ލައިފްސްޓައިލް

މީހެއްގެ ބޮލަށް ކުޅުޖަހައިގެން ހެއާޑްރެސާ އެއް ހޫނު ފެނަށް!

އިންޑިޔާގައި ވަރަށް މަޝްހޫރު ސެލެބްރިޓީ ހެއާޑްރެސާ އެއް ކަމަށްވާ ޖާވީދު ހަބީބު އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ކުދި ޕާލާތައް ހިންގާ ބަޔަކަށް ހިންގި ޓްރެއިނިން ސެމިނާރެއްގެ އަންހެން ބައިވެރިއެއްގެ ބޯ ކޮށަން ހުރެފައި އެމީހާގެ ބޮލަށް ކުއްލިއަކަށް ކުޅެއް ޖަހައިފި އެވެ. މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވައިރަލްވެ ގިނަ ބަޔަކު އޭނާއާ ދެކެ ރުޅިއައިސް އަޑު އުފުލަން ވަނީ ފަށާފަ ފައެވެ.

ޖާވީދު ބުނަނީ އޭނާ މިކަން ކުރަނީ ޖޯކަކަށެވެ. ނަމަވެސް އެ ޖޯކު ފަނިވެ، މިހާރު ގިނަ ބަޔަކު ވަނީ އޭނާ ދެކެ އިންތިހާއަށް ރުޅިއައިސްފަ އެވެ. އަދި ޖާވީދަށް ފާޑު ކިޔާ މަލާމާތްކޮށް އޭނާގެ އެ އަމަލުތަކަށް ނުރުހުން ފާޅުކުރުމުގެ އޮއިވަރެއް އިންޑިޔާގައި މިހާރު ވަނީ ފެތުރިފަ އެވެ.

ޖާވީދު އެ އަންހެންމީހާގެ ބޮލަށް ކުޅުޖަހަނީ ފެން ޖެހުމުގެ ބަދަލުގަ އެވެ. އަދި މި ވީޑިއޯ ވައިރަލް ވުމުން މިކަމުގެ ޝަކުވާ މުޒައްފަރްނަގަރް ޕޮލިސް ސްޓޭޝަނަށް ގޮސް މީހަކު ކުރުމުން އެ މައްސަލަ ފުލުހުން މިހާރު ވަނީ ތަހުގީގުކުރަން ފަށާފަ އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ޚަބަރެއް ބުނާ ގޮތުގައި ޖާވީދު އާ ދެކޮޅަށް ވަރަށް ސީރިއަސް ގިނަ ދައުވާތަކެއް އުފުލުމަކީ އެކަށީގެންވާ ކަމެކެވެ.

އެ މީހެއްގެ ބޮލަށް ޖާވީދު ކުޅު ޖަހަނިކޮށް ވީޑިއޯގައި ފެންނަ އަންހެންމީހާ ވެސް ވަނީ ޖާވީދު އާ ދެކޮޅަށް ވަރަށް ވަރުގަދަ ބަޔާންތަކެއް ދީފަ އެވެ. އަންހެންމީހާ ބުނި ގޮތުގައި އެކަމާ ގުޅޭ ގޮތުން އޭނާ ސުވާލުކުރަން އުޅުމުން ސުވާލު ކުރިޔަވެސް ނުދިން ކަމަށެވެ.

"އެކަން ކުރީ ކީއްވެތޯ އަހަރެން ސުވާލުކުރަން ފެށުމުން ކަލޭ މަޑުން އިންނާށޭ ކިޔާފައި އޭނާ އަހަރެން ސުވާލު ކުރިޔަކަ ނުދިން. އޭނާ ބުނީ ކަލޭ ތީ އެންމެ ޕާލާއެއް ހިންގާ މީހެކޭ. އަހަރެން 900 ޕާލާ ހިންގަމޭ،" އަންހެންމީހާ ބުންޏެވެ.

އަންހެންމީހާ ބުނި ގޮތުގައި އެތަނުގައި ތިބި މީހުންގެ ތެރެއިން އޭނާއަށް ގޮވާފައި ސްޓޭޖަށް އަންނަން ދައުވަތު ދިނީ ޖާވީދެވެ. އޭނާ ގޮސް އިށީނުމުން ދެ ފަހަރަކަށް އޭނާގެ ބޮލުގައި އަޅާ ކޮއްޕާލި ކަމަށް ވެސް އަންހެންމީހާ ބުންޏެވެ. އެއީ ބޯކޮށާ ބައެއް މީހުން ކުރާ ކަމެއް ނަމަވެސް އަންހެންމީހާ އަކަށް އެކަމެއް ވެސް ގަބޫލެއް ނުކުރެވުނެވެ.

"އަހަރެން ބުނިން އަހަންނަނީ ކަނދުރާގެ މައްސަލަތައް ހުންނަ މީހެކޭ.. އެހެން ބުނީމަ ވެސް އޭނަ އެ ވާހަކަ އަޑެއް ނޭހި. ދެ ފަހަރަށް ބޮލުގައި އަޅައި ކޮއްޕާލި. އަދި ބޮލަށް ކުޅު ޖަހަޖަހާފައި ބުނި ކަލޭމެންގެ ޕާލާގައި ފެން ނުލިބިގެން ދަތިވާ ވަގުތުގައި ކަސްޓަމަރުންގެ ބޮލަށް ކުޅުޖަހައިގެން ވެސް އިސްތަށިގަނޑު ކޮށިދާނޭ،" އަންހެންމީހާ ކިޔައިދިނެވެ.

ޖާވީދު މިގޮތަށް ކަންތައް ކުރުމުން އޭނާ ލައްވާ ބޯކޮށަން ބޭނުން ނޫންކަމަށް އަންހެންމީހާ ބުނެ އެވެ. އޭނާ އެހެން ބުނުމުން އެއީ ޖޯކަކަށް ކުރިކަމެކޭ ޖަވީދުގެ އެސިސްޓެންޓަކަށް ހުރި މީހަކު ބުނެ އެވެ. ނަމަވެސް "އެއީ ޖޯކަކަށް މީހުން ކުރާ ކަހަލަ ކަންތައްހޭ" އަންހެންމީހާ ބުނެ އެވެ.
އަންހެންމީހާ ބުނި ގޮތުގައި މި މަންޒަރު އޭނާގެ ފިރިމީހާ ވަނީ ވީޑިއޯކޮށްފަ އެވެ. އަދި ޖާވީދު އާ ދެކޮޅަށް މި ވީޑިއޯ ބޭނުންކުރަން އަންހެންމީހާ ވަނީ ނިންމާފަ އެވެ.

އަދި އަންހެންމީހާގެ ބަޔާނާއެކު އިންޑިޔާގެ އަންހެނުން ހައްގުތަކާ ބެހޭ ނެޝަނަލް ކޮމިޝަން އޮފް ވިމެން އިން ވެސް ވަނީ ޖާވީދުގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ފުލުހުންނަށް އިލްތިމާސް ކޮށްފަ އެވެ.

މި ހާދިސާގެ ވާހަކަތައް ވަރަށް ގަދަޔަށް ދެކެވެން ފެށުމާއި އަދި މިކަމާ ގިނަ ބަޔަކު ރުޅިގަދަވެ މައްސަލަ ހޫނުވުމުން ޖާވީދު ވަނީ ސޯޝަލް މީޑިއާގައި ބަޔާނެއް ޝެއާކޮށް މިކަމަށްޓަކައި އެންމެންގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދިފަ އެވެ.

އޭނާ ބުނި ގޮތުގައި އެއީ މީހަކަށް އިހާނެތިކޮށް ކަމެއް ކުރުމުގެ ނިޔަތުގައި އޭނާ ކުރި ކަމެއް ނޫނެވެ. އެ އިވެންޓަކީ ޕްރޮފެޝަނަލް ބަޔަކަށް ހެއާ ސްޓައިލްކުރުމާ ގުޅޭ ގޮތުން ބޭއްވި ސެމިނާރެއްގައި އޭނާ މަޖަލަކަށް ކުރި ކަމެއް ކަމަށާއި އޭގެ ސަބަބުން ބަޔަކު ހިތްހަމަ ނުޖެހި ރުޅި އައިސްފައިވާނަމަ އެކަމަށް މައާފަށް އެދޭ ކަމަށެވެ.

ޖާވީދު ހަބީބު އާ ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު ބަޔަކު ވަނީ މުޒާހަރާކޮށް އަޑު އުފުލާފަ އެވެ. އަދި ޖާވީދުގެ ސޫރަ ގޮތަށް ބުދު ތައްޔާރުކޮށް އެ ބުދު އަންދައި އޭނާ ހައްޔަރުކުރުމަށް ވެސް މި މުޒާހަރާގައި ގޮވާފައި ވެއެވެ.