ހަބަރު

ކޮޕް21 އަކީ ރާއްޖެއަށް ވެސް ބޮޑު ކާމިޔާބެއް: ތޯރިގް

  • ކޮޕް އެއްބަސްވުމަކީ ރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެއް
  • ރާއްޖެއިން ދެއްކީ ހުސްވާހަކައެއް ނޫން އަމަލީ މަސައްކަތް ކުރި
  • އެއޯސިސްގެ ރިޔާސަތުގައި އޮވެ ބުރަ މަސައްކަތް ކުރެވުނު

ކޮޕް 21 އާ އެކު ރާއްޖެ ތާރީހުގެ ތެރެއަށް ވަދެފައިވާ ކަމަށާއި މިއީ އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ދެކޮޅުހެދޭނެ ވަރަށް ވުރެ މާފާޅުކަންބޮޑު ކާމިޔާބީ އެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 11 އިން އިއްޔެގެ ނިޔަލަށް ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްގެންދިޔަ އެ ކޮންފަރެންސްގައި ބައިވެރިވި 196 ގައުމުން ވަނީ ދުނިޔޭގެ ފިނިހޫނުމިން ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށުގައި ބެހެއްޓުމަށް އެއްބަސްވެފަ އެވެ. މިގޮތުން، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރުމަށް ވެސްވަނީ އެއްބަސްވެފައެވެ.

އިއްޔެ ސޮއިކުރި އެއްބަސްވުމާ ބެހޭގޮތުން މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ކޮޕް21ގައި އެއްބަސްވެވުނު ޕެރިސް އެގްރީމަންޓަކީ، ކުދި ޖަޒީރާ ގައުމުތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށެވެ. އެއްބަސްވުމުގައި ކުދި އަދި ބިންތިރި ޖަޒީރާ ގައުމުތަކުގެ ނާޒުކުކަމަށް ސަމާލުކަން ދިނުން ހިމެނިފައިވުމަކީ، ރާއްޖެ ފަދަ ގައުމުތަކަށް ލިބިގެންދިޔަ މުހިންމު ކާމިޔާބީއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހާއްސަ ގޮތެއްގައި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ އިއާދަނުކުރެވޭ ފަދަ ގެއްލުންތަކާ ގުޅިގެން އަމަލުކުރާނެ ގޮތްތައް މިއެއްބަސްވުމުގައި ހިމެނިގެން ދިއުމަކީ ކުދި އަދި ބިންތިރި ޖަޒީރާ ގައުމުތަކުގެ މުސްތަގުބަލަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަން މިނިސްޓަރު ތޯރިގް ވަނީ ފާހަގަކުރައްވާފަ އެވެ.

މިއެއްބަސްވުމުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތައް ހައްލުކުރުމަށް ހަރަދުކުރާ ފައިސާ ތަރައްގީވަމުން އަންނަ ގައުމުތަކަށް ދިނުމަށް ވެސް ހިމެނިފައިވެއެވެ.

ކޮޕް 21 ގެ އެއްބަސްވުމުގެ ނުގުތާތައް:

  • ޖައްވަށް ބޭރުކުރާ ގްރީން ހައުސް ގޭހުގެ މިންވަރު މަދުކޮށް ބެލެންސް ކުރުން
  • ފިނިހޫނުމިން ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށްކުރުން، 1.5 ޑިގްރީ ސެލްސިއަސް އަށް ލިމިޓްކުރަން މަސައްކަތް ކުރުން
  • މަސައްކަތް ދާ ގޮތް ކޮންމެ ފަސް އަހަރަކުން މުތާލިއާ ކުރުން
  • 2020 ގެ ފަހުން ތަރައްގީވަމުން އަންނަ ގައުމުތަކަށް އަހަރަކު 100 ބިލިއަން ޑޮލަރުގެ އެހީ

"އެއޯސިސްގެ މިދައުރުގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ގޮތުގައި ރާއްޖެ އޮވެ ކުރި މަސައްކަތާއި އެކުކުދި ގައުމުތަކަށް މި ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް. މޫސުމަށް އަންނަ ބަދަލުތަކުން އެއްމެ ބޮޑަށް އަސަރުކުރަނީ ކުދި ގައުމުތަކަށްކަމަށްވާއިރު މި ބައްދަލުވުމުގެ ނިންމުންތަކަކީ ކުދި ގައުމުތަކަށް ލިބުނު ހިނިތުންވުމެއް" މިނިސްޓަރ ތޯރިގު ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވި ގޮތުގައި، އެމަނިކުފާނު އަބަދުވެސް މަސައްކަތްޕުޅުކުރައްވަނީ ހުސް ވާހަކަތައް ދެއްކުމުގެ ބަދަލުގައި އަމަލީ ގޮތުން ނަތީޖާ ނެރެދެއްވުމަށެވެ. ކޮޕް 21 އަކީ އޭގެ މިސާލެއް ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.

"'ޕެރިސް އެގްރިމެންޓް' ގައި ދުނިޔޭގެ ފިނިހޫނުމިން މަތިވާ މިންވަރު 1.5 ޑިގްރީގައި ބެހެއްޓެމަށް އެންމެބޮޑަށް ވަކާލާތުކޮށްފައިވަނީ އެއޯސިސްއިން. މި ފަހަރު އެއޯސިސް އިން މި ހޯދި ކާމިޔާބީ އަކީ އެއޯސިސްގެ ހަޔާތުގައި ވެސް ހޯދި އެއްމެ ބޮޑު ކާމިޔާބީ. މެމްބަރު ގައުމުތަކުން، ރާއްޖޭގެ ފަރާތުން ކުރި މަސައްކަތް ފާހަގަކޮށް ޝުކުރުވެރިކަމާއި އެކު އެކަން ބަލައިގަނޭ. ރާއްޖޭގެ ލީޑަރޝިޕްގެ އަގުވަޒަންކުރެވޭ" މިނިސްޓަރ ވިދާޅުވިއެވެ.