(މިދިޔަ ބުރާސްފަތި ދުވަހުގެ އަދަދާ ގުޅޭ)
އޭގެ ދިހަ ވަރަކަށް މިނެޓު ފަހުން މިޝްކާގެ މެސެޖެއް ސައުންގެ ފޯނަށް އައެވެ. އޭގައި ލިޔެފައި ވަނީ ސައުންގެ ކިބައިން މަޢާފަށް އެދޭ ވާހަކައާއި ދެން އެހެން ނޫޅޭނެ ވާހަކައެވެ. އަދި ސައުންގެ ދިރިއުޅުމުން މިޝްކާ ވަކިވާން ނޭދޭ ވާހަކައެވެ. މެސެޖު ކިޔާލުމަށް ފަހު ދެވަނަ ސިކުންތުގައި މެސެޖު ޑިލީޓް ކޮށްލިއެވެ. މިޝްކާގެ އެއްވެސް ވާހަކައެއް އެއްވެސް ހައިޞިއްޔަތަކުން އަހާކަށް ބޭނުމެއް ނުވިއެވެ. އަދި ސައުންގެ ވިސްނުމުގައި މިޝްކާއާ އެކު ދެން އިތުރަށް އެންމެ ދުވަހަކުވެސް ދިރިއުޅުމުގެ އުއްމީދެއް ނެތެވެ. އާލިޔާއާގެ ލޯތްބަށް ކުރެވޭ އުއްމީދު މާފޮންޏެވެ.
ސައުންގެ ބޮލުގެ ރިހުމަކަށް މިއަދުވެފައި ވަނީ އާލިޔާ އޮފީހަށް ނައުމެވެ. އެތައް ފަހަރަކު ފޯނުން އާލިޔާއާއި ގުޅޭތޯ މަސައްކަތް ކުރިއެވެ. ދެތިން ފަހަރު ފޯނު ރިންގުވިއެވެ. ނަމަވެސް މިހާރު ވަނީ ފޯނުވެސް ނިންވާލައިފައެވެ.
މެންދުރު ނަމާދަށް ބަންގި ގޮވަން ފެށުމުން މިސްކިތަށް ވަދެލައިފައި އައިސް އިތުރަށް އާލިޔާގެ ޚަބަރެއް ބެލުމަށް ނިންމިއެވެ. ނަމާދަށް ދާން ގޮނޑިން ތެދު ވިއެވެ. އެވަގުތު އޮފީހުގެ މުއައްޒަފަކު ގެނެސް އެ ދިނީ ސިޓީއެކެވެ. ތިޔައީ ކޮންއެއްޗެއްހޭ ބުނުމުން އެ މުއައްޒަފު ބުންޏެވެ. "މިއީ އާލިޔާ އޮފީހުން ވަކިވަން އެދި ލިޔެފައިވާ ސިޓީއެކެވެ." ސައުން ސިޓީ އަތުލުމަށް ފަހު އަނެއްކާ ވެސް ގޮޑީގައި އިށީނެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން ކަހަލައެވެ. އަދި އަސަރާއެކު އެ ސިޓީ އާއި ދިމާލަށް ބަލާލިއެވެ. ހަތަރު އުދަރެސް ފެނު ޖެހެމުން ދާކަމުގައި ހީކުރެވުނެވެ. ބޮލުގައި އަތްއަޅާ ފުން ވިސްނުމަކަށް ގެއްލުނެވެ. އާލިޔާ ފަދަ މުއައްޒަފަކު ކުންފުނިން ވަކިވުމަކީ ކުންފުންޏަށް ލިބޭ ހީނަރުކަމެކެވެ. ސައުންގެ ހަޔާތަށް އާލިޔާ ނައި ނަމަވެސް އޮފީސް ދޫކޮށް ލުމަކީ ސައުން އެދޭ ގޮތެއް ނޫނެވެ. ހިތުގެ ގޮވެލި ފަތި ވަނީ ހައްތާ އިތުރެވެ. ޒަޚަމުވެފައި ވާހިތް އިތުރަށް ޒަޚަމު ވަމުން ގޮސް އޭގެ ދިލަ ހޫނާ އުދާހުން ސައުންގެ ސިކުޑި މޮޔަ ކުރުވަމުން ދިޔައެވެ. އެންމެ ދުވަހަކު ވެސް އާލިޔާގެ ސޫރަ ނުފެނުމަކީ މިހާރު ހުރި ހާލަތުން ސައުންގެ ބަލިބޮޑު ވާނެކަމެކެވެ. ސައުން އެކިގޮތް ގޮތަށް ވިސްނުމަށް ފަހު ނިންމީ މިކަމުގައި އިތުރު މީހަކު މެދުވެރި ނުކޮށް ޚުދު ސައުން ތެދު ވުމަށެވެ. ސައުން ނިންމީ އާލިޔާގެ މަންމައާއި ބައްޕައާއި ބައްދަލުކޮށް ސައުން ބޭނުންވާ ގޮތް ހާމަކުރުމަށެވެ. ލަދުގަނެ ފަސްޖެހުމަކީ އަތުން އެތައް ނަޞީބެއް ބީވެދާނެ ކަމެއް ކަމަށް ނިންމިއެވެ. ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެ ކަމަށް ދެކުނެވެ.
