ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދު (އެމްޑީ) ގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދައުލަތުން އުފުލި ދައުވާތައް ސާބިތު ނުވާ ކަމަށް ކަނޑައަޅައި އޭނާ މިނިވަންކޮށްފި އެވެ.
ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ މުހައްމަދު އަހްމަދުގެ މައްޗަށް އުފުލީ މީގެކުރިން 2015 ވަނަ އަހަރު އޭނާ ގދ. ގައްދޫ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ކުޑަކުއްޖަކާ އެކު ޖިންްސީ އަމަލެއް ހިންގުމުގެ ތުހުމަތުގަ އެވެ.
މުހައްމަދުގެ މައްޗަށް އުފުލީ މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
މިމައްސަލަ ގައްދޫ ކޯޓުން އިއްޔެ ނިންމާފައި މިވަނީ މުހައްމަދު އަހްމަދުގެ މައްޗަށް އުފުލި ދައުވާތައް ކުރިއަށް ނުގޮސް ގައްދޫ މެޖިސްޓްރޭޓު ކޯޓުގައި އޮންނަތާ އެތައް އަހަރެއް ފަހުންނެވެ. މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތަށް 60 ދުވަސް ލިބޭތީވެ އެ މައްސަލަ އިސްތިއުނާފް ކުރުމާ މެދު އަދި ވަކިގޮތެއް ނިންމާފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
މައްސަލައިގެ ތުހުމަތުގައި ފުލުހުން މުހައްމަދު ހައްޔަރުކޮށްފައި ހުއްޓާ ގައްދޫ ކޯޓުން މީގެކުރިން މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު ވަނީ އޭނާ ދޫކޮށްލުމަށްވެސް އަމުރުކޮށްފަ އެވެ. ނަމަވެސް ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން މުހައްމަދު ހުރީ ގދ. ތިނަދޫގައި ފުލުހުންގެ ބަންދުގަ އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މުހައްމަދު އަހްމަދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނިކޮށް އޭނާ ވަނީ ބަންދުގައި ހުންނަވައިގެން ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވައި ގޮނޑި ވެސް ކާމިޔާބު ކުރައްވާފަ އެވެ. އަދި މިދިޔަ މަހުގެ 17 ވަނަ ދުވަހު ކައުންސިލްގެ ރައީސް ކަމުގެ ހުވާ ވެސް ކުރައްވާފައިވެ އެވެ.
މުހައްމަދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ގައްދޫ ކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެން މިއަދު އޭނާ ވަނީ އަލުން އޮފީހަށް ނިކުމެ ވަޑައިގެން ގައްދޫ ކައުންސިލްގެ ރައީސްގެ ޒިންމާއާއި މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފަ އެވެ. އެކަމަކު އޭނާގެ މައްސަލައަކީ ކައުންސިލްގެ މަސައްކަތާ ގުޅުންހުރި ކަމަކަށް ނުވާތީ ކަމަށް ވިދާޅުވެ މައްސަލައާއި ގުޅޭގޮތުން އަވަސް އިން ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއްވި އެވެ.