ވާހަކަ

އެހާ ލޯބިން ދިނީމާ ހިތް

( 18 ޑިސެމްބަރ 2021އާ ގުޅޭ)

"ތި.. ތިބުނީ؟" ޖައިޝްގެ ތުންފަތުން ފައުޅުވެގެން ދިޔައީ ފުޅާ ހިިނިތުން ވުމެކެވެ. ސަހުލާ އަނެއްކާ ވެސް މަޑުމަޑުން އޭނާގެ ބަނޑުގައި އަތް ޖައްސައިލިއެވެ.

"އަހަރެން ބަނޑު ބޮޑު." ސަހުލާ އެހެން ބުނެލީ ޖައިޝްގެ މޫނަށް ބަލަހައްޓައިގެން ހުރެގެންނެވެ. ޖައިޝްއަށް ލިބުނީ ހައިރާން ކަމެކެވެ. ނަމަވެސް ޖައިޝްގެ ތުންފަތުގައި ދިރިދިރި ހުރި ހިނިތުންވުން އަދިވެސް އެގޮތުގަައި ހަމަ ދިރިދިރި ހުއްޓެވެ.

"ވީ ގޮތަކީ.." ސަހުލާ ކުރިއަށް ފިޔަވަޅެއް ނަގައި ޖައިޝްއާ އިތުރަށް ގާތްވެލިއެވެ. ޖައިޝްގެ ފަރާތުން ފެންނަ ހައިރާން ކަމުގެ ސަބަބުން ކަންތައް ވީގޮތް ސަހުލާ ޖައިޝްއަށް ކިޔާ ދިނެވެ. ސަހުލާ ބަނޑު ބޮޑު ކަން އެނގުމުން ޖައިޝް ވަރަށް އުފާވިއެވެ. އަދި އެހާމެ ދެރަ ވެސް ވިއެވެ. ދެރަވީ ސަހުލާ ބަލިވެ އިންދާ އަނިޔާ ކުރެވުނީ ތީއެވެ. ޖައިޝް ނިކަން ބާރަށް ސަހުލާގެ ގައިގައި އޮޅުލައިގަތެވެ. ދެން ދުވަހަކު ވެސް ސަހުލާ ދޫކޮށް ނުލާ ނަމޭ ބުނާ ބީދައަކުންނެވެ.

***

އެދުވަހުގެ ހަވީރުގެ ހިތްގައިމުކަން ރަށުގެ ތެރެއަށް ފެތުރިއްޖެއެވެ. ކޯޓުން ނުކުމެގެން ސަހުލާ އާއި ޖައިޝް ދިޔައީ ކައިވެނި ރުޖޫޢަ ކޮށްގެންނެވެ. ޖައިޝްގެ ދުލުން ލޯބީގެ އެތައް ވާހަކައެެއް ސަހުލާއަށް ކިޔައި ދިނެވެ. ސަހުލާ ދެކެ ވާ ލޯބި، އެތައް ގިނަ ގޮތް ގޮތުން ބަޔާންކޮށްދިނެވެ. ދެން ދުވަހަކު ވެސް ސަހުލާ ދޫ ނުކުރާނެ ކަމަށް ވަޢުދުވިއެވެ. ޖައިޝްގެ ދުލުން ބޭރުވަމުންދާ ހުރިހާ ވާހަކަ ތަކަކީ ސަހުލާއަށް ބާ ވާހަކައަކަށް ވީނަމަވެސް، އެވާހަކަތަކަށް ސަހުލާ ލެނބިގެން ދިޔައީ ނިކަން އަވަހަށެވެ. ސަހުލާ ދޫނުކުރާނެ ކަމުގެ ވަޢުދަކީ ޖައިޝް މިއަދު އެކަނިވީ ވައުދެއް ނޫނެވެ. އެއީ އޭގެ އެތައް އަހަރުތަކެއް ކުރިން އޭނާ ވެފައިވާ ވަޢުދުކެވެ.

