ލައިފްސްޓައިލް

މީހެއްގެ ފުރަމޭގައި ދަރިއަކު ގަރުބަގަނެފި!

ކެނެޑާ މީހެއްގެ ފުރަމޭގައި ދަރިއަކު ގަރުބަގަނެފި އެވެ. ޑޮކްޓަރުންނަށް ކުއްޖާ މި ގުނަވަނުގައި ހެދިބޮޑުވާތަން ފެނުމުން ލިބުނީ ބޮޑު ޝޮކެކެވެ. ސަބަބަކީ މިއީ އެމީހުންނަށް ވެސް ވަރަށް އާ ކަމަކަށް ވާތީ އެވެ. އެކްޓޯޕިކް ޕްރެގްނަންސީ ނުވަތަ ރަހިމުން ބޭރުގައި ދަރިން ގަރުބަގަތުމަކީ ދިމާވާ ކަމެކެވެ. ނަމަވެސް ފުރަމޭގައި ދިރި ހުރި ކުއްޖަކު އޮއްވާ ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ.

މި ނުރައްކާތެރި އަދި އަދި އަޖައިބުން ފުރިފައިވާ ހާދިސާ ކުރިމަތިވި މީހާގެ ފުރާނަ ސަލާމަތްކުރުމުގައި ޑޮކްޓަރުން ވަނީ ކާމިޔާބު ހޯދާފަ އެވެ. ނަމަވެސް މިއީ ފުރާނައަށް އިންތިހާއަށް ނުރައްކާ ހާލަތެކެވެ.

މިއީ 2012 ގައި ދިމާވި ކަމެއް ނަމަވެސް މިކަން އާއްމުންގެ ސަމާލުކަން އައީ މި ކޭސް ސްޓަޑީއަށް އަލިއަޅުވާލާފައިވާ ޓިކްޓޮކް ވީޑިއޯއެއް ދާދި ފަހުން ވައިރަލް ވުމާ ގުޅިގެންނެވެ. މިހާތަނަށް މި ވީޑީއޯ 5.7 މިލިއަން ފަހަރު ބަލާފައި ވެއެވެ.

"އަހަންނަށް ހީވަނީ އަހަންނަށް ފެންނަން ހުރި ހުރިހާ ކަމެއް މިހާރު މި ފެނުނީހެން،" ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. މައިކަލް ނާވޭ މި ކްލިޕްގައި ވިދާޅުވެފައި ވެއެވެ. އިތުރު ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވީ މިކަން ފުރަތަމަ އެނގުނީ ޕީރިއަޑް ވެގެން ލޭ އަންނަން ފެށިފަހުން 14 ދުވަސް ވީއިރު ވެސް ލޭ މަނާ ނުވެގެން 33 އަހަރުގެ އަންހެނަކު އޭނާގެ ކްލިނިކަށް އައި ހިސާބުންނެވެ.

"އަންހެންމީހާ ބުނާ ގޮތުގައި އޭނާ އެ ފަހަރު ޕީރިއަޑްވީ ޕީރިއަޑް ނުވާތާ 49 ދުވަސް ފަހުން،" ޑރ. ނާވޭ ކިޔައިދެއްވި އެވެ.

އެންމެ ފަހުން އޭނާއަށް ވެގެން އުޅޭގޮތެއް ބަލަން ސޯނޯގްރާމެއް ހެދި އެވެ. މި ސޯނޯގްރާމްގެ ސްކްރީންޝޮޓެއް ސްކްރީނުން ދައްކާލަމުން ޑޮކްޓަރު ކިޔައިދެއްވި ގޮތުގައި އަންހެންމީހާގެ ފުރަމޭގައި ދަރިއަކު ގަރުބަގަނެ ހެދިބޮޑުވަމުންދާތަން މި ސޯނޯގްރާމުން ފެނުމުން ޑޮކްޓަރުންނަށް ވެސް ލިބުނީ ބޮޑު ޝޮކެކެވެ. ސަބަބަކީ އަންހެންމީހާގެ އެކްޓޯޕިކް ޕްރެގްނަންސީ އަކީ އިންތިހާއަށް މަދުން ފެންނަ ބަލިވެއިނުމަށް ވީމަ އެވެ.

މާޔޯ ކްލިނިކުން ބުނާ ގޮތުގައި މިގޮތަށް ބަލިވެ އިންނަން މެދުވެރިވަނީ ފާޓިލައިޒްޑް ބިހެއް ރަހިމުގެ ކެވިޓީން ބޭރުގައި އުފެދެން ފެށުމުންނެވެ. ރަހިމުން ބޭރުގައި އިންސާނާގެ ހަށިގަނޑުގެ ތެރޭގައި އިންސާނަކު އުފެދި ބޮޑުވާން ފެށުމުން ފެންނަ ނިޝާންތަކުގެ ތެރޭގައި ލޭ އައުމާއި ދަށްބަނޑާއި އުނަގަނޑުގައި ރިހުން ހިމެނެ އެވެ. އަދި ކުއްޖާ ބޮޑުވާ ވަރަކަށް މި އުނދަގޫތައް އިތުރުވަމުންދާނެ އެވެ.

