ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެއްމެދު އިމާރާތުގެ ބިލު ތަސްދީގުކޮށްފި

އެއްމެދު އިމާރާތުގެ ބިލު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވި އެ ބިލަކީ ރާއްޖޭގައި ބިނާކުރާ އިމާރާތްތައް އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމާއި، އެއްމެދު އިމާރާތްތަކުގައި ހިމެނޭ ޔުނިޓުތައް ގަނެވިއްކުމާއި މިލްކު ކުރުމުގެ ހަމަތައް ބަޔާން ކުރުމާއި، އެއްމެދު އިމާރާތްތައް ބެލެހެއްޓުމާއި ބޭނުންކުރުމުގެ އުސޫލުތައް ބަޔާންކޮަށްފައިވާ ބިލެކެވެ.

އޭގެ ތެރޭގައި، ރާއްޖޭގައި ބިނާކުރާ އިމާރާތްތައް، އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކޮށް ދިނުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓުތައް، ވަކިވަކި މީހުންނަށް މިލްކު ކުރެވޭނެ ގޮތް މަގުފަހި ކޮށްދީ، އެ ޔުނިޓުތައް މިލްކުވާނެ ގޮތްތައް ކަނޑައެޅުމާއި، އެއްމެދު އިމާރާތުގެ ބައިތަކުގައި ދިރިއުޅެ، އެ ތަންތަން ގަނެވިއްކައި، ކުއްޔަށްދީ، އަދި އެނޫން ވެސް މުއާމަލާތްތައް ކުރެވޭނެ ގޮތް މަގުފަހި ކޮށްދިނުން ހިމެނެއެވެ.

އަދި އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރާ އިމާރާތުގެ ބިމާއި އާންމު ސަރަހައްދުތައް ބަލަހައްޓައި ބޭނުން ކުރާނެ އުސޫލުތައް ކަނޑައެޅުމާއި، ބިމާއި އިމާރާތުގައި ހިމެނޭ ވަކިވަކި ޔުނިޓުތައް މިލްކު ކުރާ މީހުންނަށް ލިބޭ ހައްގުތަކާއި، ޒިންމާތައް ކަނޑައެޅުން ވެސް މަގުސަދުގެ ތެރޭގައި ހިމެނެ އެވެ

މީގެ އިތުރުން ރާއްޖޭގައި ރިއަލްއެސްޓޭޓް ވިޔަފާރިތައް ފުޅާކުރުމުގެ ފުރުސަތު ޑިވެލޮޕަރުންނަށް ހޯދައިދިނުމާއި، ހަރުދަނާ އުސޫލުތަކާއި ހަމަތަކެއްގެމަތިން އެއްމެދު އިމާރާތްތަކާގުޅޭ މުއާމަލާތްތައްކޮށް، އެއްމެދު އިމާރާތްތައް ހިންގައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން ވެސް އެ ބިލުގެ ތެރޭގައި ހިމެނެ އެވެ.