ދުނިޔެ

"މަޝްވަރާކުރުން ފިޔަވައި ނޭޓޯއަށް އިޚްތިޔާރުތަކެއް ނެތް"

ރަޝިއާއާ އަސްކަރީ ގޮތުން ކުރިމަތިލައިފި ނަމަ ނުކުންނާނެ ނަތީޖާ ނޭޓޯއަށް މިހާރު ވެސް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ތަޖުރިބާކާރުން ބުނަން ފަށައިފި އެވެ.

އަސްކަރީ ބާރުވެރިކަމުގައި ހަމަހަމަ އުސޫލެއް ކަނޑައެޅުމަށް ވިއެނާގައި ކުރަމުންދާ މަޝްވަރާތަކުގައި ރަޝިއާ ވަފުދުގެ ވެރިއަކަށް ހުންނެވި ކޮންސްޓޭންޗިން ގަވްރިލޯފް ވިދާޅުވީ ވަޝްވަރާކުރުން ފިޔަވައި ނޭޓޯއަށް އިޚްތިޔާރުތަކެއް ނޯންނާނެ ކަމަށެވެ.

ގަވްރިލޯފް ވިދާޅުވީ ވެގެން އުޅޭ ގޮތް ނޭނގޭ މީހަކު ނެތް ކަމަށާއި ނޭޓޯއަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކަށް ވާނީ މަޝްވަރާގައި ސީރިއަސްވުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަޝިއާގައި ހުރި ހުރިހާ ބަލިކަށި ކަމެއް ހޯދަން ނޭޓޯއަށް ކުޅަދާނަކަން ލިބިފައި ނުވާ ކަމަށާއި ނޭޓޯ ގައުމުތައް އަސްކަރީ ގޮތުން ކިތަންމެ ބާރުވެރި ނަމަވެސް، ސިޔާސީ ގޮތުން މޮޅަށް ނުކުޅެ މަސްލަހަތު އޮމާން ނުކުރެވޭނެ ކަމަށެވެ.

ރަޝިއާ އެދޭ ގޮތް އެމެރިކާ އާއި ނޭޓޯއަށް އަންގާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރަޝިއާ އެބުނާ ހައްދު ފަހަނައަޅައި ރަޝިއާއާ ގާތަށް ނޭޓޯ ޖެހިލައިފި ނަމަ ފިލަން ދުވާނެ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަޝިއާގެ އަސްކަރިއްޔާއިން ޖަވާބު ދޭނެ ކަމަށެވެ.

ނޭޓޯއަށް މިހާރު އޮތް ގޮތަކީ މެމްބަރު ގައުމުތަކަށް ނިސްބަތްވާ ފައުޖުތައް ރަޝިއާ އެބުނާ ސަރަހައްދަށް ފަހަތަށް ޖެއްސުމެވެ. އަދި ހަނގުރާމަަމަތީ ބޯޓުތަކާއި ބަރުހަތިޔާރު އުފުލާ އުޅަނދުތައް ފެއަށް ޖެއްސުމެވެ.

އެމެރިކާ އާއި ނޭޓޯއިން ޔުކްރޭނަށް އެހީތެރި ވަނީ ރަޝިއާއާ ކުރިމަތިލުމަށް ކަމަށް ގަވްރިލޯފް ވިދާޅުވި އެވެ. ނޭޓޯއިން ސުލަހައަށް އެދޭ ނަމަ އުނދުނަށް ދަރުނޭޅުމަށް އޭނާ ގޮވާލެއްވި އެވެ.