މީގެ ފޮލޯ-އަޕް ވީޑިއޯއެއްގައި ޑރ. ނާވޭ ވަނީ އާދައިގެ އެކްޓޯޕިކް ޕްރެގްނަންސީއެއްގައި ދިމާވާ ގޮތެވެ. ފާޓިލައިޒްޑް ބިސް ރަހިމުން ބޭރުގައި ދަތުރު ކުރަމުން ގޮސް ފެލޯޕިއަން ޓިއުބުގައި ހަރުލާ ގޮތެވެ. އަދި ވަރަށް ނާދިރު ހާލަތެއްގައި ބަނޑުގެ އެހެން ހިސާބުތަކުގައި ގޮސް ހަރުލާ ގޮތެވެ.

ނަމަވެސް މި އަންހެންމީހާގެ ކޭސް ދުނިޔޭން އެންމެ މަދުން ފެނުނު ކޭސް ތަކުގެ ތެރޭގައި ހިމެނެނީ ފާޓިލައިޒްޑް ބިހެއް ރަހިމުން ބޭރުން ދަތުރުކޮށް ލިވާ އަށް ގޮސް އެތަނުގައި އިނދެ ދަރިފަނި ބޮޑުވާން ފެށީމަ އެވެ. ޑޮކްޓަރު ވިދާޅުވި ގޮތުގައި މި މަންޒަރު ފެނިފައި ހުރިހާ ޑޮކްޓަރުން ވެސް ހައިރާންވެ އަންތަރީސް ވިއެވެ.

"ބައެއް ފަހަރަށް އަހަރެމެންނަށް ވެސް ފެނޭ ރަހިމުން ބޭރުގައި ބަނޑުތެރޭގައި ކުދިން މިގޮތަށް ގަރުބަގަނެފައި ވަނިކޮށް،" ކެނެޑާގެ ޕްރޮވިންސެއް ކަމަށްވާ މަނިޓޯބާގެ ޗިލްރަންސް ހޮސްޕިޓަލް ރިސާޗް އިންސްޓިޓިއުޓްގައި މަސައްކަތްކުރައްވާ ޑރ. ނާވޭ ވިދާޅުވި އެވެ.

މިގޮތަށް ބަލިވެ އިނުމުން ދިމާވާ އެންމެ ބޮޑު ދެރައަކީ މައިމީހާ އަށާއި ދަރިފުޅުގެ ފުރާނައަށް ވެސް އިންތިހާއަށް ނުރައްކާ ވުމެވެ. ސަބަބަކީ ރަހިމުން ބޭރުގައި ދަރިފަންޏަށް ފުރިހަމައަށް ހެދިބޮޑުވެވޭނެ ގޮތެއް ނޯންނާތީ އެވެ. ނަސީބަކުން ޑޮކްޓަރުންގެ މިންނަތް މަސައްކަތުން މައިމީހާގެ ފުރާނަ ވަނީ ސަލާމަތް ކުރެވިފަ އެވެ. ނަމަވެސް ތުއްތު ކުއްޖާ ސަލާމަތެއް ނުކުރެވުނެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މިގޮތަށް ފުރަމޭގައި ބަލިވެ އިނުން (ހެޕަޓިކް ޕްރެގްނަންސީ)ގެ 14 ކޭހެއް ފާއިތުވީ 35 އަހަރު ތެރޭގައި ރެކޯޑް ކުރެވިފައި ވެއެވެ. ނަމަވެސް މިފަދަ ގޮތަށް ބަލިވެ އިނުމުގެ ފުރުސަތު އޮތް މިންވަރެއް އަދިވެސް ހޯދިފައި ނެތްކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ.

މެޑިކަލް ޖާނަލްގައި މިފަދަ އެހެން މީހެއްގެ މައުލޫމާތު ވެސް ހިމަނާފައި ވެއެވެ. އުމުރުން 25 އަހަރުގެ މި އަންހެންމީހާގެ ފުރަމޭގައި ކުއްޖަކު ގަރުބަގަނެ ހެދި ބޮޑުވަމުންދާކަން އެނގުނުއިރު ބަލިވެ އިނދެ 18 ހަފުތާ ވެއްޖެ އެވެ. މި އަންހެންމީހާގެ ދަރިފަނި ނެގުމުގެ އޮޕަރޭޝަން ތެރޭގައި ލޭ މަނާ ނުވެ އޭނާ މަރުވެފައިވާ ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައި ވެއެވެ.