ޓޫރިޒަމް

ރިސޯޓްތައް ފުރިއްޖެ

އާ އަހަރާއެކު ރިސޯޓްތަކުގެ އޮކިއުޕަންސީ ވަރަށް ބޮޑަށް އިތުރުވެ ރިސޯޓްތައް ފުރިއްޖެ އެވެ،

އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު އަވަސްއަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަަހައްދެއްގެ ރިސޯޓްތަކެއްހެން މިހާރު ފުރިފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ ހަތެއްހާ ހިސާބަށް މިހާރު ރިސޯޓްތައް ބުކްކޮށްފައވާ ކަމަށެވެ.

އޭނާަ ވިދާޅުވީ އޮކިއުޕަންސީ ރޭޓް ކޮވިޑްގެ ކުރީގެ ހާލަތާ އެއްވަރަށް މިހާރު އައިސްފައިވާ ކަމަށެވެ. ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް އޮތީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެެވެ.

"އަދިވެސް އެންމެ ބޮޑަށް ހިއްސާ މިކުރަނީ އިންޑިއާ މާކެޓް. ދެން މެދު އިރުމައްޗާއި އިރުމަތީ ޔޫރަޕްގެ ޓޫރިސްޓުން މި ދުވަސްވަރު ވަރަށް ގިނަ" ފިރާގު ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ހުޅަނގު ޔޫރަޕްގެ ގައުމުތަށް ކަމަށްވާ ޖަރުމަނު، އިނގިރޭސިވިލާތް އަދި އިޓަލީ ފަދަ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިން މި ސީޒަންގައި މަދުވެފައިވާ ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ.

"އޮކިއުޕަންސީ ރޭޓް މަތި. އެހެން ނަމަވެސް ރޫމްތައް ވިއްކޭވަރު އަދިވެސް ދަށް،" ފިރާގު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހާ ހަމައަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. ނަމަވެސް މިއީ 2019 ވަނަ އަަހަރާ ބަލާއިރު 23.3 ޕަސެންޓް ދަށް އަދަދެކެވެ.

މިއަހަރު ބެޑް ނައިޓްސްގެ ގޮތުގައި 10 މިލިއަން ލަފާކުރި ނަމަވެސް އެ އަދަދު ފަހަނައަޅައި މިހާރު ވަނީ 10.7 މިލިއަނަށް ވެސް އަރައިފަ އެވެ.