ޕާކިސްތާންގެ ވެރިރަށް ކަރާޗީގައި ގޭސް ބޮމެއް ގޮވައި 16 މީހުން މަރުވެފައިވާ ކަމަށް އިދާރާ ތަކުން ބުނެފި އެވެ. މީހުން ސަލާމަތް ކުރަން މަސައްކަތްކުރާއިރު އޮފިޝަލުން ވިދާޅުވާ ގޮތުން އެކިވަރުގެ އަނިޔާ ލިބުނު މީހުންގެ އަދަދު އަދި މުޅިން ކަށަވަރެއް ނުވެ އެވެ.
ޕޮލިހުން ބުނީ ގޭސް ބޮމެއް ފަދަ އެއްޗެއް ގޮވައި އިމާރާތުގެ ފާރުތަކާއި ފުރާޅު ވެސް ބުރައިގެން ދިޔަ ކަމަށެވެ. އެހެން ނަމަވެސް، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ކަށަވަރުނުވާ ކަމަށެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި ކަރާޗީގެ ސިނާއީ ސަރަހައްދެއްގައި އެވަރުގެ ބާރުގަދަ ގޮވުމެއް ގޮވުމުގެ އަސްލަކީ ގޭސް ލީކުވުން ކަމަށް ބުނަން ދަތި ކަމަށެވެ. އެހެން ނަމަވެސް ގޭސް ޕައިޕްތަކުން ގޭސް ލީކުވެ ބިމު އަޑީގައި ޖަމާވުމަކީ ވެސް އެފަދަ ހާދިސާއެއް ހިނގާފާނެ ކަމެއް ކަމަށެވެ.
ކަރާޗީގެ ފުލުހުންނާ ހަަވާލާދީ ހަބަރުތައް ބުނާ ގޮތުން ގޭސް ބޮން ގޮވަން މެދުވެރި ސަބަބު ބަލާނެ އެވެ. އަދި އެއީ ފާހާނާ ހޮޅިތަކުގައި، ބިމު އަޑީގައި ގޭސް ޖަމާވުމުގެ ސަބަބުން ހިނގި ހާދިސާއެއްތޯ ވެސް ބަލާނެ އެވެ.
ގޭސް ބޮން ގޮވި ހިސާބުގައި ޕާކް ކޮށްފައި ހުރި ވެހިކަލްތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުން ލިބިފައިވެ އެވެ. ބިއްލޫރިތައް ތަޅައިގެން ގޮސް ލުއި ވެހިކަލްތައް ބިމުން ކެހިގެން ގޮސްފައި ވެސް ވެ އެވެ.
ސީސީޓީވީ ކެމެރާތަކުން ލިބެން ހުރި މަންޒަރުތަކަށް ބަލައި ތަހުގީގު ކުރާ ޓީމްތަކުން ޓެރަރިސްޓް ހަމަލާއަކަށް ވެސް ޝައްކުކުރެ އެވެ. ފުލުން ބުނީ މުޅި ސަރަހައްދުން ސާމްޕަލް ނަގައި ކެމިކަލް ޓެސްޓް ހަދާނެ ކަމަށެވެ.
ޕާކިސްތާން އަކީ ޓެރަރިސްޓް ހަމަލާ ގިނަ ގައުމެކެވެ. އެތެރެ އާއި ބޭރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ގުރޫޕްތަކުން ދޭތެރެ ދޭތެއިން ޕާކިސްތާންގެ އެކި އަވަށްތަކުގައި އިމާރާތްތައް ގޮއްވުމާއި ޖާނު ގޮއްވުން ފަދަ އަމަލުތައް އަބަދުހެން ގެންދަނީ ހިންގަމުންނެވެ.