ހަންގޭރީގެ ޔުނިވާސިޓީތަކުން މަތީތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
ހަންގޭރީ ސަރުކާރާއެކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިިދިޔަ މަހު އެކުލަވާލި އެއްބަސްވުމުގެ ދަށުން އެގައުމުން ވަނީ ހަތަރު އަހަރަށް ބަހާލައިގެން 60 ސްކޮލާޝިޕް ދިނުމަށް އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. އެއީ އަހަރަކަށް 15 ސްކޮލާޝިޕް އެވެ.
މި ސްކޮލަޝިޕް ސްކީމްގެ ދަށުން ބެޗެލާޒްއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވޭނެ އެވެ. އަދި ސްކޮޕާޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ދެ ކޮޅު ޓިކެޓް ފިޔަވައި ހުރިހާ ހަރަދެއް ހަންގޭރީ ސަރުކާރުގެ ފަރާތުން ހަމަޖައްސައިދޭނެ އެެވެ.
ހަންގޭރީ ސްކޮލަޝިޕްގެ ފުރުސަތުގެ ދަށުން އިންޖިނިއަރިންއާއި ކޮމްޕިއުޓާ ސައިންސާ އާއި ސިއްހީ ދާއިރާ އަދި ޓީޗިންގެ ދާއިރާތަކުން ބެޗެލާޒް އަދި މާސްޓާސްއަށް ކިޔެވޭނެ އެވެ. އަދި ޕީއެޗްޑީ ނަމަ ބޭނުން ދާއިރާއަކުން ކިޔެވޭނެ އެެވެ.
ހަންގޭރީގެ ސްކޮލަޝިޕްގެ ދަށުން އިނގިރޭސި ބަހުން ހިންގާ ޕްރޮގްރާމްތަކުގައި ވެސް ބައިވެރިވެވޭނެ އެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ޗައިނާ ސަރުކާރުން ހަމަޖައްސައިދޭ ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
މި ސްކޮލާޝިޕްގެ ދަށުން ހުޅުވާލާފައި ވަނީ ބެޗްލާސް ޑިގްރީގެ ދެ ފުރުސަތާއި، މާސްޓާސް ލެވަލްގެ ދެ ފުރުސަތުގެ އިތުރުން ޕީއެޗްޑީއަށް ކިޔެވުމުގެ ދެ ފުރުސަތެވެ.