ވުމާ އެކު ނަމާދުން ނިމިގެން އާލިޔާގެ ސިޓީ ހިފައިގެން އެގެއަށް ދިއުމަށް ނިންމިއެވެ. އެހެން ކަމުން ނަމާދު ކޮށްލުމަށް ފަހު ސައުންގެ މިސްރާބު ހުރީ އާލިޔާގެ ގެއާއި ދިމާލަށެވެ. ހަލަބޮލި ޓުރެފިކުން ސަލާމަތްވެ، އާލިޔާގެ ގެއާ ހިސާބަށް ދެވުނު އިރު މެންދުރު އެކެއް ޖަހައިފިއެވެ. ސަލާމް ގޮވާލުމުން ސަލާމް ބަލައިގަތީ އާލިޔާގެ މަންމައެވެ.
ސައުންނަކީ އެ ފެމެލީ އަށް އާމޫނެއް ނޫނެވެ. އެއީ އެކިއެކި މުނާސަބު ތަކުން މުވައްޒަފުންގެ އާއިލާ މެންބަރުންނާއި ބައްދަލު ވެވިފައި ވާތީއެވެ އެހެން ނަމަވެސް ކުއްލި ހައިރާން ކަމެއް ލިބުނީ މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތު އާލިޔާގެ ގެއަށް އޮފީހުގެ ވެރިޔާ ވަޑައިގަތުމުންނެވެ. އާލިޔާގެ މަންމަ ވަރަށް އަދަބު އިޙްތިރާމާ އެކު ވަދެ އިށީންނަށް ބުނުމަށްފަހު ގޭތެރޭން އެހެން ކުއްޖަކަށް އެއްޗެއް ގެނައުމަށް އެދުނެވެ. ސައުން އެ އަޑު އަހާ އެކަން މަނާކުރިއެވެ. އަދި އާލިޔާ ކޮބައިތޯ ސުވާލުކުރިއެވެ. އެ ހިދު އާލިޔާގެ މަންމަ ބުނީ އާލިޔާ އުޅެނީ ބަލިވެކަމުގައެވެ. މިއަދު އޮފީހަށް ނުދިޔައީ ވަރަށް ބޮޑަށް ބޮލުގައި ރިހޭތި ކަމުގައެވެ. ސައުން އާލިޔާގެ ބައްޕަ ކޮބައިތޯ ސުވާލުކުރިއެވެ. އެހެން ބުނެ ނުނިމެނީސް ފެނުނީ ވަދެގެން އަންނަ ތަނެވެ. އާލިޔާގެ ބައްޕަ އަތުގައި ބާޒާރު ކޮށްގެން ގެނައި ކޮތަޅުތައް ހުއްޓެވެ.
އާލިޔާގެ ބައްޕައަށް ސައުން ފެނުމުން އެ ތަކެތި އަވަސް އަވަހަށް ގޭތެރޭން ކުއްޖަކު އަތަށް ދިނުމަށް ފަހު ސައުންގެ ކައިރިއަށް އައިސް ސަލާމް ކޮށްލުމަށްފަހު ޖެހިގެން ހުރި ގޮޑީގައި އިށީނެވެ.
އާލިޔާގެ ބައްޕަ ސުވާލު ކުރިއެވެ. މިހާ ނުވަގުތެއްގައި ތިޔަ ދުރުވީ ކިހިނެއްވީތޯ؟ އެހިދު ސައުން ދިއްކޮށްލީ އާލިޔާ އޮފީހުން ވަކިވާން އެދި ފޮނުވާފައިވާ ސިޓީއެވެ. އެ ސިޓީގެ ސަބަބުން އާލިޔާގެ ބައްޕައާ މަންމައަށް އިތުރު ހައިރާން ކަމެއް ލިބުނެވެ. މުޅި އާއިލާގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ އާލިޔާގެ މިންނެތް މަސައްކަތުން ލިބޭ ފައިސާއިންނެވެ. އާލިޔާގެ ބައްޕަ އަކީ ހިތުގެ ބައިޕާސް ހަދާފައި ހުންނަ ބަލި މީހަކަށް ވާތީ ބުރަމަސައްކަތް ކޮށްގެން ގިނަ ލާރި ހޯދާކަށް މާބޮޑު މަސައްކަތެއް ނުކުރެވެއެވެ. އާލިޔާގެ މުސާރައަށް ބަރޯސާވެފައިވާ މި އާއިލާ އަށް ލިބުނީ ވަރަށް ބޮޑު ސޮކެކެވެ. އެހެން ކަމުން އާލިޔާގެ ބައްޕަ އާލިޔާގެ މަންމަ ގާތު އާލިޔާއަށް ގޮވުމަށް ބުންޏެވެ.
