ބޭރު ކުޅިވަރު

ރެއާލް ބަލިވެ، އެތްލެޓިކޯ ބާސެލޯނާ އަތުލައިފި

ސްޕެނިޝް ލީގުގައި ރޭ އެތްލެޓިކޯ މެޑްރިޑުން ބާސެލޯނާ އަރާ ހަމަކުރިއިރު ރެއާލް މެޑްރިޑް އަނެއްކާ ވެސް ބަލިވެއްޖެ އެވެ.

އެތްލެޓިކޯ މެޑްރިޑް މޮޅުވީ އެތްލެޓިކް ބިލްބާއޯ އަތުން 2-1އިންނެވެ. ލަނޑު ޖެހީ އެންޓޯނިއޯ ގްރައިޒްމަން އާއި ސައުލް ނިގުއޭޒެވެ.

މިމޮޅާއެކު އެތްލެޓިކޯ ވަނީ އެއްވަނާގައިވާ ބާސެލޯނާއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށްފަ އެވެ. ކޮންމެ ޓީމަކަށް ވެސް މިހާރު ލިބިފައިވަނީ 35 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން އެއްވަނާގައިވަނީ ބާސެލޯނާ އެވެ.

އެންމެ ފަހުން ކުޅުނު ދެ މެޗުން ބާސެލޯނާ އެއްވަރުވުމުގެ ފައިދާ އެތްލެޓިކޯނެގިއިރު ރެއާލް މެޑްރިޑަށް ފުރުސަތު ގެއްލުނީ ރޭ ވިޔަރެއާލް އަތުން 1-0އިން ބަލިވުމުންނެވެ.

މެޗުގެ ނުވަވަނަ މިނިޓްގައި ރޮބާޓޯ ސޮލްޑާޑޯ ޖެހި ގޯލުން ވިޔަރެއާލް މޮޅުވުމުން ރެއާލް ވަނީ އެތްލެޓިކޯ އާއި ބާސެލޯނާ އަށްވުރެ ފަސް ޕޮއިންޓް ފަހަތުގަ އެވެ. އެ ޓީމަށް 30 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނަ ލިބޭއިރު 27 ޕޮއިންޓާއެކު ވިޔަރެއާލް އޮތީ ފަސް ވަނާގަ އެވެ.