ޅ. މަޑިވަރުގައި ތަރައްގީ ކުރި އެއާޕޯޓް މި އަހަރު ހުޅުވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އައިލެންޑް އޭވިއޭޝަންއިން ބުނެފި އެވެ.
މިދިޔަ މަހު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މަޑިވަރު އެއާޕޯޓް މި އަހަރު ނިމުމުގެ ކުރިން ނިންމަން އަންގާފައިވާ ކަަމަށެވެ.
ޓްރާންސްޕޯޓްގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ މަޑިވަރު އެއާޕޯޓްގެ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށާއި އަދި އެއާޕޯޓް ތަރައްގީކުރި ކުރެއްދޫ ހޯލްޑިންގްސްއިން ބޭނުން ވަނީ އެތަން އައިލެންޑް އޭވިއޭޝަންއިން ހިންގަން ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްބަސްވުމެއް އަދި އެކުލަވާލެވިފައިވާ ނުވާ ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު މިއަދު ވިދާޅުވީ މަޑިވަރު އެއާޕޯޓް ހިންގުމާ ހަވާލުވުމުގެ އެއްބަސްވުންތަކާ ގުޅޭ ގޮތުން މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
"އުއްމީދު އެބައޮތް މި އަހަރު ނިމުމުގެ ކުރިން މަޑިވަރު ނިމުމުގެ ކުރިން ހިދުމަތް ފެށޭނެ ކަމުގެ. ކުރެއްދޫން ވަރަށް ފުރިހަމައަށް އެއާޕޯޓް ހަދާފައި އެއޮތީ" މިހާދު ވިދާޅުވި އެވެ.
މަޑިވަރު އެއާޕޯޓް ވަކި މުއްދަތެއް ހުޅުވަން މީގެ ކުރިން ދެ ފަހަަރު އެއްގުމުން ވެސް މުއްދަތުގައި ނުހުޅުވުނެެވެ.
ސިޓީ ހޮޓަލާއެކު، މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން މަޝްހޫރު ޓޫރިޒަމް ކުންފުނި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރީ 29 މެއި 2018 ގައެވެ
ކުރިން ސިފައިންގެ ޓްރެއިނިން މަރުކަޒެއް ހިންގި މަޑިވަރުގައި އެއާޕޯޓު ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް ކުރެއްދޫ ހޯލްޑިންސްއިން ކުރިން ބުނެފައިވެ އެވެ.
މިއީ އާއްމުކޮށް ހުންނަ ރީޖަނަލް އެއާޕޯޓުތަކެކޭ އެއް ސައިޒުގެ އެއާޕޯޓެކެވެ. މި އެއާޕޯޓުގެ މަސައްކަތް ކޮށްފައިިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ގިނަ މަސައްކަތްތަކެއް ކުރާ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ.