ރިޕޯޓް

އުމަރު ޒާހިރު ؛ ހިތްތަކަށް ތަދުވި ވަކިވުމެއް

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރަކީ ރާއްޖޭގެ މި ފަހުގެ ތާރީހު ދުށް އެންމެ ބޮޑު އެއް ގައުމީ ހިދުމަތްތެރިޔާއެވެ. 50 އަހަރެއްހާ ދުވަހު އެކި ދާއިރާއިން އެމަނިކުފާނު ކޮށްދެއްވާފައިވަނީ ތައުރީފު ހައްގު މަސައްކަތްޕުޅުތަކެކެވެ. އުނދަގޫ އަދި ޒިންމާ ބޮޑު އެތައް މަސްއޫލިއްޔަތެއް އަދާކުރައްވާފައިވަނީ ފޫހިފުޅުވުމެއް ބަރުބަލިފުޅުވުމެއް ނެތިއެވެ. ކޮންމެ ކަމަކާ ކުރިމަތިލައްވަނީ ގައުމީ ވަރުގަދަ ރޫހެއްގައި ހުންނަވައެވެ. އެމަނިކުފާނު މި ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތައް އެހާވެސް ގިނަ އެވެ. އެއީ ހިދުމަތުގެ ތެރެއިން މިއަދުގެ ޖީލަށް ރީތި ނަމޫނާއެއް ދެއްކެވި ހިންގުންތެރި ވެރިއެކެވެ. ނަމަވެސް ގައުމީ ފަހުރުވެރި އެ ހިދުމަތްތެރިޔާ އިއްޔެ ވަނީ އަޅުގަނޑުމެންނާއި ވަކިވެވަޑައިގެންފައެވެ. ކޮވިޑްގެ އާލާސްކަންފުޅަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އުމުރުފުޅުން 85 އަހަރުފުޅުގައި އުމަރު ޒާހިރު ވަކިވެވަޑައިގެންނެވީ ގައުމަށް ހިދުމަތް ކުރުމުގެ ސާފު އަދި އެހާމެ ފުރިހަމަ ރެކޯޑެއް ދޫކުރައްވާފައެވެ. ދިވެހިރާއްޖެ ދެމި އޮތްހާ ހިނދަކު އެ ޒިކުރާ އައު ކުރެވޭނެ ފަދަ ހިދުމަތްތަކެކެވެ.

ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވުމުގެ ކުރީންވެސް އެމަނިކުފާނު ވަނީ އެކި ދާއިރާތަކުން ގައުމަށް ހިދުމަތް ކުރައްވާފައެވެ. އެ ގޮތުން ރާއްޖޭގައި ދެވަނަ އަށް ހުޅުވުނު ބަޑޮސް އައިލެންޑް ރިސޯޓްގެ މެނޭޖަރިކަން އުމަރު ވަނީ ކުރައްވާފައެވެ. އޭގެ ފަހުން ވަޒީރުލްއައުޒަމް އޮފީހުގެ ހާއްސަ ވަކީލު ކަމާއި މަޖީދިއްޔާ ސްކޫލްގެ ނާޒިރުގެ އެހީތެރިޔާގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި މިނިސްޓަރު އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި މާލޭ މުނިސިޕަލްޓީގެ ރައީސްކަން ކުރައްވާފައިވެއެވެ.

ވަރަށް ގިނަ ވުޒާރާތައް ހިންގެވުމުގައިވެސް އެމަނިކުފާނު ވަނީ ދިގު މުއްދަތެއް ހޭދަކުރައްވާފައެވެ. ތިން ފަހަރެއްގެ މަތިން ދިގު މުއްދަތަކަށް ހޯމް މިނިސްޓަރުކަން ކުރެއްވިއެވެ. އެގޮތުން މިނިސްޓަރު އޮފް ހޯމްއެފެއާޒް އެންޑް ސޯޝަލް ސާވިސަސް ކަމުގެ މަގާމާއި މިނިސްޓަރު އޮފް ހޯމްއެފެއާޒް އެންޑް ސްޕޯޓްސް ކަމުގެ މަގާމާއި އަދި މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސްގެ މަގާމު ފުރުއްވިއެވެ. އުމަރު ޒާހިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރުކަންވެސް ކުރައްވާފައެވެ.

މީގެ އިތުރުން މާގިނަ ވަސީލަތްތަކެއް ނެތް ދުވަސްވަރެއްގައި ސަރުކާރަށާއި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި އެ މަނިކުފާނު ދެއްކެވީ އާދަޔާ ހިލާފު ސާބިތުކަމެކެވެ. އެގޮތުން ވަރަށް ހާއްސަ ދެ މަޝްރޫއެއް ހިންގެވުމުގައި އެންމެ އިސް ބޭފުޅަކަށް ހުންނެވީ އުމަރު ޒާހިރެވެ. އޭގެން އެއް މަޝްރޫއަކީ ތިލަފުށްޓެކެވެ. އެއީ އެ މަނިކުފާނުގެ ދުރުވިސްނުންފުޅުގެ ތަސައްވުރެކެވެ. ފަޅެއްގެ ގޮތުގައި އޮތް ތަނަކަށް ކުނި އަޅައިގެންނާއި ވެލިއަޅައިގެން ރާއްޖޭގެ ރަށެއް ހިއްކައި ތަރައްގީ ކުރި މިއީ ފުރަތަމަ ފަހަރެވެ.

އޭގެ ފަހަށް ރައީސް މައުމޫންގެ ވެރިކަމުގައި ހުޅުމާލެ ތަރައްގީ ކުރުމުގެ ބިޔަ ބޮޑު މަޝްރޫއު ފެށުނުއިރު ހުޅުމާލެ ހިއްކުމުގެ މަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ އުމަރު ޒާހިރެވެ. މިއަދު ހުޅުމާލެ ތަރައްގީ ކުރުން ވެފައިވަނީ ބައިނަލްްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ މަޝްރޫއަކަށެވެ.

މާލޭގެ މަގުތަކުގައި ގައު އެތުރުމުގެ ކުރިން އޭރު މަގުތައް ހައްދަވައި މަގުމަތީގައި ހުންނަ އަޑިގުޑަންތަކުން ދުއްވާ އެއްޗިއްސަށް ލިބެމުންދިޔަ ގެއްލުންތައް ކުޑަކުރެއްވުމަށާއި މަގުމަތީގައި ހިނގާ ބިނގާވާ މީހުންނަށް ފަސޭހަ ތަނަކަށް މަގުތައް ހެއްދެވުމަށް އުމަރު ޒާހިރު އިސްވެ ކުރެއްވި މަސައްކަތްޕުޅުތަކަކީވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅެކެވެ. އޭގެ ފަހުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމަށް ސަރުކާރުން ހިންގެވި މަޝްރޫއުގައިވެސް އުމަރު ޒާހިރު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ތައުލީމީ ދާއިރާއަށް ހިދުމަތް ކުރެއްވުމުގައިވެސް އެއީ ނަމޫނާ އެކެވެ. އުމަރު ޒާހިރު މަޖީދިއްޔާ ސްކޫލްގެ ނާޒިރުގެ އެހީތެރިޔާގެ މަގާމު ފުރުއްވަމުން ގެންދެވިއިރު އެ މަނިކުފާނު ފާހަގަކުރެވިފައި ވަނީ މަޖީދިއްޔާގެ ދަރިވަރުން ހަރުދަނާ ރަނގަޅު އަހްލާގެއްގެ މަތީގައި ތަރުބިއްޔަތު ކުރެއްވުމަށް ވަރަށް މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އޭރު މަޖީދިއްޔާގެ ދަރިވަރުން އަމަލުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް ބޯލަނބައި ވަކި މިންގަނޑުތަކެއް ހިފެހެއްޓުމަށް ބާރުއެޅުއްވި ބޭފުޅަކީ އެއީ އެވެ. ސްކޫލުން ބޭރުގައި އެ ކުދިން އުޅޭނޫޅޭ ގޮތް ބައްލަވައި ވަގުތުން ވަގުތަށް ނަމާދު އަދާކުރުމަށް ބާރުއަޅުއްވައި ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެން، ކުރިއަށް ދިޔުމުގެ ސީދާ މަގު ދެއްކެވި ކުޅަދާނަ މުރުޝިދެއްގެ ގޮތުގައިވެސް އެމަނިކުފާނު ފާހަގަކުރެވެއެވެ.

