މޯލްޑިވްސް ނޭޝަނަލް ޕާޓީ

އިންޑިއާ އައުޓް ކެމްޕޭނަކީ ޖަރީމާއެއް: ނާޒިމް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ހަރަކާތެއް ނޫން ކަމަށާއި އެކަމުގައި އެއްވެސް މީހަކު ބައިވެރި ނުވާން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފި އެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ "އިންޑިއާ އައުޓް" ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތަކަކީ އެ ޕާޓީން ގަބޫލުކުރާ ހަރަކާތްތަކެއް ނޫން ކަމަށެވެ. ނަމަވެސް ރާއްޖޭގައި ބޭރު ގައުމެއްގެ އަސްކަރީ ސިފައިން ތިބުމަކީ ދިވެހި ރައްޔިތުން އެދޭ ކަމަކަށް ނުވާތީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަށް އެ ޕާޓީން ވެސް ތާއީދު ނުކުރާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ގާނޫނާ ހިލާފު އަމަލުތަކަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވީ އެއީ ވަކި ސިޔާސީ ބޭފުޅެއްގެ ވެރިކަމުގައި ހިންގާފައިވާ ކަންތައްތަކެއްގައި މަތިއަޅާ ފޮރުވަން ހިންގާ ކެމްޕޭނެއް ކަމަށެވެ.

"މިއީ ގައުމީ ކެމްޕޭނެއް ނޫން. އެމްޕީން ގަބޫލެއް ނުކުރަން އިންޑިއާ އައުޓް މިއީ ގައުމީ ކެމްޕޭނެއް ކަމަކަށް. އަޅުގަނޑު ހަމަ އިލްތިމާސް ކުރަން ދިވެހި ހުރިހާ ރައްޔިތުންނަށް މި ކެމްޕޭންގައި ބައިވެރި ނުވަން. އެއީ ގައުމަކާ ދޭތެރޭ އެގޮތަށް ކަންކަން ކުރެވިގެން ނުވާނެ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ގައުމެއްގައި ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައި ހުރި ބޭފުޅަކު ގައުމެއްގެ ނަން ޖަހައިގެން ނުކުމެ ހުރެ އެގޮތަށް ނުކުމެ ހުންނެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ނާޒިމް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓް ލައިގެން ބައެއް ފަތުރުވެރިން އުޅޭތީ އެކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެގޮތަށް އަމަލުކުރުމަކީ ރާއްޖެެއަށް ދެވޭ ދެރައެއް ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިނގަމުންދާތީ އިންޑިއާ އައުޓް ކެމްޕޭން ނާޒިމް ސިފަކުރެއްވީ ޖަރީމާއެއްގެ ގޮތަށެވެ. އިންޑިއާ އައުޓް ކެމްޕޭންގެ ސަބަބުން ގައުމަށް ލިބޭނެ ގެއްލުންތަކެއް ހުންނާނެތީ ރައްޔިތުން އެކަމަށް "ހޭލުމަށް" ވެސް ނާޒިމް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު ހަމަ ވަރަށް އާދޭހާ އެކު ލޮބުވެތި ރައްޔިތުންނަށް ދަންނަވަން މިފަދަ ކަންކަމުގައި ބައިވެރިވެވަޑައި ނުގަންނަވާށޭ. އިގްތިސާދީ ގޮތުން ދިވެހިރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެގެން ހިނގައިދާނޭ. އަޅުގަނޑުމެން އުޅެންޖެހޭނީ މީހުންނާ އެކީގައި. އަޅުގަނޑުމެން އުޅެންޖެހޭނީ ބަވަނަ ވެފައި އޮތް ޒަމާނެއްގައި ހުރިހާ މީހުންނާ އެކީގައި. ވަކި އަމިއްލަ ފަރުދެއްގެ އަމިއްލަ ކަންކަން އިސްކޮށްގެން ކަންކަން ކުރުމުގެ ފުރުސަތު އަޅުގަނޑުމެން މިރާއްޖޭގައި ދީގެން ނުވާނެ.،" ނާޒިމް ވިދާޅުވި އެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި އެމްއެންޕީގެ ނައިބް ރައީސް އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ ސީދާ ވަކި ގައުމަކާ ދިމާކޮށްލައިގެން ކުރިއަށް ގެންދާ ކެމްޕޭނަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އެވަގުތަކު ވެރިކަމުގައި އޮންނަ ސަރުކާރަކުން ވަކި ގައުމަކަށް ސިޔާސީ ގޮތުން ބަރޯސާ ވަނީ އެ އިރެއްގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާ އަކު ބަލިކަށިވުމުން ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ އެމްޑީޕީ އައިސް އިންޑިއާ ނޫން ބައެއް ނެތް. ޕީޕީއެމްގައި ޗައިނާ ނޫން ބައެއް ނެތް. މިއެއްޗެތި ސަކްސަސްފުލްއެއް ނުވާނެ. މިއީ ވަރަށް ކުޑަ ގައުމެއް، ދިވެހިރާއްޖެއަކީ،" ރިޔާޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވަކި އަތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތެއް ގެންގުޅެފައިވާތީ އެކަމަށް ތައުރީފް ކުރައްވާ ރިޔާޒު ވިދާޅުވީ ރާއްޖެ އޮންނަން ވާނީ އެގޮތަށް ކަމަށެވެ.

އެމްއެންޕީގެ ނައިބް ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ހަމައެކަނި މިއަދު ނޫން ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައިވެސް އެ މީހުން ތިބި ކަމަށެވެ.

އުޝާމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ވިސާ އާކޮށްދީފައިވާ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން އެންގީ ހެޔޮ ނިޔަތުގައި ނޫން ކަމަށާއި ޔާމީން ބޭނުންވި ނަމަ އެ މީހުން ބޭލޭނެ ކަމުގައި ވިދާޅުވި އެވެ. ރައީސް ޔާމީން ބޭނުންވުމުން އިދިކޮޅު ހުރިހާ އިސް ބޭފުޅުން ހައްޔަރުކޮށްގެން އެމަނިކުފާނު ވެރިކަން ކުރެއްވި ކަމަށްވެސް އުޝާމް ފާހަގަކުރެއްވެވި އެވެ.

"އެހެންވީމާ އަޅުގަނޑު މިދަންނަވަނީ މިހާރު ވެސް އެ ވާހަކަދައްކަވަމުން އެ ގެންދަވަނީ ކޮންމެހެނަކުން ހެޔޮ ނިޔަތަކު ރަނގަޅު އިންޓެންޝަނަކު ނޫނޭ. ރައީސް ޔާމީންގެ ޕާސަނަލް ކަންތައްތަކަކާ ގުޅިގެން އެ ވާހަކަތައް އޮޅުވާލުމަށްޓަކައި ރައްޔިތުންނަށް ރައީސް ޔާމީންގެ ކޮރަޕްޝަންގެ ވާހަކަ އަޑު ކަނޑުވާލުމަށްޓަކައި އިންޑިއާ މިލިޓަރީ އައުޓޭ، އިންޑިއާ އައުޓޭ ކިޔާ ކެމްޕޭނެއް ފައްޓައިގެން ކުރިއަށް އެ ގެންދަނީ،" ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އުޝާމް ވިދާޅުވި އެވެ.