ދުނިޔެ

ޓައިވާން އަކީ ރާޒުވާ ކުޅިއެއް ނޫން: ޗައިނާ

ޓައިވާން އަކީ ކޮންމެ ބަޔަކު ކުޅިބައި ހެޔޮވަރުކުރަން ރާޒުވާ ކުޅިއެއް ނޫން ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވިދާޅުވެއްޖެ އެވެ.

ވަޒީރު ވިދާޅުވީ ޓައިވާން އަކީ ދޫވެފައި އޮތް ޕްރޮވިންސެއް ކަމަށާއި ޗައިނާއާ އެއްކޮލަން ޖެހޭ ކަމަށެވެ. ޓައިވާން ކަނޑުއޮޅިން މިހާރު ވެސް އުދާސްއަރާ ކަމަށާއި އަސްލު މައްސަލަ އަކީ ޓާއިވާން އަކީ މިނިވަން ދައުލަތެއް ކަމަށް އެސަރަހައްދު ބަހަލައްޓާ ވެރިންނަށް ގަބޫލުކުރެވުން ކަމަށެވެ.

ވާންގް ވިދާޅުވި ޓައިވާން އެދެނީ މިނިވަންވާން ކަމަށާއި އެކަމަކު ހިނގަމުންދަނީ ނުބައި މަގުން ކަމަށެވެ. އަމިއްލަ ދައުލަތެއް އުފެއްދުމަށްޓަކައި އެމެރިކާއަށް ބަރޯސާކުރުމަކީ ޓައިވާން އަށް ހެދޭ ގޯހެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

އެމެރިކާ އާއި ބައިވެރިންނަކީ ޓައިވާނަށް މާއޯގާތެރި ބައެއްގެ ގޮތުގައި ދައްކާ، ޓައިވާން ރުއްސަން ކުރާ މަސައްކަތަކީ ޗައިނާގެ އިސްތިގުލާލު ފޫއަޅުވާލަން ހިންގާ އަޑިނުބައި އެޖެންޑާއެއް ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ޓައިވާން ކަނޑުއޮޅީގައި މަސްލަހަތު ގެއްލިފައި އޮތް މަންޒަރު ދުނިޔޭ ދެކޭނެ ކަމަށް ވަންގް ޔީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ހަގީގަތުގައި ބަޔަކު ރާވައިގެން އެހެން ބަޔަކު ލައްވައި ކުރުވާ ކަމެއް ކަމަށެވެ.

އެމެރިކާއާ ގުޅިގެން ޓައިވާނުން ހިންގާ ހަރަކާތްތަކަށް ޗައިނާ އޮތީ ވަރަށް ބޮޑަށް ފާރަލައިގެންނެވެ. ޗައިނާގެ ޖެޓްފައިޓަރުތައް ޓައިވާން ކަނޑުއޮޅި ހުރަސްކޮށް ވިލާތަކުގެ ތެރެއިން އުދުހޭ އުދުހުމަކީ ވާނުވާ ބަލަން ކުރާ ދަތުރުތަކެކެވެ.

ޗައިނާއިން ބުނީ އަމިއްލަ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާ ކަމަށް ބެލެވޭ ނަމަ އެކަމެއްގެ ތެރެއަށް ވަދެގަންނާނެ ކަމަށެވެ. އަދި ބުނީ އެމެރިކާއާ ކުރިމަތިލުމަށް ފަސްނުޖެހޭނެ ކަމަށެވެ.