަމުން ހުސައިން އަމީރު އަބްދުލާހިޔާން ވިދާޅުވީ ނިއުކްލިއާ ޑީލަކީ 2015 ގައި އެމެރިކާއާ އެކު ހަދާފައި އޮތް އެއްބަސްވުން ކަމަށެވެ.
އަބްދުލާހިޔާން ވިދާޅުވި ގޮތުގައި އީރާނަށް އަޅާފައި ހުރި އިގްދިސޯދީ ދަތިކުރުންތައް ނައްތާލައިގެން ނޫން ގޮތަކަށް ނިއުކްލިއާ މަޝްވަރާތައް ކޮޅެއްގައި ނުޖެއްސޭނެ އެވެ.
އޭނާ ވިދާޅުވީ އީރާނުން އެޓޮމިކް ބޮމެއް އުފެއްދުމަކީ ދުނިޔެއަށް އޮތް ކަންބޮޑުވުމެއް ނަމަ އީރާނަށް އަޅާފައި ހުރި ދަތިކުރުންތައް އުވާލަން ފަސްޖެހެން ޖެހޭ ސަބަބެއްް އޮވެގެން ނުވާނެ އެވެ.
އީރާނުން އޮތީ ދުނިޔޭގެ ބާރުތަކާއެކު މަޝްވަރާކުރާ ގޮތަށް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. އެކަމަކު އެމެރިކާ އާއި ބައިވެރިން ވެފައި ހުރި ވައުދުތައް އޮތްތަނުގައި އަދި ވެސް އޮތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަޒީރު ވިދާވި ގޮތުގައި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީން އެދިފައިވާ ގޮތަށް އީރާންގެ ނިއުކްލިއާ މަރުކަޒުތަކުގައި ކެމެރާތައް އާކުރި ނަމަވެސް، ކެމެރާ ނެޓްވޯކަށް އިޒްރޭލުން ނުވަންނާނެ ކަމުގެ ޔަގީންކަން ދޭކަށް އެނާޖީ އޭޖެންސީއަކަށް ނުކުރެ އެވެ.
އޭނާ ވިދާޅުވީ ހުރިހާ ދެރައެއް ލިބޭ ގޮތަށް އީރާނުން އެއްބަސްވުމެއްގައި ސޮއި ނުކުރާނެ ކަމަށާއި ތިލަފަތް ހަމަވާން ޖެހޭ ކަމަށެވެ.