ސަހުލާ ބޭނުންވީ އޭނާ ވަރިވިކަން އޭނާގެ ޢާއިލާއަަށް އަބަދަށް ސިއްރު ކުރާށެވެ. އެއީ ސަހުލާއަށް އޭނާގެ ޢާއިލާގެ ކުރިމަތީގައި ލިބޭނެ ލަދެއް ކަމުގައި އޭނާއަށް އެކަން ބެލެވޭތީއެވެ. ސަހުލާ ޖައިޝްއާ އިނީ ޖައިޝް ރަނގަޅު މީހަކަށް ހަދާށެވެ. ޖައިޝްއާ އެކުގައި އުފާވެރި ޙަޔާތެއް ފަށާާށެވެ. އަދި ޖައިޝްއާ އެކުގައި އުފާވެރި ޙަޔާތެއް ފެށޭނެ ކަމުގެ ޔަޤީންކަން ޢާއިލާއަށް ދީފައެވެ. ކަންމިހެން ހުރި އިރު، ކައިވެންޏަށް އެއް ދުވަސް ނުވަނީސް، ވަރިވި ޙަބަރު ޢާއިލާއަށް ލިބުމަކީ ސަހުލާގެ އަގު ވެއްޓޭނެ ކަމެކެވެ. ސަހުލާގެ ވާހަކަތަކުގައި އެއްވެސް އޮއްޓަރެއް ނެތްކަން މުޅި ޢާއިލާއަށް އިތުރަށް އެނގި ހާމަ ވާނެ ކަމެކެވެ.

ސަހުލާ އިނީ ޖައިޝްއާ އެކުގައި އޭނާގެ ކޮޓަރީގައެވެ. ޖައިޝް ބަލަން އިނީ ސީދާ ސަހުލާގެ ދެލޮލަށެވެ. ސަހުލާ ވެސް ހަމަ އެގޮތަށް ދޭތެރެދޭތެރެއިން ޖައިޝްގެ ދެލޮލަށް ބަލައިލައެވެ. އަދި ރަކި ހިނިތުންވުމަކާ އެކުގައި އިސްދަށަށް ޖަހައިލައެވެ.

"އަދިވެސް ތަ؟ ހަމަ އެހާ ލަދު ގަނޭ؟" ޖައިޝް މަޑުމަޑުން ސަހުލާގެ އިސް ނެގިއެވެ. ސަހުލާ ލަދުން އިނދެ ޖެހިގަތީ ޖައިޝްގެ މޭގެ ތެރެއަށެވެ. އަދި ވަރަށް ބާރަށް ޖައިޝްގެ ގައިގައި އޮޅުލައިގަތެވެ. ޖައިޝް ލައިގެން ހުރި ގަމީހުގެ މަތީ 3 ގޮށް ނައްޓާލުމަށްފަހު، ސަހުލާ އޭނާގެ ބޯ އަޅައިލީ ޖައިޝްގެ މޭގައެވެ. އެހޫނު މޭގެ އިޙްސާސަކީ ސަހުލާ އަބަދު އެދޭ ހޫނުކަމެކެވެ. ޖައިޝް މަޑުމަޑުން ސަހުލާގެ އިސްތަށިގަނޑުގައި ފިރުމަން ފެށިއެވެ.

"ޖައިޝް.." ވަގުތުކޮޅެއް ފަހުން، ސަހުލާ ގޮވައިލީ ޖައިޝްއަށެވެ. ޖައިޝް "އާނ"އެކެ ބުނެ ސަހުލާގެ ކޮލުގައި ފިރުމައިލިއެވެ. އޭރުވެސް ސަހުލާ އޮތީ ޖައިޝްގެ މޭގެ ތެރެއިން ހިޔާ ހޯދައިގެންނެވެ.

"އަހަރެން ބޭނުން ޖައިޝް ގާތު 2 ކަމަކަށް އެދެން." ސަހުލާ މަޑުމަޑުން ބުނެލިއެވެ.

"އަވަހަށް ބުނޭ! 2 ކަމެއް ނޫން. 200 ކަންތައް ވެސް ސަހޫއަށް ބުނެވޭނެ. އަވަހަށް ބުނޭ!" ޖައިޝް ވަރަށް އަވަަހަށް، އެހާމެ ލޯބިން ބުނެލިއެވެ. ސަހުލާ އޭނާގެ މޫނު ނަގަމުން، ހަށިގަނޑު ސީދާ ކޮށްލިއެވެ. އަދި އެނދުގައި ރަނގަޅަށް ހަމަޖެހެލިއެވެ. އެޔަށްފަހު ބަލައިލީ ޖައިޝްއަށެވެ.

