ލައިފްސްޓައިލް

މިސް.ޔުނިވާސްގެ ތާޖާއެކު ލިބޭ އިނާމުތައް އެނގޭތަ؟

މި އަހަރުގެ މިސް ޔުނިވާސްގެ ފަޚުރުވެރި ތާޖު ލިބިފައިވަނީ އިންޑިއާގެ ޗަންދީގަޅްގައި ދިރިއުޅޭ 21 އަހަރުގެ ހަރްނާޒް ސަންދޫ އަށެވެ.

އިޒްރޭލުގެ އެލިއަޓްގައި މިމަހުގެ 12 ވަނަ ދުވަހު އޮތް މިސް ޔުނިވާސް ހޮވުމުގެ މުބާރާތުން އެއްވަނަ ހަރްނާޒް އަށް ލިބުނުއިރު މިއީ އިންޑިޔާގެ ރީތީގެ ރާނީ އަކަށް މި ތާޖު ލިބުނު ތިން ވަނަ ފަހަރެވެ. މީގެ ކުރިން ލާރާ ދައްތާ އާއި ސުޝްމިތާ ސެން ވަނީ މި މުބާރާތުން އެއްވަނަ ހޯދާފަ އެވެ.

ހަރްނާޒް އަށް މިސް ޔުނިވާސްގެ ތާޖު ލިބުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބޭނުންވީ ތާޖާއެކު އޭނާއަށް ލިބެނީ ކޯޗެއްތޯ ބަލާށެވެ. ޒުވާން ހަރުނާޒް އަކީ ޗަންދީގަޅްގައި ދިރިއުޅޭ މޮޑެލް އެކެވެ. އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގުން މާސްޓާޒް ޑިގްރީއަށް ކިޔަވާ ދަރިވަރެކެވެ.

"ޓައިމްސް ފްރެޝް ފޭސް" ގެ މަގާމު 2017 ގައި ހަރްނާޒް އަށް ލިބުނެވެ. އަދި ފެމިނާ މިސް އިންޑިއާ ޕަންޖާބު 2019 އޭނާ ހޯދާފައި ވެއެވެ. ޕަންޖާބު ދެ ފިލްމެއްގައި ވެސް ހަރްނާޒް ވަނީ މަސައްކަތް ކޮށްފަ އެވެ. މިސް ޔުނިވާސްގެ ތާޖް ހާސިލު ކުރުމަށްޓަކައި ހަރްނާޒް އަށް 79 ގައުމެއްގެ ރީތީގެ ރާނީންނާ ވާދަކުރަން ޖެހުނެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ތާޖު

މީގެ ކުރިން 2019 ގައި މިސް ސައުތު އެފްރިކާ ޒޯޒީބީނީ އާއި 2020 ގައި މިސް މެކްސިކޯ އެންޑްރެއާ އެޅި ތާޖަކީ ދުނިޔޭގައި މިހާތަނަށް ރީތީގެ ނާނީން އެޅި އެންމެ އަގުހުރި ތާޖެވެ.

މިސް ޔުނިވާސްގެ ޑިޒައިން ކޮންމެ ފަހަރަކު ވެސް ބަދަލުވެ އެވެ. ހަރްނާޒް އަށް މިފަހަރު ލިބުނު ތާޖަކީ ފާއިތުވީ އެތައް އަހަރަކުއްސުރެ ތައްޔާރުކުރި އެންމެ އަގު ބޮޑު ތާޖެވެ.

މިސްޔުނިވާސްގެ ތާޖުގެ އަގަކީ ފަސް މިލިއަން ޑޮލަރެވެ. މިއީ ހަރްނާޒްގެ ގުދުރަތީ ރީތި ކަމަށާއި އަންހެންވަންތަކަމަށް އަދި އެއްބައިވަންތަ ކަމަށާއި ހިތްވަރަށް ބަލާފައި ލިބުނު މަގާމެކެވެ.

އަށާރަ ކެރެޓް ރަނުން ތައްޔާރު ކޮށްފައިވާ މި ތާޖުގައި 1770 ޑައިމަންޑް ޖަހާފައި ވެއެވެ. އަދި މެދުގައިވާ ބައިގައި ޚާއްސަ ގޮތަށް ކަނޑާފައިވާ ޑައިމަންޑްތަކެއް ހަރުކޮށްފައި ވެއެވެ. މި ބައިގައި ހަރުކޮށްފައިވާ ޑައިމަންޑްގެ ބަރުދަނުގައި 62.83 ކެރެޓްސް ހުރެ އެވެ.

ނަމަވެސް މިފަހަރުގެ މިސް ޔުނިވާސް އަށް ލިބުނު ފައިސާގެ އިނާމުގެ އަގު ހާމަ ކޮށްފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި މިސް. ޔުނިވާސްއަށް އެތައް މިލިއަން ޑޮލަރެއް ލިބޭނެ އެވެ. އަދި ނިއު ޔޯކްގައި ހުންނަ މިސް ޔުނިވާސް އެޕާޓްމަންޓްގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ހުރެވޭނެ އެވެ. މި އެޕާޓްމަންޓް އޭނާއާއެކު މިސް ޔޫއެސްއޭ ޝެއާ ކުރާނެ އެވެ.

މިސް ޔުނިވާސްގެ އަންނައުނާއި ކެއިން ބުއިމަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ހޯދައި ދޭނީ މިސް ޔުނިވާސް އޮގަނައިޒޭޝަނުންނެވެ.

މިސް ޔުނިވާސްގެ ދައުރު ފުރިހަމަ ކުރަން ހޭދަވާ އެއް އަހަރު ދުވަހުގެ ތެރޭގައި އޭނާއަށް ވަރަށް އަރާމު މުއްސަނދި ދިރިއުޅުމެއް އުޅެން ލިބޭނެ އެވެ. އޭނާގެ ކައިރީގައި ޕްރޮފެޝަނަލް މޭކަޕް އާޓިސްޓުންނާއި އެމީހުންގެ އެސިސްޓެންޓުން އަބަދުވެސް ތިބޭނެ އެވެ. މިސް ޔުނިވާސްގެ މޭކަޕް އާއި ހެއާ ޕްރޮޑަކްޓްސް، ފައިވާން، ހެދުން، ގަހަނާ، ސްކިންކެއާގެ ހުރިހާ ކަމެއް އެއް އަހަރު ވަންދެން ބަލަހައްޓާނީ މި ޓީމުންނެވެ.

އަދި ދުނިޔޭގެ އެންމެ މޮޅު ފޮޓޯގްރާފަރުން ލައްވާ އޭނާގެ ޕްރޮފައިލް ފޮޓޯތައް ނެގުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި މީގެ އިތުރުން ފެޝަން ސްޓައިލިސްޓަކާއި ނިއުޓްރިޝަން އެކްސްޕާޓެއް، ހަމުގެ ކަންކަމުގެ ފަރުވާ އަދި ދަތުގެ ފަރުވާގެ ޚަރަދުވެސް އަހަރެއް ވަންދެން ބަލަހައްޓާނީ މިސް. ޔުނިވާސް އިންތިޒާމްކުރާ ފަރާތުންނެވެ.