މާލޭ ސިޓީ ކައުންސިލް

ޕާކިން ޒޯންތަކުގެ ގުރުނެގުން މާދަމާ

މާލޭގެ އެކި ސަރަހައްދުތަކުގެ ޕާކިން ޒޯންތަކުގައި އަގު ނަގައިގެން ވެހިކަލް ޕާކް ކުރަން ކަނޑައަޅާފައިވާ ޖާގަ ތަކުގެ ގުރު ނެގުން އަލުން މާދަމާ ރޭ އޮންނާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މާލޭގައި ތަރައްގީ ކޮށްފައިވާ ޕާކިން ސްލޮޓްގެ ގުރުއަތު ނެގުމުގައި ފާހަގަ ކުރެވިފައިވާ އިދާރީ މައްސަލަތައް ހައްލުކޮށްފައިވާ ކަމަށެވެ. އަދި އަލުން ޕާކިން ސްލޮޓް ތަކުގެ ގުރުއަތުލުން މާދަމާ ރޭ 9:00 ޖަހާއިރު ކައުންސިލްގެ އާންމު ހިދުމަތްތަކާއި ބެހޭ ބައިގައި އޮންނާނެ ކަމަށެވެ.

ޕާކިން ސްލޮޓްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅި ހުރިހާ މީހުނަށް ގުރުއަތުގައި ބައިވެރިވާން ކައުންސިލުން ވަނީ ދައުވަތު ދީފަ އެވެ.

ޒޯންތައް ލިބުނު މީހުންގެ ގުރުނެގުން މާލޭ ސިޓީ ކައުންސިލުން އެންމެ ފަހުން ބާއްވާފައި ވަނީ މި މަހުގެ ހަވަނަ ދުވަހު އެވެ. ނަމަވެސް ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވި އެވެ. އަދި އެ ޒޯންތަކުގައި ކުއްޔަށް ދޫކުރަން ކަނޑައަޅާފައިވާ ޖާގަތައް ލިބުނު މީހުން ކަނޑައެޅުމުގައި އަމަލުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ އެ މައްސަލަ އޭސީސީ އަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

މިކަމާ ގުޅޭގޮތުން މީގެ ކުރިން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސްލޮޓްތައް ދިނުމުގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ކައުންސިލުގެ އެއްވެސް މެންބަރަކު ނުހިންގާ ކަމަށެވެ. ނަމަވެސް ޕާކިން ސްލޮޓުތަކުގެ ގުރުއަތު ނެގުމުގައި އިދާރީ މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ގުރުއަތު ނެގުމުގައި އިދާރީ ގޮތުން ހުރި މައްސަލަތަކާ ހެދި ހިތްހަމަނުޖެހުމާއި ޝައްކު އުފެއްދުމުގެ ފުރުސަތު އޮތްކަން ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

މާލޭގެ 10 ސަރަހައްދެއްގައި ހަދާފައިވާ 211 ޕާކިން ޒޯން ކުއްޔަށް ދިނުމަށް ހުޅުވާލުމުން 969 މީހަކު ވަނީ ކުރިމަތިލާފައި ވެއެވެ.

އެންމެ ގިނަ ޖާގަ ހުޅުވާލީ ސަލްމާން މިސްކިތް ކައިރީގައިވާ ޒޯނުންނެވެ. އެ ސަރަހައްދުން 58 ޖާގަ ކުއްޔަށް ދޭން ނިންމާފައިވެ އެވެ. ދެވަނަ އަަށް އެންމެ ގިނަ ޖާގަ ކުއްޔަށް ދޫކުރަން ނިންމީ ވައިދެރިހިނގުމުންނެވެ. އެ ސަރަހައްދުން 44 ޖާގަ ކުއްޔަށް ދޫކުރާނެ އެވެ. މީގެ އިތުރުން ރާދަފަތި ހިނގުމުން 21 ޖާގަ، ހިލާލީމަގު، އަމީނީމަގުން ފެށިގެން ދެކުނު އިރުމަތިފަޅިން 20 ޖާގަ، ކުރެދިގޯޅިން 10 ޖާގަ، ހިލާލީމަގު، އަމީނީމަގު އިރުމަތީ ފަޅި -- ސްޓޭޑިއަމް ފަޅީގައި 10 ޖާގަ، ސޮލާހުއްދީން ޕާކިން ޒޯނުން 10 ޖާގަ އަދި އަލިމަސް ކާނިވާ ސަރަހައްދުން ހަ ޖާގަ ކުއްޔަށް ދޫކުރުމަށްވެސް ނިންމާފައިވެ އެވެ. ޕްރައިވެޓް ކާރުތައް ޕާކުކުރުމަށް ޗައިނާ އެމްބަސީ ކުރިމަތިން އާޓިފިޝަލް ބީޗް ޕާކިން ޒޯނުން 24 ޖާގަ ކުއްޔަށް ދިނުމަށްވެސް ނިންމާފައިވެ އެވެ.

ޕާކިން ޖާގަ ލިބުނު ޕްރައިވެޓް ކާރުތަކުގެ ވެރިފަރާތްތަކުން މަހަކު 1،000 ރުފިޔާ ކައުންސިލަށް ދައްކަންޖެހެ އެވެ. އެކަމަކު ކޮވިޑް ހާލަތު އުވާލުމުން އެ އަދަދު 1،500 ރުފިޔާ އަށް ބޮޑުކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ. ޓެކްސީ ބާއްވަން ޕާކިން ޖާގަ ލިބުނު މީހުން ދައްކަންޖެހޭނީ މަހަކު 750 ރުފިޔާ އެވެ.