"އަހަރެން ބޭނުން ބުރުގާ އަޅަން. މޫނު ބުރުގާ އެއް ނޫން. ފުރަތަމަ އަޅަން ބޭނުން ވަނީ ބުރުގާ. އޭރުން ވެސް މަންމަމެން ވަރަށް އުފާވާނެ. އެޔަށްފަހު ދުވަސްކޮޅެއް ކޮށްލާފަ މޫނު ބުރުގާ އަޅާނީ. އެއީ ދޮންބެގެ ވަރަށް ބޮޑު އެދުމެއް.." ސަހުލާ ވާހަކަދެއްކީ ޖައިޝްއަށް ބަލަހައްޓައިގެން އިނދެގެނެވެ. ސަހުލާ އެހެން ބުނުމާ އެކުގައި ޖައިޝްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެއީ ޖައިޝް އެއްވެސް ވަރަކަށް ގަޔާ ނުވާ ކަމެއް ކަހަލައެވެ. ސަހުލާގެ ބުރުގާ އަޅައިގެން އުޅޭތަން ޖައިޝްއަށް ސިފަ ވެސް ނުކުރެވެއެވެ.

"ޖައިޝް.. އެއްޗެކޭ ބުނެބަލަ! އޯކޭތަ؟" ޖައިޝްގެ ފަރާތުން ޖަވާބެއް ނުލިބުމުން، ސަހުލާ ސުވާލުކޮށްލިއެވެ.

"އާނ! އަހަރެންގެ މައްސަލައެއް ނެތް. ސަހުލާ ބޭނުން ވެގެން ކުރަންޏާ، އަހަރެން ހަމަ އެއްބަސް ތިކަމާ.." ޖައިޝް ހިނިތުންވެލީ ގަދަކަމުންނެވެ.

"ދެން ކޮބާ އަނެއް ކަންތައް؟" ޖައިޝް އަހައިލިއެވެ.

"ދެވަނަ ކަމަކީ، އަހަރެން ބޭނުން ޖައިޝްގެ އުޅުން ބަދަލު ކުރަން.. ޕްލީޒް! ތި ބޭނުން ކުރާ އެއްޗެހިން ދުރުވޭ.. އަހަރެންނަށް އެނގޭ އަދިވެސް ޖައިޝް ބޭނުން ކުރާކަށް.." ސަހުލާގެ މޫނުމަތިން ދެރަވެފައި ހުރިކަން ފައުޅުވެއްޖެއެވެ.

"ސަހޫ. މައި ގްރީން އައިސް.. ހަމަ ހުވާ މިކުރީ! ދެން ނުކުރާނަން. ދެން އެކަހަލަ ކަމެއް ނުކުރާނަން.. އަހަރެން ބޭނުމޭ ސަހޫއާ އެކު ހެޕީ ލައިފެއް، އަހަރެންނަށް ވިސްނިއްޖެ." ޖައިޝް ހިފައިލީ ސަހުލާގެ އަތުގައެވެ. އަދި ވަރަށް ލޯބިން ސަހުލާގެ ދެ ކޮލުގައި ޖައިޝް އޭނާގެ އަތް ޖައްސައިލިއެވެ.

"އަހަރެން ވާނީ ސަހޫގެ ރަނގަޅު ޖައިޝްއަށް. ކުރީގެ ޖައިޝްއެއް ނޫން މީ.." ޖައިޝްގެ ބަސްތަކުން ސަހުލާއަށް ހިނިތުންވެ ވުނެވެ. އަދި ވަރަށް ލޯބިން ދެމީހުން އެކަކު އަނެކަކު ގައިގައި ބައްދައިލިއެވެ.


***

ރޭގަނޑު 8 ޖަހައި ބޮޑުވެއްޖެއެވެ. ސިޓިންގރޫމްގައި ހިޝާމް އިނީ އޭނާގެ މަންމަ އާއި ބައްޕައާ އެކުގައެވެ.

