އަރަބިއްޔާ ސްކޫލް

އަރަބިއްޔާގެ ދިފާއުގައި ޑރ. ޒަކަރިއްޔާ ނުކުންނަވައިފި

Dec 20, 2021
1

އަރަބިއްޔާ ސްކޫލުގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އެ ސްކޫލުގެ ކުރީގެ މުދީރު އަދި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ މިހާރުގެ ވައިސް ޗާންސެލަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އަރަބިއްޔާގެ ދިފާއުގައި ނުކުންނަވައިފި އެެވެ.

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ހިންގާ "ސޭވް އަރަބިއްޔާ" ކެމްޕޭންގައި ބައިވެރިވެވަޑައިގެން ޒަކަރިއްޔާ ދެއްވެވި އިންޓަވިއުއެއްގައި ވިދާޅުވީ އަރަބިއްޔާ ސްކޫލު ހުރުން މުހިއްމުތޯ ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ. އެކަމަށް ޖަވާބު ދެއްވަމުން ޒަކަރިއްޔާ ވިދާޅުވީ އަރަބިއްޔާ އުފެއްދި މަގުސަދަށް ބަލާއިރު އެ ސްކޫލަކީ ކޮންމެހެން ވެސް ހުންނަން ޖެހޭ ސްކޫލެއް ކަމަށެވެ.

ޒަކަރިއްޔާ ވިދާޅުވީ އަރަބިއްޔާއަކީ އަރަބި ތައުލީމުދޭ ހަމައެކަނި ސްކޫލަށް ވާތީ އެތަނަކީ ދިވެހިންގެ އެތައް ބައެއްގެ އުއްމީދާ ގުޅިފައިވާ ސްކޫލެއް ކަމަށެވެ.

"ރާއްޖޭގެ އެހެނިހެން ސްކޫލު މަދަރުސާތަކެކޭ އެއްފަދައިން އަރަބިއްޔާ ސްކޫލަކީ ވެސް، އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއަކީ ވެސް އެ މަދަރުސާއެއްގެ ވުޖޫދުވުމަށް، ހުރުމަށް ވަރަށް ބޮޑަށް ބޭނުންވާނެ ތަނެއް،" ޒަކަރިއްޔާ ވިދާޅުުވި އެވެ.

އޭނާ ވިދާޅުވީ އަރަބިއްޔާ އިން ނުކުންނަ ދަރިވަރުންނަކީ ވެސް ރާއްޖޭގައި އެކި ދާއިރާތަކުން ގައުމަށް ހިދުމަތް ކުރާނެ ދަރިންތަކަކަށް ވާނެ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫން ކަމަށެވެ. އަރަބިއްޔާގެ ކުރީގެ ދަރިވަރުން މިހާރު ވެސް އެކި ދާއިރާތަކުގައި ހުނަރުވެރި މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ފާހަގަކުރެއްވެވި އެވެ.

އަރަބިއްޔާގައި ކިޔަވައިދޭ މަންހަޖާ ގުޅޭގޮތުން ބައެއް މީހުން ސުވާލު އުފައްދަމުން ގެންދާތީ އެކަމަށް ވެސް ޒަކަރިއްޔާ ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން ޒަކަރިއްޔާ ވިދާޅުވީ އަރަބިއްޔާގެ މަންހަޖަކީ ރާއްޖޭގެ އާންމު ވިސްނުމާ ހިލާފަށް އެއްވެސް ކަމެއް ކުރުމަށް މަގުފަހިކޮށްދޭ މަންހަޖެއް ނޫން ކަމަށެވެ.

"އެއާ ހިލާފަށް [އަރަބިއްޔާގެ މަންހަޖަކީ] ރާއްޖޭގެ އިސްލާމީ ވަހުދަތާ އެއްބައިވަންތަ ކަމަށް ވަރަށް ބޮޑަށް އަމާޒު ކުރެވިގެން ފަރުމާކުރެވިފައި ހުރި މަންހަޖެއް،" ޒަކަރިއްޔާ ވިދާޅުވި އެވެ.

އަރަބިއްޔާގެ ދަރިވަރުން ކިޔަވަމުންދާ އިމާރާތުގައި ރެނދުލައި އެތަނުގައި ކިޔަވައިދިނުން ރައްކާތެރިކަމަކަށް ނުވާތީ ސަރުކާރުން ވަނީ އެ ސްކޫލުގެ ދަރިވަރުން އިއްޒުންދީން ސްކޫލުގެ ދަރިވަރުން ކިޔަވާ އިމާރާތުގައި ކިޔަވާ ގޮތަށް ހަމަޖައްސާފަ އެވެ. އަރަބިއްޔާގެ ބެލެނިވެރިން ވަނީ ސަރުކާރުގެ އެ ނިންމުމާ ދެކޮޅު ހަދާފަ އެވެ. އަރަބިއްޔާގެ ދަރިވަރުންނަށް ވަކިން ހާއްސަ ސްކޫލެއް ހުންނަންޖެހޭނެ ކަމަށް ބުނެ ކޮންމެ ދުވަހަކު ބެލެނިވެރިން ގެންދަނީ އިހްތިޖާޖު ވެސް ކުރަމުންނެވެ.