ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ހަންގޭރީން މަތީ ތައުލީމުގެ ސްކޮލާޝިޕްތަކެއް

Nov 9, 2021

މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ރާއްޖޭގެ ދަރިވަރުންނަށް ހަންގޭރީ ސަރުކާރުން ސްކޮލާޝިޕްތަކެއް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި ހަންގޭރީ ސަރުކާރުން އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަތަރު އަހަރު ވަންދެން އެ ގައުމުން ރާއްޖޭގެ ދަރުވަރުންނަށް މަތީ ތައުލީމް ހާސިލްކުރަން ސްކޮލާޝިޕް ދޭނެ އެވެ. ހަތަރު އަހަރަށް ބަހާލައިގެން 60 ސްކޮލާޝިޕް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ އަހަރަކަށް 15 ސްކޮލާޝިޕް އެވެ.

ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ރާއްޖެއިން ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އެވެ. ހަންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރީ އެންޑް ޓްރޭޑްގެ ސްޓޭޓް ސެކްރެޓަރީ ޑރ. އޯސޮލްޔާ ޕަކްސޭ-ތޮމަސިޗް އެވެ.

މި އެއްބަސްވުމުގެ ދަށުން ފުރަތަމަ ޑިގްރީ، މާސްޓާސް ޑިގްރީ، ޕީއެޗްޑީ އަދި ކުރު މުއްދަތުގެ ޕްރޮގްރާމްތައް ހިމެނޭހެން ރާއްޖޭގެ ދަރިވަރުންނަށް ސްކޮލާޝިޕްތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސްކޮޕާޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ދެ ކޮޅު ޓިކެޓް ފިޔަވައި ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިފައި ވަނީ ހަންގޭރީ ސަރުކާރުގެ ފަރާތުންނެވެ.