ޗައިނާ

ދާހިލީ މައްސަލަތަކަކަށް ނުވަންނާނަން: ޗައިނާ

Dec 18, 2021
3

އެއްވެސް ގައުމެއްގެ ދާހިލީ މައްސަލަތަކުގެ ތެރެއަށް ނުވަންނާނެ ކަމުގައި ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނެފި އެވެ.

ޗައިނާ އެމްބަސީން މިހެން ބުނެފައި މިވަނީ ޕީޕީއެމްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހްލާ އަލީ އާއި ޕީޕީއެމްގެ ބައެއް ސަޕޯޓަރުން "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެއް ލައިގެން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ކައިރީގައި މަޑުކޮށްލައިގެން ހުއްޓާ ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އިންޑިއާ އައުޓް ހަރަކާތަކީ ޗައިނާއިން ފަންޑުކޮށްގެން ހިންގާ ހަރަކާތެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

ޝިޔާންގެ ޓްވީޓަށް ރައްދުދެމުން ޗައިނާ އެމްބަސީން ބުނީ އެއްވެސް ގައުމެއްގެ ދާހިލީ މައްސަލަލަ ތަކުގެ ތެރެއަށް ވަނުމާއި އެފަދަ މައްސަލަތަކުގައި ބެހުމަކީ ޗައިނާ އިން ކުރާނެ ކަމެއް ނޫން ކަމަށެވެ. އެއީ ޗައިނާ އިން އަބަދުވެސް ހިފަހައްޓާނެ އުސޫލެއް ކަމާށާއި ރާއްޖެއާ ގުޅިގެން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ޗައިނާ އެމްބަސީ ހުންނަނީ ޕީޕީއެމްގެ އޮފީހާ ވަރަށް ގާތުގައި ބޮޑުތަކުރުފާނު މަގުގަ އެވެ. އިދިކޮޅު ހަރަކާތުގެ ބައިވެރިން ޗައިނާ އެމްބަސީ ކައިރީ މަޑުކުރީ ފުލުހުން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ތިބި އިދިކޮޅު ސަޕޯޓަރުން އެތަނުން ފޮނުވާލުމުންނެވެ.

ޕީޕީއެމްގެ ޒުވާނުން އިސްނަގައިގެން އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިއްޔެ ކުރިއަށް ގެންދަން މަސައްކަތް ކުރި ސައިކަލް ބުރު ފުލުހުން ވަނީ ހުއްޓުވާފަ އެވެ. ފުލުހުން ތުހުމަތުކުރި ގޮތުގައި އެއީ ހަމަނުޖެހުން އުފެއްދުމަށް އިންތިޒާމު ކުރި ހަރަކާތަކެވެ.

ސައިކަލް ބުރަށް ފުލުހުން ހުރަސް އެޅުމުން ފަހުން އެ ހަރަކާތް ވަނީ މުޒާހަރާ އަކަށް ބަދަލުވެފަ އެވެ. އަދި ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތަކެއް ވެސް ހިނގި އެވެ.

ކުރީގެ ރައީސް އަދި އިިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލުން މިނިވަންވުމާ އެކު އިންޑިއާ އައުޓް ކެމްޕޭން ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޖެހޭނީ ފައިބަން ކަމުގައި ރައީސް ޔާމީން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވެސް ވަމުންނެވެ.

އިންޑިއާ އައުޓް ކެމްޕޭން މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި ހާއްސަ ދަތުރުތަކެއް އަތޮޅު ތެރެއަށް ކުރުމަށްވެސް އިދިކޮޅުން ވަނީ ނިންމާފަ އެވެ. އެގޮތުން ބުރާސްފަތި ދުވަހު ވަނީ ކ. ގުރައިދޫގައި އިންޑިއާ އައުޓްގެ ނަމުގައި ހިނގާލުމެއް ބާއްވާފަ އެވެ. އަދި އިއްޔެ ކ. ތުލުސްދޫގައި ވެސް އިންޑިއާ އައުޓް ކެމްޕޭންގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެެވެ. މި ދެ ރަށުގައިވެސް އެ ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި އެވެ.