"ދަރިފުޅާ! އެމީހުން އަންނާނެ ވަރަށް އަވަހަށް. އެއީ މަންމަގެ ފޭދުގަ އުޅޭ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް! ވަރަށް އަޚުލާޤު ރަނގަޅުވާނެ. ވަރަށް ކިޔަމަންތެރި ވާނެ. މަންމަ އެހެން އެކޮޅަށް ގޮސް އުޅޭއިރު އެކުއްޖާގެ އުޅުމަށް ވަރަށް ފާރަލަން. ވަރަށް ރަނގަޅު ކުއްޖެއް އެއީ.." ހަފްސާ ވާހަކަދައްކަމުން ދިޔައީ ހިޝާމްއަށް ބަލަހައްޓައިގެން އިނދެގެންނެވެ. ދެން ވެސް ވާހަކަ ކުރިއަށް ގެންދިޔައީ ހަފްސާއެވެ. ހަފްސާގެ ވާހަކަތައް ހިޝާމް އަޑު އަހަމުން ދިޔައީ ވަރަށް ޝައުޤާއެކުގައެވެ.

"ލުލުއަތު ކިޔާނީ އެކުއްޖާއަށް. ވަރަށް ތަފާތު ރީތި ނަމެއް ދޯ؟ ދަރިފުޅު މަންމައަށް ހަވާލުކޮށްފަ އޮތް މަސައްކަތެއްނު އިންނާނެ މީހަކު ހޯދުން އެއީ.. އެހެންވެ، މީ މަންމައަށް ފެނުނު އެންމެ ރަނގަޅު ކުއްޖާ. ހާދަ ހިތްހެވޭ.." ހަފްސާ ހިނިތުންވެލަމުން ބަލައިލީ ގާދިރާއި ހިޝާމަށެވެ.

"މަންމަ ހުރިހާ ވާހަކައެއް ކިޔާ ދިނިން ތަ؟ ކައިވެންޏަށް އެ ޢާއިލާ ޤަބޫލުތަ؟" ހިޝާމް ފިނިވާން ފެށިއެވެ.

"ދަރިފުޅު ހާދަ ހާސް ތިވަނީ؟ ހެހެ. ހަމަޖެހިބަލަ! މުޅި ޢާއިލާ ދަރިފުޅަށް ޤަބޫލު ވާނެ. މިރޭ ލުލުއަތު އެ އަންނަނީ ކައިވެންޏަށް ދަރިފުޅު އަހާނޭ މަންމަ ބުނީމަ. ހުރިހާ ކަމެއް ހަމަޖައްސާފަ މަންމަ މީނީ.." ހަފްސާ ހީނލަމުން ހިފައިލީ ހިޝާމްގެ އަތުގައެވެ. ހިޝާމް ވެސް ލުއިކޮށް ހިނިތުންވެލިއެވެ.

"ޓޮއްޓޮއް.." ދޮރުގައި ޓަކި ދިން އަޑަށް ހަފްސާ ކޮޅަށް ތެދުވިއެވެ. "އެއައީ އެމީހުން.." ހަފްސާ ހިނގައިގަތީ ދޮރާ ދިމާލަށެވެ.

"އައްސަލާމް އަލައިކުމް." ބޭރުން ސަލާމް ގޮވައިލީ، ބޮޑު ހެދުމާ އެކުގައި ބޮޑު ބުރުގާ އަޅައިގެން ހުރި އަންހެނެކެވެ. އެ އަންހެން މީހާގެ ގާތުގައި މުޅި ހަށިގަނޑު ނިވާކޮށްގެން ހުރީ ލުލުއަތެވެ.

"ވާއަލައިކުމް ސަލާމް.." ހަފްސާ ދޮރު ބޮޑަށް ހުޅުވައިލީ އެމީހުންނަށް ވަންނަން ފުރުޞަތު ދެމުންނެވެ. އެއާއި އެކު، ގޭތެރެއަށް ލުލުއަތު އާއި ނަސްރީނާ ވަނެވެ. އެމީހުން އައިސް އިށީންނީ ސޯފާގައެވެ.

