ރާމާމަކުނަކީ ވަރަށް ލާނެތް ޖަނަވާރެކެވެ. އެސޮރުމެން ބަދަލު ހިފުމުގެ ރޫހުގައި ނުކުމެއްޖެނަމަ ހުއްޓުވުމަކީ ވެސް އެހާމެ އުނދަގޫ ކަމެކެވެ. އިންޑިޔާގެ މަހަރަޝްތުރާގެ އަވަށެއްގެ މީހުންނަށް މިކަމުގެ ތަޖުރިބާ ވަރަށް ރަނގަޅަށް ވަނީ ކުރެވިފަ އެވެ.
ބަދަލު ހިފުމުގެ ރޫހުގައި ނުކުތް ރާމާމަކުނުތަކެއް ހަމަލަދީ އެ އަވަށުން 250 އަށް ވުރެ ގިނަ ކުއްތާ މަރާލާފައި ވެއެވެ. ރާމާމަކުނުތައް ރުޅި އައީ އެސޮރުމެންގެ ތެރެއިން މަކުނެއްގެ ދަރިންތަކަކަށް ކުއްތާތަކެއް ހަމަލަދީ އެ ކުދި ރާމާމަކުނުތައް މަރާލުމުންނެވެ.
ރާމާމަކުނުތައް ކުއްތާތަކަށް ހަމަލަދޭ މަންޒަރުތަކުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ކުއްތާތައް ގަދަކަމުން ދަމާފައި ގެންގޮސް އުސް ގަސްގަހަށާއި ގޭގޭގެ ފުރާޅަށް އަދި އުސް ބިލްޑިންގްތަކުގެ މައްޗަށް އަރުވާފައި ވައްޓާލާ މަންޒަރު މި ވީޑީއޯގައި ފެނެ އެވެ.
އެ އަވަށުގައި ދިރިއުޅޭ ހުރިހާ ކުދި ކުއްތާތަކެއް ރާމާމަކުނުގެ ހަމަލައިގައި މަރުވުމުން ދެން އެސޮރުމެންގެ ހަމަލަ އަމާޒުވީ ސްކޫލަށް ދާ ކުޑަކުދިންނަށެވެ.
އެ އަވަށުގެ މީހުން ބުނެފައިވާ ގޮތުގައި ރާމާމަކުނުތައް އައިސް ކުއްތާތައް ވަށާލައި ފަހަރަކު އެއްޗެއް ދަމާ ގެންގޮސް އުސް ތަނަކަށް އަރުވާފައި ވައްޓާލައި މަރާލަނީ އެވެ.
މީހުން ލޯބިން އޮޅުކޮށްގެން ގެންގުޅޭ ކުއްތާތައް ވެސް މަރާތީ އަވަށުގެ މީހުން ފޮރެސްޓް ޑިޕާޓްމަންޓަށް އަންގައިގެން އެމީހުން ރާމާމަކުނުތައް ހިފަން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެންމެ ރާމާމަކުނެއް ވެސް އެމީހުންނަކަށް ނުހިފުނެވެ.
ފޮރެސްޓް އޮފިޝަލުންނަށް ކާމިޔާބު ނުވުމުން ކުއްތާތައް ރާމާމަކުނުގެ ހަމަލައިން ސަލާމަތްކުރުމަށް ނުކުމެ ރާމާމަކުނުތަކާ ކުރިމަތިލި އެވެ. ބައެއް ކުއްތާތައް ރާމާމަކުނުގެ އަތުން އަތުލަން މަސައްކަތް ކުރުމުގެ ތެރޭގައި ބައެއް މީހުންނަށް ވެސް އުސް ތަންތަނުން ވެއްޓި އަނިޔާ ލިބުނެވެ. ނަމަވެސް އަވަށުގައި އެންމެ ކުއްތާއެއް ސަލާމަތުން އޮއްވާ ވެސް ރާމާމަކުނުތަކުގެ ރުޅި މަޑު ނުވެ މުޅި އަވަށުގެ މީހުންނަށް ބޮޑު ބިރުވެރި ކަމަކަށް ވިއެވެ.