ދުނިޔެ

ޔަމަންގެ ހޫތީން މަޝްވަރާއަށް ގޮވާލައިފި

ސައުދީ ކޯލިޝަނާ މަޝްވަރާ ކުރަން އެދޭ ކަމަށް ހޫތީން ބުނެފި އެވެ. ބާޣީން ބުނީ ޔަމަނުގައި އެ ޖަމާއަތުން ހިންގާ ހަމަނުޖެހުންތައް ހުއްޓާލަން ބޭނުން ކަމަށާއި އެކަމުގައި ސައުދީ ކޯލިޝަނަށް ފެންނަ ގޮތެއް ވެސް އެނގެން ބޭނުން ކަމަށެވެ.

ފޮރިން އެފެއާޒް މިނިސްޓަރު ކަމަށް ހޫތީން ކަނޑައަޅާފައި ހުންނަވާ ހިޝާމް ޝަރަފް ވިދާޅުވި ގޮތުގައި މަޝްވަރާތައް ކުރެވެން ވާނީ އދ. ނުވަތަ އެފަދަ އެހެން ބައިނަލްއަގްވާމީ އޮނިގަނޑެއްގެ ބައިވެރިވުން އޮވެގެނެވެ.

ހިޝާމް ވިދާޅުވި ގޮތުގައި ޔަމަންގައި ހިނގަމުންދާ ހަނގުރާމަ ނިމެން ޖެހެ އެވެ. ބައިނަލްއަގްވާމީ މުޖުތަމައަށް އޭނާ ގޮވާލެއްވީ ރަޝިއާ އާއި ޗައިނާ އާއި ޖަރުމަން އަދި ގަލްފުގެ ދައުލަތްތަކުން ޔަމަންގެ ސަންއާގައި މަޝްވަރާ ފެށުމަށެވެ.

އޭނާ ވިދާޅުވީ ޝައުގުވެރިވާ ގައުމުތަކުން މަޝްވަރާގައި ބައިވެރިވި ނަމަވެސް އދ. ގެ ސީދާ ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ބައިނަލްއަގްވާމީ މުޖުތަމައަށް ނިސްބަތްކޮށް ހޫތީ ސަރުކާރުން ބަޔާންތައް ނެރުނު ނަމަވެސް، ހޫތީ ސަރުކާރަކީ ދުނިޔެ ގަބޫލު ކުރާ އެއްޗެއް ނުކުރެވެ. އެހެންކަމުން ހޫތީންގެ ކޮންމެ ގޮވާލުމަކަށް އިޖާބަ ދިނުމަކީ ގައުމުތަކުން ކުރާނެ ކަމެއް ކަމަށް ނުބެލެވެ އެވެ.

ހޫތީންގެ ފަރާތުން މިފަދަ ގޮވާލުމެއް ގޮވާލާފައި މިވަނީ، ޔަމަންގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށް އެމެރިކާ އާއި އިނގިރޭސިވިލާތާއި ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ބުނެފައި ވަނިކޮށެވެ.

ޔަމަނުގައި ހޫތީން ވަކި ސަރުކާރެއް ގާއިމުކުރަން ކުރާ މަސައްކަތްތަކުގެ ސަބަބުން ޔަމަންގެ ހާލަތު ވަނީ ވަރަށް ގޯސްވެފަ އެވެ. ޔަމަނަށް އެހީތެރިކަން ފޯރު ކޮށްދޭން މަސައްކަތްކުރާ ޖަމާއަތްތަކަށް ވެސް ދެމެހެއްޓެނިވި ގޮތުގައި އެކަން ނުވަނީ ހޫތީންނާ ހެދި އެވެ.

ހޫތީން މަޝްވަރާއަށް ގޮވާލި ނަމަވެސް ގަލްފު ގައުމަކުން އަދި އިޖާބައެއް ނުދެ އެވެ. މީގެ ކުރިން ގަލްފެ ގައުމުތަކުން ސުލްހައަށް އެދި ހޫތީންނަށް ކިތަންމެ ފަހަރަކު ވަނީ ދައުވަތު ދީފަ އެވެ. އެހެން ނަމަވެސް މަޝްވަރާއަށް އެއްބަސްވެ ފަހު ވަގުތު ވަނީ ކެންސަލް ކޮށްފަ އެވެ.

ހޫތީންނަކީ ސީދާ އިރާނުން ހިންގާ ގުރޫޕެކެވެ. އީރާނުން ދުނިޔެއަށް ސިއްރުގައި ހޫތީންނަށް އެހީވި ނަމަވެސް މިއީ އެންމެ ދަންނަ ކަމެކެވެ. އަރަބި ގައުމުތަކާއެކު ސުލްހައަށް ހޫތީން ގޮވާލިއިރު، އީރާންއާ ހޫތީންނާ ދެމެދު މަސްލަހަތު ގެއްލިފައި އޮތް ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.