އެކަމުގެ ނަތީޖާއެއްގެ ގޮތުން ގައުމަށް ހިދުމަތް ކުރާނެ ފަހުރުވެރި އެތައް ދަރީންނެއް އެ ސުކޫލުން ތައުލީމު ހާސިލުކޮށްގެން މުޖްތަމައަށް ނިކުންނަމުން ދިޔައެވެ. ރާއްޖެއަށް ސްކައުޓް ތައާރަފުކޮށް އެ ހަރަކާތުން ދަރިވަރުންނަށް ކުރިއެރުން ގެނެސްދެއްވުމުގައި އަދި ސުކައުޓް ހަރަކާތް ފުޅާ ކުރެއްވުމުގައިވެސް އުމަރުގެ ދައުރު ވަރަށް ބޮޑެވެ.

މީގެ އިތުރުން ސަރުކާރުން މާލޭގައި ކުރެއްވި ގިނަ އިމާރާތްތައް ކުރެއްވުމުގައި އިސް މޭސްތިރިއެއްގެ ގޮތުންގައި އުމަރު ޒާހިރު ފާހަގަކޮށްލެވެއެވެ. ކުޑަކުދިންގެ އިސްލާހިއްޔާގެ ބިންގާ އެޅި އެ މަސައްކަތް އަމަލީ ގޮތުން ކުރެއްވުމުގައި އިސްކޮށް ހުންނެވީ އުމަރު ޒާހިރެވެ. އަދި 100 ވަރަކަށް ކުދިން މާފުށީގެ އިސްލާހިއްޔާއަށް ގެންދަވައިގެން އެ ކުދިންނަކީ ހަރުދަނާ ތަރުބިޔަތެއްގެ މަތީގައި ބޮޑެތިވާ ކުދިން ކަމުގައި ހެއްދެވުމަށް އުމަރު ޒާހިރު ކުރެއްވެވީ ބުރަ ތައުރީފު ހައްގު މަސައްކަތްތަކެކެވެ.

ރާއްޖޭގެ ތާރީހުގައި ހިނގައިދިޔަ އެހެން މުހިންމު ކަންކަމުގައިވެސް އެމަނިކުފާނުގެ ބައިވެރިވުން ބޮޑެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން މިނިވަންވުމަށް ކުރި މަސައްކަތްތަކުގައި އޮތް އެމަނިކުފާނުގެ ހިއްސާއެވެ. އަދި ހުޅުލޭ އެއާޕޯޓް ހަދަމުން ގެންދިޔައިރު އެކަމުގައި އަމަލީ ގޮތުން މަސައްކަތްޕުޅު ކުރައްވެވިއެވެ. އައްޑުއަތޮޅު ގަމުގައި އިނގިރޭސިން ތިބިއިރު ލެއިޒަން އޮފީހުގައި ހުންނަވައިގެނ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވައި އެއްބާރުލުން ދެއްވުމުގައި އުމަރު ކުރައްވާފައިވަނީވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެކެވެ.

އެމަނިކުފާނުގެ ގައުމީ ހިދުމަތުން ފެންނަން އޮތީ އެ ވަގުތަކު ސަރުކާރަށް ކުރިމަތިވާ ކޮންމެ މުހިންމު ބޮޑު ކަމެއް ހައްލުކޮށްދެއްވުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަވަހާރަވެވަޑައިގަތުމާއި ހަމައަށްވެސް ދެއްކެވީ އެ ސާބިތު ކަމެވެ. ގައުމީ ހިދުމަތުން ދިރިހުންނެވިހާ ހިނދަކު ވަކިވެވަޑައިނުގަންނަވާނެ ކަމުގެ ސާފު މިސާލެވެ.

