ގަތަރު އެއާވޭސް

ގަތަރު އެއާވޭސް ރާއްޖެ އަށް އުދުހޭތާ 20 އަހަރު

Dec 18, 2021

ގަތަރު އެއާވޭސް އިން ރާއްޖެ އަށް އުދުހޭތާ 20 އަހަރު ފުރުން ފާހަގަކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ގަތަރު އެއާވޭސްގެ ފްލައިޓް ރާއްޖެ އަށް އައުން ފާހަގަކުރުމުގެ ގޮތުން މިއަދު އައި ބޯޓަށް ވޯޓާ ސެލިއުޓެއް ދިނުމުގެ އިތުރުން އެނިވާސަރީ ކޭކެއް ފެޅުން ވެސް އޮތެވެ.

މި ރަސްމިއްޔާތުގައި ގަތަރު އެއާވޭސްގެ ރާއްޖޭގެ އެޖެންޓު ކުންފުންޏާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަދި ވެލާނާ އިންޓަނޭޝަނަލް ހިންގާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކުންފުނި (އެމްއޭސީއެލް)ގެ އިސްވެރިން ބައިވެރިވި އެވެ.

ގަތަރު އެއާވޭސް އަކީ ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން ގެނެސްދޭ އެއާލައިން އެވެ.

މި އަހަރުގެ މިހާތަނަށް މި އެއާލައިނުން 202,018 މީހުން ގެންނަން 2,312 ފްލައިޓް މޫވްމެންޓް ހަދާފައިވެ އެވެ. އަދި ރާއްޖޭގެ ބޯޑަރު ކޮވިޑް-19 އަށް ބަންދު ކުރުމަށްފަހު އަލުން ހުޅުވުމާއެކު އެންމެ އަވަހަށް އުދުހެން ފެށީ ވެސް މި އެއާލައިން އެވެ.