އެހިދު އެކަން ސައުން މަނާކުރިއެވެ. އަދި އާލިޔާއާއި އެ ވާހަކަ ނުދެއްކުމަށް އެދުނެވެ. ވަޒީފާއިން އާލިޔާ ވަކި ނުކުރާނެ ކަމުގެ ޔަގީންކަން ދިނެވެ. ހަމައެކަނި ސައުންނަށް އާލިޔާ އެކު އެކަނި ވާހަކަ ދައްކާލުމުގެ ފުރުސަތެއް ލިބިދާނެތޯ އެދުނެވެ. އެސުވާލުގެ ޖަވާބު ދިނުމުގެ ކުރިން އާލިޔާގެ ބައްޕަ ވިސްނާލިއެވެ. އަދި ސައުންނާއި އާލިޔާއާ ދެމެދު ހަމަ ނުޖެހުން ތަކެއް ހިގާފައި ވީ ކަމަށް ނިންމިއެވެ. އެ ވިސްނުމުގައި މައްސަލަ ހައްލު ކުރަން އެދޭތީ ސައުން އާލިޔާއާއި ބައްދަލު ކުރަން ފުރުޞަތުދިނެވެ. އަދި އާލިޔާއަށް ގޮވިއެވެ. އާލިޔާ އަންނަތަން ފެނުމުން އާލިޔާގެ މަންމައާ ބައްޕަ އެތަނުން ދުރަށް ދިޔައެވެ. އާލިޔާ ސިޑިން ތިރިއަށް ފައިބައިގެން އައި އިރު ސައުންނެއް ނުދެކެއެވެ. ވުމާއެކު ބައްޕަ ގޮވާލެއްވީ ކީކުރަން ވަންތޯ އެއްސެވެ. އެހިދު ބައްޕަ އަތުގެ އިޝާރާތުން ސައުން ދެއްކިއެވެ. އާލިޔާ ކުރިއަށް އެޅި ފިޔަވަޅު މަތީ ހުއްޓެވުނެވެ. އަދި އައިކޮޅަށް އެބުރި ދާން ބޭނުންވިއެވެ. އެކަމަކު މަންމައާ ބައްޕަ ފެންނަން ތިބުމުން އެމީހުންނަށް އިތުރު ކަމެއް އެނގި ދާނެތީ ވަރަށް ވިސްނުމަށް ފަހު ސައުންގެ ކައިރިއަށް އައެވެ.
އާލިޔާ އެތާ އިށީނުމަށް ސައުން އެދުނެވެ. އެހެން ނަމަވެސް އާލިޔާ އެ އަޑެއް ނާހައެވެ. ގެއަށް ތިޔަ ދުރުވީ ކީއްވެތޯ ސުވާލުކުރިއެވެ. ސައުން ޖަވާބު ދިނެވެ. ފޯނު ނިއްވާލައިފަ އޮތީމަ ނުގުޅިގެންނެވެ. އިތުރު ނަމްބަރެއް އެގޭނަމަ ގެއަށް ނައިސް ހައްލު ވޭތޯ ބެލީމުހެވެ.
ސައުން އާލިޔާއަށް ދިއްކޮށްލީ އާލިޔާ ފޮނުވި ސިޓީއެވެ. މި ސިޓީ އޮފީހަށް ބަލައި ގަނެވެން ނެތް ވާހަކަ ބުނަން މި އައީ އަދި އާލިޔާ އޮފީހުން ވަކިވާން ނިންމި ނިންމުން ކިތަންމެ ބޮޑު އަގެއް ދީގެން ވެސް ބަދަލު ކޮށްދީ ފާނަށްތޯ އަހަން މިއައީ!
އާލިޔާ: ނޫން ތިޔަ ސިޓީ ގެންދަވާ! އަދި އަޅުގަޑު އެދޭ ގޮތަށް ތިޔަ ކަންތައް ކޮށްދެއްވާ! އަޅުގަޑަށް އެހެން އޮފީހަކުން ވެސް ވަޒީފާ ލިބިދާނެ. އެކަމަކު ސައުންނަށް ސައުންގެ އަލަތު އަނބި މީހާއާ ދަރިން މުހިންމު ވާނެ. ކުދިންނާއި ވަކިން ނޫޅެވޭނެ. އަޅުގަޑާއި މެދު ތިޔަ ގެންގުޅުއްވާ ވިސްނުން ބަދަލު ކުރައްވާ!
