އެޗްޕީއޭ

ބޫސްޓާއަށް ހުޅުވާލުން ލަސްވަނީ ސިރިންޖް ނެތިގެން

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށް ވެކްސިންގެ ބޮޑު ކެންޕެއިން ފެށުމަށް ތައްޔާރީތައް ވަމުންދާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް އެޗްޕީއޭ އިން ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެނެވެ. އެއީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. މިހާރު ވެކްސިން ޖަހަމުންދަނީ 50 އަހަރުން މަތީގެ މީހުނަށެވެ.

ނަމަވެސް އިތުރު ވެކްސިން ލިބުމުން އާންމުކޮށް ހުޅުވާލައިގެން ވެކްސިން ދޭން ފެށުމަށް އެޗްއީއޯސީން އޮތީ ނިންމާފައެވެ. އަދި އެކަމަށް ހާއްސަ ކެންޕެއިނެއް ފެށުމަށް ނިންމާފައިވެއެވެ.

އެޗްއީއޯސީ އިން މިއަދު ބުނީ ފައިޒާ ވެކްސިންގެ 100،620 ޑޯޒް ލިބިފައިވާ ކަމަށާ ވެކްސިން ޕްރަގްރާމް ފެށުމަށް ފެށުމަށް ބޭނުންވާ ތައްތާރީތައް ވަމުން އަންނަ ކަމަށެވެ. އަދި ފައިޒާ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ސިރިންޖް ހޯދުމަށް ދުނިޔޭގައިވެސް މިވަގުތު ދަތި ކަމަށްވެސް ބުންޏެވެ.

އަދި ވެކްސިންއާއެކު ލިބެން ޖެހޭ ސިރިންޖް ޝިޕްމަންޓްގައި ލަސްތަކެއް އުޅޭ ކަމަށާ ސިރިންޖް ލިބި އެހެނިހެން ތައްޔާރީތައް ވެވުމުން ވެކްސިން ޖަހަން ފަށާނެ ދުވަހެއް އިއުލާނު ކުރާނެ ކަމަށެވެ. ނަމަވެސް މިހާރު އޮތް ކެޓަގަރީތަކަށް ބޫސްޓާ ޑޯޒް ޖަހަމުން ގެންދާނެ ކަމަށް ބުންޏެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 396،358 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެ އެވެ. އަދި 366،165 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ. ބޫސްޓާ ޖަހާފައިވަނީ 22،093 މީހުންނެވެ.