ހަބަރު

ސަލްމާން މިސްކިތް ނުހުޅުވަ، ވަށައިގެން ކުއްޔަށްދޭ ޕާކިން

Dec 8, 2020
3

ސައޫދީ އަރަަބިއްޔާ ސަރުކާރުން މާލޭގައި އަޅައިދިން ކިންގް ސަލްމާން މިސްކިތް ނުހުޅުވާ، މިސްކިތް ވަށައިގެންވާ ޕާކިން ޒޯނެއް ހަދައި، ޖާގަތައް ކުއްޔަށް ދޭން ހުޅުވާލައިފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާ އިން ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި ސަލްމާން މިސްކިތުގެ އުތުރު ފަރާތުގައިވާ ޕާކިން ޒޯންގައި ފީ ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، އެ ޒޯނުން ޖާގަ ހޯދުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ ކެންސަލްވި 27 ޖާގަ އާއި އަދި ސަލްމާން މިސްކިތުގެ ސަރަހައްދުން އަލަށް ގާއިމު ކުރި އަށް ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ޒޯނުން 35 ޕާކިން ސްލޮޓް ދޫކުރާނީ މަހަކު 3000ރ. ދައްކާ ގޮތަށެވެ. އަދި މި ޒޯނުން ޖާގަ ދެނީ ކާރަށާއި 350 ކިލޯއަށް ވުރެ މަތި ނޫން ޕިކަޕު ތަކަށެވެ.

މިދިޔަ އަހަރު ނިންމިފައިވާ ސަލްމާން މިސްކިތް ހުޅުވުން ލަސްވުމުގެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ސަލްމާން ރަސްގެފާނު މިސްކިތް
ފަސް ފްލޯ ހިމެނޭ ސަލްމާން މިސްކިތުގައި ނަމާދު ކުރަން ހަދާފައި ވަނީ ގްރައުންޑް ފްލޯއާއި ފުރަތަމަ އަދި ދެވަނަ ފްލޯ އެވެ. މިސްކިތުގެ ބޭރުގައި 6000 މީހުންގެ ޖާގަ އޮވެ އެވެ. ފުރަތަމަ އަދި ދެވަނަ ފްލޯގައި އެއްފަހަރާ 4000 މީހުނަށް ނަމާދު ކުރެވެ އެވެ. ދެވަނަ ފްލޯ ހާއްސަ ވަނީ އަންހެނުންނަށެވެ. އަންހެނުންނަށް ހާއްސަ ފާހާނަ ބަރިތަކާއި ވަކިން އެ ފްލޯއަށް އެރޭ ގޮތް ހުރެ އެވެ. ތިންވަނަ ފްލޯގައި ހުންނަނީ ބޮޑު ލައިބްރަރީއަކާއި އޮޑިޓޯރިއަމެކެވެ. ހަތަރުވަނަ ފްލޯގައި އެއްކޮށް އޮންނަނީ އޮޑިޓޯރިއަމްގެ އެއް ބަޔާއި ލޮބީ އޭރިއާއެކެވެ. ފަސް ވަނަ ފްލޯއަކީ މަލްޓި ޕާޕަސް ހޯލްއެކެވެ. މިސްކިތުގެ ބޭރުން ދެ ފަރާތުގައި ޕާކު ކުރެވޭ ތަނެއް ހަދާނެ އެވެ. ސަލްމާން މިސްކިތް އަޅާފައި ވަނީ ސައުދީ އަރަބިއްޔާގެ ހިލޭ އެހީގެ ދަށުންނެވެ. އެއީ ކިހާ ވަރެއްގެ ބޮޑު މަޝްރޫއެއް ކަމެއް ސާފެއް ނުވެ އެވެ. ގާތްގަނޑަކަށް 10،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ މި މިސްކިތުގައި 41500 އަކަފޫޓުގެ ޖާގައެއް ހުރެ އެވެ. އަދި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ވެއެވެ.

ޕްލޭނިން މިނިސްޓްރީން މި މަހުގެ ތިންވަނަ ދުވަހު ބުނެފައިވާ ގޮތުގައި ކިންގް ސަލްމާން މިސްކިތް ހުޅުވަން ސައޫދީ ސަރުކާރާ ވާހަކަ ދައްކަމުން ދާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ކޮންޓްރެކްޓްގައި ހިމެނޭ ހުރިހާ މަސައްކަތްތަށްކޮށް މިހާރު ނިމިފައިވާ ކަމަށެވެ.