ސައުން: ޕުލީޒު އާލިޔާ! ތިޔަހެން ނުބުނޭ! އަހަރެން މާޔޫސް ނުކުރޭ! އަހަރެންގެ ހާލަތު އެންމެ ރަގަޅަށް އެގޭނެ މީހަކީ އާލިޔާ! ހުރިހާ ވަގުތެއްގައި ވެސް އެހީތެރިކަމާއި މަދަދާއި އަޅާލުން ދިން ފަރާތަކީ އާލިޔާ! މިއަދު އަހަރެން ހާލުގައި ޖެހުންމުން ތިޔަހާ ހަރުކަށި ނުވޭ! މައިންބަފައިން ނިޔާވެ ބައެއްގެ އަތް ދޮށުގައި ނިކަމެތި ހާލުގައި ބޮޑުވަން ޖެހުނު އިރު ތަހައްމަލު ނުކުރާ ހިތާމަ މިއަދު އެބަ ކުރަން. އަހަރެން ދެކެމުން އައި ހުވަފެނުގެ އެއްބައި ކަމަށްވާ މިކުންފުނި ބަގުރޫޓު ވިޔަނުދީ! އޮފީހުގެ ހުރިހާ ރިސްކެއް ބޮލު އަޅައިގެން މި ކުންފުނި ކުންފުންޏެއްގެ ގޮތުގައި ދެމި އޮތުމަށް ހުރިހާ ހަކަތައެއް ހޭދަ ކުރަމުންދާ އެއްފަރާތަކީ އާލިޔާ! އާލިޔާއާއި ނުލައި ކުންފުންޏާއި އަހަރެން ވެސް ބަނގުރޫޓް ވެދާނެ. ޕުލީޒު! އަހަރެންނަށް ރަހުމު ކުރޭ! ހިލަހިތެއގެ ވެރިއަކަށް ނުވެ އަހަރެންނާއި މެދު އޯގާތެރިވެދީ! އަދި ތިޔަ ހިތުން ޖާގައެއް ދީ! އާލިޔާއާއި ނުލައި އަހަރެންގެ ދިރި އުޅުމަކީ މަންޒިލެއް ނެތް ހަޔާތަކަށް ވެގެން ހިގައިދާނެ. އެހެން ބުނަމުން އާލިޔާގެ އަތުގައި ހިފަން ސައުން މަސައްކަތް ކުރިއެވެ.
އެހެންނަމަވެސް އާލިޔާހުރީ ސައުންގެ ފުށުން ހިނގާފާނެ އެ ފަދަ އަމަލަކާއި މެދު ވިސްނައިގެންނެވެ. ވުމާއެކު އަތް ދަމައިގަނެ ދުރަށްޖެހިލިއެވެ. ގޭތެރޭން މީހަކަށް ކުޑަވެސް ލިސާނެއް މިކަމުގައި ވެއްޖެނަމަ އާލިޔާއަށް ފޯސް ކުރާނެ ވަރު ޚުދު އާލިޔާއަށް އެގެއެވެ. އެއީ މިހާރު ވެސް ބައެއް ފަހަރަށް ސައުންގެ ކުދިންގެ ކަންކަމުގައި އެކި ތަންތަނަށް ދިއުމާއި ސައުންގެ ޕާސަނަލު ކަންކަމުގައި އާލިޔާ ބޭނުން ކުރާތީ ގޭމީހުން ނުލާހިކު ދިމާކުރެއެވެ. ބައެއް ފަހަރު އަޅުވާ ކިޔާ ހަދާތި އިސްތިރި ޖެހިދާނެއޭ ކިތަންމެ ފަހަރަކު ޚުދު އާލިޔާ ވެސް ބުނެފައި އެބަހުއްޓެވެ. މިއަދު ސައުން ގެޔަށް އައުމުން ދެން ކޮއްލާނެ ވަރު ހިތަށް އަރާ އާލިޔާ ހުރީ ވަރަށް ކަންބޮޑު ވެފައެވެ. ސައުން އަވަހަށް ފޮނުވާލެވޭނެ ގޮތަކާ މެދު އާލިޔާ ވިސްނިއެވެ. އެންމެ ރަނގަޅު ވިސްނުމަކަށް އައީ ފޯނު ހުޅުވުމެވެ. އެހެން ކަމުން އަވަސް އަވަހަށް ފޯނު ހުޅުވާނަމޭ ބުނަމުން އެގެއިން އެބުރި ދާން އެދުނެވެ. ފޯނު ކުރައްވާ! އެއިރުން ސައުން ކުރާ ކޮންމެ ސުވާލަކަށް ވެސް ޖަވާބު ދޭނަށް.