"މިއީ އަހަރެމެންގެ ދަރިފުޅު ހިޝާމް.." ހަފްސާ ބަލައިލީ ހިޝާމަށެވެ. "ހިޝާމް ކިހިނެއްތަ؟" ނަސްރީނާ ހީނލަމުން ބަލައިލީ ހިޝާމަށެވެ. ހިޝާމަށް ފުރަތަމަ ވެސް އަޅައިގަތީ ނަސްރީނާގެ ޒުވާންކަމެވެ. ބަލާފައި ހީވަނީ 30 އަހަރުގެ އަންހެނެއް ހެންނެވެ. އެއީ 25 އަހަރުގެ ދަރިއެއް ހުންނަ އަންހެނެއް ފާޑު ނުވެސް ޖަހައެވެ.

"ދަރިފުޅާ! ހިޝާމް.." ހަފްސާ މަޑުމަޑުން ހިޝާމްގެ އަތުގައި ހިފާލިއެވެ. ވާހަކަދައްކާށޭ ބުނާފަދަ ބީދައަކުންނެވެ.

"އައްސަލާމް އަލައިކުމް! އަހަރެންގެ މަންމަ ހަފްސާ، ބައްޕަ ގާދިރު.." ގާދިރާއި ހަފްސާއަށް އިޝާރަތްކޮށްލަމުން، ހިޝާމް ވާހަކަފެށިއެވެ.

"އަހަރެންގެ މައިންބަފައިންނަށް އަހަރެން ވަރަށް އިތުބާރު ކުރަން. އެއީ އަހަރެންގެ ހުރިހާ ވެސް ބަޔަކީ.. އަހަރެންގެ އެދުމުގެ މަތިން މަންމަ އަހަަރެންގެ ޙަޔާތަށް ބައިވެރިޔަކު އިޚުތިޔާރު ކުރީ، އެ ކުއްޖަކީ ލުލުއަތު. އަހަރެން ބޭނުން ލުލުއަތުއާ ކައިވެނި ކުރަން. ލުލުއަތުގެ އެއްވެސް މައްސަލައެއް ނެތިއްޔާ" ހިޝާމް އެހެން ބުނެލި އިރަށް ނަސްރީނާއަށް ހިނިތުންވެވުނެވެ. ގާދިރު އެމަޖިލިސް ދޫކޮށް ދިޔައީ ލުލުއަތު މޫނު ހިޝާމަށް ދައްކާލަން ހަފްސާ އެދުމުންނެވެ. ލުލުއަތު މަޑުމަޑުން މޫނު ބުރުގާ ނަގައި އެ މަޖިލީހުގައި އޭނާގެ މޫނު ހިޝާމަށް ދައްކާލިއެވެ.

"މާޝާﷲ" ހިޝާމަށް ފުރަތަމަ ވެސް ބުނެވުނީ އެހެނެވެ. އެއީ ތަފާތު ކުއްޖެކެވެ. ރީތީގެ އެހެން މިސާލެކެވެ. ދޮން، ރީތި ކުއްޖެކެވެ. ކުޑަ އިރުކޮޅެއް ކޮށްލާފައި، ލުލުއަތު މޫނު ނިވާކޮށްލިއެވެ. އެތައް އިރަކު އެތައް ވާހަކައެއް ދައްކާފައި ލުލުއަތު އާއި ނަސްރީނާ އެގެއިން ނުކުތީ ނިކަން ރަނގަޅު ގުޅުމެއް ހިޝާމްގެ ޢާއިލާއާ އުފައްދާފައެވެ. ހިޝާމާއި ހިޝާމްގެ މައިންބަފައިން ވެސް ތިބީ ނިކަން އުފާވެފައެވެ.

ލުލުއަތު އާއި ނަސްރީނާއަށް އެގެއިން ނުކުމެވުމާ އެކުގައި، އެކަކު އަނެކަކަށް ބަލައިލެވުނެވެ. ހަމައެއާ އެކު އެދެމީހުންނަށް އެކީ އެކައްޗަކަށް ހޭން ފެށުނެވެ. އެއީ ނުލަފާ ކަމާއި، މަކަރުން ފުރިފައިވާ ހުނުމެކެވެ. (ނުނިމޭ)