އިންޑިޔާގެ ހައިދަރުއާބާދުގައި ހުންނަ ކިޑްނީއަށް ފަރުވާ ދޭ ހޮސްޕިޓަލަކުން މިދިޔަ ބުރާސްފަތި ދުވަހު ހެދި ސާޖަރީއެއްގައި މީހެއްގެ ކިޑްނީ އިން 156 ހިލަކޮޅު ނަގައިފި އެވެ. އުމުރުން 50 އަހަރުގެ މި މީހާގެ ކިޑްނީން ހިލަ ނަގާފައިވަނީ ލޯވަޅު ތޮރުފައިގެންނެވެ.
ޕްރީތީ ޔޫރޮލޮޖީ އެންޑް ކިޑްނީ ހޮސްޕިޓަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިންޑިޔާގައި މިހާތަނަށް އެއްވެސް މީހެއްގެ ގައިން މިހާ ގިނަ ހިލަ ނެގިކަން ރެކޯޑް ކުރެވިފައި ނުވާ ކަމަށެވެ. ބަނޑު ފަޅާލައިގެން ބޮޑު ސާޖަރީއެއް ހެދުމުގެ ބަދަލުގައި މި މީހާގެ ހިލަތައް ނަގާފައިވަނީ އެންޑޮސްކޮޕީ އާއި ލެޕެރެސްކޮޕި ބޭނުންކޮށްގެންނެވެ.
ކިޑްނީން މިހާ ގިނަ ހިލަ ނެގި މީހާއަކީ ކަރްނާޓަކާގެ ހުބްލީގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. އެމީހާގެ ބަނޑަށް ކުއްލިއަކަށް އެއް ދުވަހު މާ ބޮޑަށް ތަދުވާތީ ޑޮކްޓަރަށް ދެއްކިކަމަށާއި ކިޑްނީގެ ސްކޭނުން ގިނަ އަދަދެއްގެ ހިލަ ހުރިކަން ޔަގީން ކުރެވުނީކަމަށެވެ.
އާންމުކޮށް މީހުންގެ ކިޑްނީ ހުންނަނީ ޔޫރިނަރީ ޓްރެކްޓްގައި ނަމަވެސް މިމީހާގެ ކިޑްނީ އިނީ ބަނޑާ ކައިރީގަ އެވެ. މިއީ އާއްމުކޮށް މީހުންގެ ކިޑްނީ އިންނަތަނެއް ނޫނެވެ. ނަމަވެސް އެމީހާގެ ކިޑްނީގައި އެހާ ގިނަ ހިލަ އުފެދުނީ ކިޑްނީ އެ އިންނަންވާ ތަން ނޫން އެހެން ތަނެއްގައި އިނުމުން ނޫންކަމަށް ވެސް ހޮސްޕިޓަލުން ބުނެފައި ވެއެވެ. އެހެން ތަނެއްގައި ކިޑްނީ އިނުމުން އޭގައި ހުރި ހިލަތައް ނަގަން ޑޮކްޓަރުންނަށް އިތުރަށް އުނދަގޫވިކަމަށް ވެއެވެ.
"ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނޫނީ މިހާ ގިނަ ހިލަ އުފެދޭނެ ކަމަކަށް ނުބެލެވޭ. ނަމަވެސް ފާއިތުވީ ދެ އަހަރު ބަލިމީހާއަށް މީގެ އެއްވެސް އުނދަގުލެއް ދިމަލެއް ނުވޭ. އެ މީހާގެ ބަނޑަށް ކުއްލިއަކަށް ތަދުވާން ފެށުމުން ހެދި ޓެސްޓްތަކުން ކިޑްނީގައި އެތައް ބައިވަރު ހިލަތަކެއް ހުރިކަން އެނގުނީ،" ހޮސްޕިޓަލުގެ ބަޔާނުގައި ވެއެވެ.
އެމީހާގެ ކިޑްނީގައި ހުރި ހުރިހާ ހިލަ ނަގައި ސާފުކުރުމުގައި ޑޮކްޓަރުން ވަނީ ކާމިޔާބު ހޯދާފައި ކަމަށާއި މި މީހާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.