އުމަރު ޒާހިރުގެ ބައި ގަރުނުވީ ގައުމީ ހިދުމަތުގެ ތާރީހަކީ ދިގު ތާރީހެކެވެ. އެއީ އެއްވެސް ދިވެހި ރައްޔިތަކު އެ ހިދުމަތާ ދޭތެރޭ ސުވާލެއް ނުއުފައްދާނެ ޝުކުރުވެރިވާނެ ހިދުމަތްތަކެވެ. ގައުމުގެ އިސް މަގާމުތައް ފުރުއްވި ކޮންމެ ބޭފުޅަކު ޖެހިލުމެއް ނެތި ފަހުރުވެރި ކަމާއެކު އެމަނިކުފާނުގެ ހިދުމަތުގެ އަގު ވަޒަން ކުރެއްވުމަކީ އުމަރު ޒާހިރުގެ ހިދުމަތުގެ އިހުލާސްތެރިކަން ހާމަވާ އެންމެ ސާފު އެއް ހެއްކެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދު އަދި ރައީސް ވަހީދާއި ރައީސް ޔާމީންގެ ތައުރީފު އެމަނިކުފާނުގެ ގައުމީ ހިދުމަތަށް އޮތީ އޭގެ މިނެއް ނެތް މިންވަރަށެވެ. އުމަރު ޒާހިރު ވަކިވެވަޑައިގަތުމާއެކު ސިޔާސީ ލީޑަރުންނާއި ދިވެހި ރައްޔިތުން ބަންޑުން ކޮށްލެވީ އެ ޝުއޫރުތަކެވެ. އިހުލާސްތެރިކަމާއި ތެދުވެރި ކަމާއެކު ކުރެއްވި ހިދުމަތްތަކުގެ ހަނދާންތައް ކޮންމެ ރައްޔިތަކު އައު ކުރަނީ އެ ހިދުމަތްތަކަށް ޝުކުރުވެރިވާ ހާލުގައެވެ.

ސިޔާސީ ގޮތުން މުޖްތަމައުގައި އޮތް ބައިބައިވުންތަކާއެކުވެސް ކޮންމެ ފިކުރެއްގެ ކޮންމެ ސިޔާސީ ލީޑަރަކާއި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ކޮންމެ ބޭފުޅަކު އުމަރު ޒާހިރުގެ ޒިކުރާ އައު ކުރެއްވީ ގައުމީ ހިދުމަތްތެރިއެއްގެ ގޮތުގައެވެ. ރާއްޖެ ދުށް އެންމެ ހިންގުންތެރި ވަޒީރުގެ ގޮތުގައެވެ. ސިޔާސީ ގޮތުން ޖެހިލުން ކުޑަ އެހެން ނަމަވެސް ކޮންމެ ފިކުރަކަށްވެސް އިހުތިރާމު ކުރެއްވެވި ހިކުމަތްތެރި ލީޑަރެއްގެ ގޮތުގައެވެ. ސިޔާސީ ބޭފުޅުންނަށް އަގުހުރި ނަސޭހަތް ދެއްވެވި ބޭފުޅެއްގެ ގޮތުގައެވެ.

އުމަރު ޒާހިރުގެ ވަކިވެވަޑައިގަތުމާއެކު ދިވެހީންނަށް ދިވެހި ގައުމަށް ގެއްލިގެން އެ ދިޔައީ އެފަދަ ދެވަނައެއް ނެތް ހިދުމަތްތެރިއެކެވެ. ދިވެހި ގައުމު ދުށް ހިތްވަރު ގަދަ ކެރުންތެރި އަދި އެހާމެ ހިންގުންތެރި ލެޖެންޑެކެވެ. އެމަނިކުފާނުގެ ހަޔާތްޕުޅުގެ ކޮންމެ ސަފްހާއަކުން ފެންނާން އޮތީ ރިވެތި މިސާލެވެ. އިހުލާސްތެރިކަމާއި ތެދުވެރި ކަމެވެ. ފޫހިފުޅުވުމެއް ނެތި ހިދުމަތުގައި ހުންނެވުމުގެ ސާފު ރެކޯޑެވެ.