ލައިފްސްޓައިލް

އާދައިގެ މީހެއް، ކުއްލިއަކަށް މަޝްހޫރު މޮޑެލްއަކަށް

ބައެއް ފަހަރަށް އިންސާނެއްގެ ދިރިއުޅުން ބަދަލުވާން ނަގަނީ ހިނދުކޮޅެކެވެ. ކެރެލާގެ މި މީހާގެ ވާހަކައަކީ މިފަދަ އަޖައިބެއް ކަހަލަ މިސާލެކެވެ.

އުމުރުން 60 އަހަރުގެ މައްމިކާ އަކީ ކެރެލާގެ ކޮޒިކޮޑޭގައި ދިރިއުޅޭ މީހެކެވެ. އޭނާ ދިރިއުޅޭ ހިސާބު މީހުންނަށް އޭނާ އަބަދުވެސް ފެންނާނީ ކުލަގޮސްފައިވާ މުންޑަކާއި ގަމީހެއް ލައިގެން އުޅެނިކޮށެވެ. އޭނާއަކީ އެ ދުވަހު އެ ޖެހުނު މަސައްކަތެއް ކޮށްލައިގެން ބަނޑުފުރާނަ މުއްތިކުރަމުންދިޔަ މީހެކެވެ. ނަމަވެސް މިއަދު އޭނާގެ ހާލަތު ވަނީ ބަދަލުވެފަ އެވެ. ކުރިން އޭނާ ފެނުނު މީހުންނަށް މިހާރު އޭނާ ފެނުނަސް ނޭނގޭ ހާ ބޮޑު ތަފާތެއް އޭނާގެ ސިފަޔާއި އަޅާ އުޅޭ ހެދުމެއް ވަނީ އައިސްފައި ވެއެވެ.

މައްމިކާގެ ނަސީބު އޭނާގެ އަތުގައި ހިފީ އޭނާ އާދަވެ ކުރަމުންދާ އުނގުވިޔަފާރި ކުރަން އިންދާ ފޮޓޯގްރާފަރު ޝަރީކް ވަޔަލިލްގެ ލޮލުގައި އޭނާ އަޅައިގަނެގެންނެވެ. ޝަރީކް ވަނީ ކުންފުންޏެއްގެ އިޝްތިހާރަކަށް އޭނާ ލައްވާ މޮޑެލް ކުރުވާފަ އެވެ. ރީތި ސޫޓެއް ލައްވައިގެން އައިޕެޑެއް އަތަށް ދީފައި ބަހައްޓައިގެންނެވެ.

ކުރިން ވެސް މައްމިކާގެ ފޮޓޮއެއް ޝަރީކް ސޯޝަލް މީޑިއާގައި ޝެއާ ކުރި އެވެ. އޭނާ އާދައިގެ ގޮތަކަށް މަސައްކަތުގައި އުޅެނިކޮށެވެ. އެ ފަހަރު ފޮޓޯއަށް ބޮޑު ސަމާލުކަމެއް ލިބުނީ އިންޑިޔާގެ އެކްޓަރެއް ކަމަށްވާ ވިނަޔަކަން އާއި މައްމިކާ ވައްތަރުކަމަށް މީހުންނަށް ފެނިގެންނެވެ.

ފޮޓޮގްރާފަރު ޝަރީކް އަށް ލޯކަލް ފާމެއްގެ އިޝްތިހާރެއްގެ ފޮޓޯތައް ނަގަން ލިބުމުން އަނެއްކާވެސް މައްމިކާ މަތިން ހަނދާންވީ އެވެ. އަދި މޭކަޕް އާޓިސްޓަކާއި އެސިސްޓެންޓެއްގެ އެހީގައި ރަނގަޅު މޭކްއޯވާއެއް ހަދައިގެން މައްމިކާގެ ފޮޓޯޝޫޓެއް ކުރީ އެވެ.

މިހާރު މައްމިކާގެ އިންސްޓަގްރާމް ޕޭޖެއް ވެސް އެބަ އޮތެވެ. މި ޕޭޖުގައި އޭނާގެ ކުރީގެ ފޮޓޯތަކާއި މޭކްއޯވާ އަށް ފަހު ނަގާފައިވާ ފޮޓޯތައް ހިމެނެ އެވެ. އެއާއެކު މައްމިކާ ދިރިއުޅޭ ހިސާބުގަނޑުގެ މީހުން އޭނާއަށް ވަނީ ހީރޯއެއްގެ ދަރަޖަ ދީފަ އެވެ.

ކުއްލިއަކަށް މި ލިބުނު ކާމިޔާބުން މައްމިކާ ވަނީ އުފަލުން ފޮޅިފަ އެވެ. އޭނާ ބުނީ އާއްމުކޮށް ކުރާ މަސައްކަތް ކުރުމުގެ އިތުރުން ފުރުސަތު ލިބޭ ވަރަކުން މޮޑެލް ވެސް ކުރާނެ ކަމަށެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ޕާކިސްތާނުގެ ސައިވިއްކާ މީހަކު ވެސް ހަމަ މިފަދަ ގޮތަކަށް މަޝްހޫރުވި އެވެ. އޭނާއަށް މަޝްހޫރުކަން ލިބުނީ ރީތި ސިފައިގެ ސަބަބުންނެވެ. މިއަދު އޭނާއަކީ މޮޑެލް އެކެވެ. އަދި ސައިވިއްކުން ހުއްޓާލާފައި މިހާރު އޭނާ ވަނީ ބޮޑެތި ރެސްޓޯރަންޓްތައް ހުޅުވާފަ އެވެ.