ރަޝިއާ ހުށަހެޅި ޕްރޮޕޯސަލް އެމެރިކާ އާއި ނޭޓޯ ގަބޫލު ނުކޮށްފި ނަމަ އޮންނާނީ ތައްޔާރީ ހާލަތުގައި ކަމަށް އެ ގައުމުން ބުނެފި އެވެ.
ރަޝިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އެލެކްޒެންދަރު ގްރަސްކޯ އެ ގައުމުގެ ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ރަޝިއާ އެދޭ ގޮތް ތަފުސީލުކޮށް އެމެރިކާ އާއި ނޭޓޯއަށް ސެކިޔުރިޓީ ޕްރޮޕޯސަލެއް ހުށަހަޅާފައި އޮންނާނެ އެވެ.
ވަޒީރު ވިދާޅުވީ ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަމަށް ރަޝިއާ ވިސްނާނެ ކަމަށާއި ސެކިޔުރިޓީ ޕްރޮޕޯސަލްގައި ހުރި ޝަރުތުތަކަށް އެމެރިކާ އާއި ނޭޓޯއިން އެއްބަސްވާން ބޭނުން ނޫން ނަމަ، ރަޝިއާ އޮންނާނީ ތައްޔާރީ ހާލަތުގައި ކަމަށެވެ.
ޔުކްރޭން އާއި ރަޝިއާ ގުޅޭ ބޯޑަރު ސަރަހައްދަށް ރަޝިއާގެ އަސްކަރީ ފައުޖުތައް ޖަމާ ކުރަމުން ގެންދާތީ އެމެރިކާ އާއި ނޭޓޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރަޝިއާގެ މި އަމަލަކީ ޔުކްރޭނަށް އަރައިގަންނަން ހިންގާ ހަރަކާތެއް ގޮތުގައި ވިލާތާއި ހުޅަނގުން ދެކެ އެވެ.
ރަޝިއާގެ ދިފާއުގައި ފިޔަވަޅުތައް އަޅަން ފެށުމުން ރަޝިއާ އެ ކުރަނީ، އުފައްދާފައި ހުރި ހުރިހާ ގާނޫނަކާއި ގަވާއިދަކާ ޚިލާފު ހަރަކާތްތަކެއް ކަމަށް އެއްވެސް ބަޔަކު ބުނާނެ ކަމެއް ނެތް ކަމަށް ވަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ފިޔަވަޅެއް އަޅަން ޖެހޭއިރު ވަގުތު އޮންނާނީ ފާއިތުވެފައި ކަމަށާއި އެމެރިކާ އާއި ނޭޓޯއިން ކަނުލައި އަޑުއަހާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ގްރަސްކޯ ވިދާޅުވީ ރަޝިއާގެ އަސްކަރިއްޔާއިން ފަރިތަ ކުރުންތައް ހުއްޓާލަން އޮތް ޝަރުތައް ޕްރޮޕޯސަލްގައި ހިމަނާފައި އޮންނާނެ ކަމަށެވެ. އެމެރިކާ އާއި ނޭޓޯއަށް އެގޮތް ކަމުދާ ހިސާބުން ރަޝިއާ އަމާން ތަނަކަށް ބަދަލުވީ ކަމަށެވެ.
ރަޝިއާ ބުނާ ގޮތުން ޔުކްރޭން އަށް މުގޫހިފައި އެމެރިކާ އާއި ނޭޓޯއިން ކުޅެނީ ކުޅިގަނޑެކެވެ. ވުޖޫދުގައި ވެސް ނެތް ކަމެއް އުފައްދައި، ރަޝިއާ ބޮލަށް ކަނޑާލައިގެން އުޅެނީ ސިޔާސީ ބޭނުމެއްގައި ކަމަށް ރަޝިއާ ބުނެ އެވެ.
ޔުކްރޭނަށް މާ ހެޔޮ ބައެއް ގޮތުގައި އެމެރިކާ އާއި ނޭޓޯއިން ދުނިޔެ އަށް ދައްކަމުން ދާއިރު އަސްލު އަމާޒަކީ ރަޝިއާއިން ޖަރުމަނަށް އަޅާފައި އޮތް ގޭސްހޮޅި، "ނޯޑް ސްޓްރީމް 2" ކަމަށް މަޝްރަހު ދިރާސާ ކުރާ މީހުން ބުނެ އެވެ.
ނޯޑް ސްޓްރީމް 2 އަކީ ރަޝިއާ އަށް ލައްކަ ފައިސާ ވައްދައިދޭނެ ނިޒާމެކެވެ. ރަޝިއާއިން ޔޫރަޕަށް އެހާ ގިނަ ގޭސް ވިއްކުމަކީ އެމެރިކާ އަށް އޮތް ވަރަށް ބޮޑު ދެރައެއް ކަމަށް ވެސް ލަފާކުރާ މީހުން ބުނެ އެވެ. އެހެންކަމުން ރަޝިއާ ލައްވައި ކޮންމެވެސް ގޯހެއް ހައްދައި، ނޯޑް ސްޓްރީމް 2 ބޭނުން ނުކުރެވޭ ގޮތް ހެދުމަކީ އެމެރިކާގެ އަސްލު އެޖެންޑާ އެވެ.