ދުނިޔެ

ބުލީ ކުރުން ނޫން ކަމެއް އެމެރިކާ ނުދަނޭ: ޗައިނާ

އެމެރިކާގެ މަސައްކަތަކީ ހިތްހަމަ ނުޖެހޭ ކަމެއް ހަމަ ދިމާވާ އިރަށް އެބަޔަކާ ޖައްސާލައި ފަލީހަތް ކުރުން ކަމަށާއި އެމެރިކާގެ ކިބާގައި ބުލީ ކުރުމުގެ އާދަ ހުރީ ވެސް ބަޔަކު ބިރުގަންނަ ދަރަޖައަށް ކަމަށް ޗައިނާ ބުނެފި އެވެ.

ޗައިނާ ކޮމާސް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ބުލީ ކުރުމަކީ އެމެރިކާ ކުރާހިތްވާ ކަމެއް ނަމަވެސް އެއީ ނުބައި އާދައެއްކަން ބުނެ ދޭން ޖެހެނީ އެހެން މީހުންނަށެވެ.

ވޮޝިންގްޓަނުން ޗައިނާ ކުންފުނިތައް ބްލެކް ލިސްޓްކޮށް ހިރި ނުލެވޭވަރު ކުރުމަކީ ވެސް ބުލީ ކުރުން ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމެރިކާގެ އަމަލުތައް ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ، ޑަބްލިޔުޓީއޯއާ ވެސް ހިލާފު ކަމަށެވެ.

ޗައިނާއިން ވިޔަފާރިގައި ކުރިއަރައި ދާން އެދޭ ކަމަށާއި އެހެން ނަމަވެސް އެކަން ކުރަން ބޭނުން ވަނީ ދުޅަހެޔޮ މާހައުލެއްގައި އެއްވެސް ބަޔަކަށް ގެއްލުން ނުވާ ގޮތުގައި ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

އެމެރިކާގެ އަމަކުތަކުގެ ސަބަބުން ގިނަ ބައެއްގެ ހައްގުތައް އުނިވެ، ގެއްލިގެންދާ ކަމަށާއި އިންވެސްޓަރުންގެ ޝައުގުވެރިކަން ވެސް ގެއްލިގެން ދާ ކަމަށް ޗައިނާ ބުނެ އެވެ.

ޗައިނާ ގަބޫލުކުރާ ގޮތުގައި އެމެރިކާއަކީ މަސައްކަތުން ކުރިއަރަން އެނގޭ ގައުމެއް ނޫނެވެ. ދުނިޔެއަށް ބިރު ދެއްކުމާއި ލޫޓުވުން ނޫން އެމެރިކާ ނުދަންނަ ކަމަށް ވެސް ޗައިނާ ބުނެ އެވެ.

އެމެރިކާއިން ގެންދަނީ ޗައިނާ އެކި ގޮޅިގޮޅިއަށް ފައްތައި ކުންފުނިތަކަށާއި ވަކިވަކި ފަރުދުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

އެމެރިކާ ދެކޭ ގޮތުގައި ޗައިނާއަކީ އެމެރިކާއަށް އޮތް ސީދާ ވާދަވެރިޔާ އެވެ. އަދި ބޮލަށް ބަޑިޖަހައިގެން ނޫން ގޮތަކަށް ބަޔަކު ސުލްހަ ކުރަން އެމެރިކާ ނުދަނެ އެވެ.