ރާއްޖެއިން ތޮޔޮހޯދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ޝަރުތަކާ ނުލާ މިހާރުން މިހާރަށް ހުއްޓާލުމަށް، ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމްއިއްޔާ، އިކޯކެއާ މޯލްޑިވްސް އިން ގޮވާލައިފި އެވެ.
ފްރާންސްގެ ޕެރިހުގައި ކުރިޔަށްދާ ކޮޕް 21 ސަމިޓާ ބެހޭގޮތުން އެ ޖަމާއަތުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ ފިނި ހޫނުމިން ދެޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިޔަނުދީ 1.5 ޑިގްރީ ސެލްސިޔަސްގައި ހިފެހެއްޓުމަށް ކޮޕް21 ސަމިޓުގައި ބައިވެރިވި ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުންނާއި، ތަރައްގީވަމުން އަންނަ ގައުމުތަކުން ފުރިހަމަ އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.
ސައިންސް ވެރިން ލަފާ ކުރާ ގޮތުގައި ފިނި ހީނުމިން ދެ ޑިގްރީ ސެލްސިޔަސްގައި ހިފެހެއްޓުމަށް ޓަކައި 80 ޕަސެންޓު ކޯލް އަދި 50 ޕަސަންޓު ގޭސް އާއި30 ޕަސަންޓުގެ ތޮޔޮ ބޭނުން ކުރާ ވަރު މަދުކުރަން ޖެހޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެހެން ކަމުން ފިނިހޫނުމިން 1.5 އަކަށް ދަށް ކުރާ ނަމަ އެއަށް ވުރެއް އިތުރަށް މަސައްކަތް ކުރުމަށް އެ ޖަމްއިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.
"..ރާއްޖެއިން ތެޔޮ ހޯދުމާއި ދެކޮޅަށް 20 އަށް، ވުރެ ގިނަ އެންޖީއޯތަކުން ހަދާފައިވާ ބައިނަލްއަގުވާމީ ކޯލިޝަންގައި އިކޯކެއާ އިން ބައިވެރިވެ، ސަރުކާރުން ރާއްޖެއިން ތެޔޮ ހޯދުމަށް ކުރާ މަސައްކަތް އެއްވެސް ޝަރުތަކާއި ނުލާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަން،" އެ ބަޔާނުގައި ބުނެ އެވެ.
ބައިނަލްއަގުވާމީ ދުނިޔޭގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ރާއްޖޭގެ އިސް ވެރިން އަބަދުވެސް އެންމެ ކުރީ ސަފުގައި ތިބޭކަން އެ ޖަމާއަތުން ފާހަގަ ކުރެ އެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާ އިންސާނީ ހައްގުތަކާ ގުޅިފައިވާ ކަން އެންމެ ފުރަތަމަ ފާހަގަކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށާއި ކޮޕް15 ސަމިޓު ނާކާމިޔާބުވި ދުވަސްކޮޅު އުންމީދު ކަނޑާނުލާ ކުރިޔަށް ދިޔުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބާރުއަޅާފައިވާ ކަން އިކޯކެއާއިން ފާހަގަކުރައްވާފައި އެވެ.