ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލްގެ މަރާމާތަށް 20 މިލިއަން

Dec 19, 2021
2

ދަރުމަވަންތަ ހޮސްޕިޓަލްގެ މެއިންޓަނަންސް މަސައްކަތްތަކަށް 20 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާ، ދެ ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ތިން އަހަރު ދުވަހަށް މަސައްކަތް ހަވާލުކޮށްފައިވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏަށާއި، ސިންގަޕޫރުގެ ޝަންހުއާ ކޮންސްޓްރަކްޝަނަށެވެ.

ޓާމެކްސް ކުންފުންޏަކީ ސައުދި އަރަބިއްޔާގެ ރަސްގެފާން ސަލްމާންގެ އެހީގައި މާލޭގައި ހަދާފައިވާ މިސްކިތް އިމާރާތް ކުރި ކުންފުންޏެވެ. ދަރުމަވަންތަ ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ބައެއް ވަސީލަތްތައް ވެސް އެ ހޮސްޕިޓަލަށް މީގެކުރިން ސަޕްލައިކޮށްދިނީ ޓާމެކްސްގެ ފަރާތުންނެވެ.

ޝަންހުއާ އަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ކުރި ކުންފުންޏެވެ.

މެޑިކަލް ސާމާނުތަކުގެ މެއިންޓަނަންސް މަސަައްކަތް ޓާމެކްސްއާ ހަވާލުކުރީ 4.6 މިލިއަން ރުފިޔާ އަށެވެ. ޝަންހުއާ އާއި ހަވާލުކުރީ ދަރުމަވަންތަ އިމާރާތާއި އެތަނުގައި ބޭނުންކުރާ ބައެއް ސިސްޓަމްތަކުގެ މެއިންޓަނަންސް މަސައްކަތެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 15.7 މިލިއަން ރުފިޔާ އަށެވެ.

މި ދެ ކުންފުންޏާ އެކު އެއްބަސްވުން ހެދީ ދަރުމަވަންތަ ހޮސްޕިޓަލްގައި ކުރަންޖެހޭ މެއިންޓަނަންސް މަސައްކަތުގައި އުޅޭ މުވައްޒަފުން ތަމްރީން ވެސް ކުރަންޖެހޭ ގޮތަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ޒަމާނީ ވަސީލަތްތަކެއް ގާއިމުކޮށްފައިވީ ނަމަވެސް އަދިވެސް އެކަށީގެންވާ ހިދުމަތެއް ނުދެވޭ ކަމުގެ ޝަކުވާ އާންމުން ކުރެ އެވެ.