ފެލިދޫ

ފެލިދޫ ސްކޫލުގެ ޕްރިންސިޕަލް ފުރުވާލައިފި

ވ. ފެލިދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ބަދަލު ކުރަން ގޮވާލައި އެ ރަށު ސްކޫލުގެ ބެލެނިވެރިން ކުރަމުންދިޔަ އިހުތިޖާޖުތައް ހުއްޓާ ނުލުމުން އެޑިއުކޭޝަން މިނިސްޓްރީން އެ ޕްރިންސިޕަލް ފުރުވާލައިފި އެވެ.

ފެލިދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސްރުﷲ ވިދާޅުވީ ބެލެނިވެރިން އިއްޔެ ފެށި އިހުތިޖާޖުތައް ހުއްޓާ ނުލައި ރެއާ ހަމައަށް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މިއަދު ހެނދުނު ވެސް ބައެއް ބެލެނިވެރިން ސްކޫލު ކައިރީގައި އިހުތިޖާޖުކުރި ކަމަށެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ފެލިދޫއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ފެލިދޫ ސްކޫލުގެ ޓީޗަރުން ޕްރިންސިޕަލް ބަދަލު ކުރުމަށް އެދުުނު ކަމަށެވެ. އަދި ޕްރިންސިޕަލްގެ މައްސަލަތަކެއް މީގެ ކުރިން އެތައް ފަހަރަކު އެޑިއުކޭޝަން މިނިސްޓްރީއާ ހިއްސާ ކޮށްފައިވާ ކަމަށާއި މިހާތަނަށް އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ.

ބެލެނިވެރިން އިއްޔެ އިހުތިޖާޖު ކުރަން ނުކުތީ ސްކޫލުގެ ލީޑިން ޓީޗަރު ސަސްޕެންޑް ކުރުމުން ނެެވެ. އަދި އެކަމުގައި ޕްރިންސިޕަލްގެ ނުފޫޒު އޮތް ކަމަށް ބެލެނިވެރިންނާއި ޓީޗަރުން ތުހުމަތު ކުރާ އިރު އެކަމާ ގުޅޭ ގޮތުން ޕްރިންސިޕަލްގެ ޖަވާބެއް ނުލިބުމުން ބެލެނިވެރިން އިހުތިޖާޖު ކުރަން ފެށީ އެވެ.

"މީގެ ކުރިން ވެސް ޕްރިންސިޕަލް އިތުރު ހަރަކާތްތައް ފަދަ ކަންކަމަށް ހުރަސް އަޅާކަމަށް މައުލޫމާތު ލިބޭ. ސްކޫލަށް އާ ޕްރިންސިޕަލެއް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނޭ" ނަސްރުﷲ ވިދާޅުވި އެވެ.

ނަސްރުﷲ އިތުރަށް ވިދާޅުވީ ސްކޫލުގެ ޓީޗަރުންނަށް ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށާއި އަދި ކިޔަވައިދޭން މާހައުލެއް ނެތް ކަމަށެވެ. އެހެންކަމުން ޕްރިންސިޕަލް ބަދަލު ކުރަން ބެލެނިވެރިން ބޭނުންވީ ކަމަށެވެ.

ފެލިދޫ ސްކޫލުން ބަދަލުކުރީ އިންޑިއާގެ ޕްރިންސިޕަލެކެވެ. އޭނާ އެ ސްކޫލުގެ ޕްރިންސިޕަލްކަމާ ހަވާލުވެލެއްވީ މިއަހަރުގެ މެދުތެރޭގައި ވަގުތީ ގޮތުން ނެވެ. ކުޑަކުޑަ އާބާދީއެއް އޮންނަ ފެލިދޫގެ ސްކޫލުގައި 100 އެއްހާ ދަރިވަރުންނާއެކު ގްރޭޑް އެކަކުން ފެށިގެން 10 އަކާ ހަމައަށް ކިޔަވައި ދެއެެވެ.

މިދިޔަ އޮގަސްޓުމަހު ހދ. ހިރިމަރަދޫ ސްކޫލުގެ ޕްރިންސިޕަލް ބަދަލުކުރަން ވެސް ގޮވާލައި ބެލެނިވެރިން އިހުތިޖާޖުކުރި އެވެ. އަދި ފަހުން އެޑިއުކޭޝަން މިނިސްްޓްރީން ބެލެނިވެރިންގެ އެދުމާ އެއްގޮތަށް އާ ޕްރިންސޕިލަކު އެ ސްކޫލަށް ހަމަޖައްސައި ދިނެވެ.