ރައީސް އޮފީސް

އޭސީސީގެ މެންބަރު ކަމަށް ހުޅުވާލައިފި

Dec 20, 2021

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސުތު މިއަދު ހުޅުވާލައިފި އެވެ.

އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަހްމަދު ޝަކީލް މިމަހުގެ 16 ވަނަ ދުވަހު ކޮމިޝަނުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މެންބަރު ކަމަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 30ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30ގެ ނިޔަލަށެވެ.

ރައީސް އޮފީހުން ބުނީ އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިގުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 އަދި 30 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް އެ އޮފީހުން ކަމަށެވެ.

އޭސީސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވެސް މިމަހުގެ ދެވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާގެ ބަދަލުގައި ވެސް ކޮމިޝަނަށް މެންބަރަކު ހޯދުމަށްޓަކައި ރައީސް އޮފީހުން ހުޅުވާލި އެވެ.

އޭސީސީގެ މެންބަރު ކަމުން އަޝްރަފާއި ޝަކީލް އިސްތިއުފާ ދެއްވީ އޭސީސީގެ މެންބަރުން ކޮމިޝަނުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުންނެވެ.

އޭސީސީގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެވެ.