އައްޑު އަތޮޅުގައި އެންމެ ގިނަ އެނދުހުރި ރިސޯޓް ކަމަށްވާ ހެރެތެރެގައި ހިންގާ ކެނެރެރީފް ރިސޯޓު އަންނަ މަހުގެ 15 ގައި ހުޅުވާނެ ކަމަށް އެ ރިސޯޓުން ބުނެފި އެވެ.
އަވަސް އަށް ވާހަކަ ދައްކަވަމުން ކެނެރީފް ރިސޯޓުގެ ސޭލްސް މެނޭޖަރު ސައިފް ޒަރީރު ވިދާޅުވީ މި މަހުގެ 24 ގައި ހުޅުވަން ތައްޔާރުވި ރިސޯޓުގެ ހުޅުވުން ލަސްވި ސަބަބަކީ ބޭރުން ގެންނަ ބައެއް ސާމާނު ލަސް ވެގެން ކަމަށެވެ. ނަމަވެސް މިހާރު ޕްލޭންކޮށްފައި އޮތް ގޮތުން މި މަހުގެ 15 ގައި ރިސޯޓު ހުޅުވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
"ރާއްޖޭން ބޭރުގެ ސަޕްލައި ތަކެއް ލަސް ވެގެން ހުޅުވުން ލަސްވީ. އާރްއޯ ޕްލާންޓުގެ ބައެއް ސާމާނު އަންނަނީ އެމެރިކާއިން. މި ތަކެއްޗަކީ ސީދާ ޑައިރެކްޓްރީ ސަޕްލަޔަރު އަތުން ހޯދަން ޖެހޭ އެއްޗިހިވީމަ ލަސްވީ. އެ ތަކެތި ގެނައުމުގައި ކުރިމަތިވި ޝިޕިން ޑިލޭތަކުގެ ސަބަބުން ލަސް ވެގެން ދިޔައީ،" މި މަހުގެ 24 ގައި ހުޅުވަން މަސައްކަތް ކުރި ރިސޯޓުގެ އޮޕަރޭޝަން ލަސްވި ސަބަބާ ބެހޭ ގޮތުން، ސައިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރުގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށްދާއިރު ސަރުކާރުގެ ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ.
"ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ސަރުކާރުގެ ހުރިހާ ވުޒާރާ ތަކުން ވެސް ބޮޑު އެއްބާރުލުމެއް ލިބޭ. އެމްޕްލޯއިމަންޓް އެޕްރޫވަލް ވެސް އާއްމުކޮށް މި ލިބެނީ 14 ދުވަހުން. އެކަމަކު މިކޮޅުން ހުރިހާ ލިޔުންތަކެއް ހަމަކޮށްލާފަ ލީމަ ޖެހިގެން އަންނަ ދުވަހު ހުއްދަ އެބަ ލިބޭ. ޓޫރިޒަމް މިނިސްޓްރީގެ ހުއްދަތައް ވެސް ވަރަށް އަވަސް. ގަން އެއާޕޯޓާއެކު ވެސް މަޝްވަރާކޮށް ދުރާލާ ކަންކަން ރާވާލަން މިހާރު ފަސޭހަ،" ސައިފް ވިދާޅުވި އެވެ.
2014 އިގެ ފަހުން ހުރިހާ ކޮޓަރިއެއް އޮޕަރޭޝަނަށް
ހެރެތެރެ ރިސޯޓުން ވަނީ ރިސޯޓުން ހިދުމަތް ދޭން ބޭނުންވާ މުހިންމު ލައިސަންސްތައް މި މަހުގެ 23 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ލިބޭނެ ކަމަށް ބުނެފަ އެވެ.
ސައިފް ވިދާޅުވީ ޖެނުއަރީ މަހު ރިސޯޓު ހުޅުވާއިރު 145 ކޮޓަރި ހުޅުވާނެ ކަމަށާ މީގެތެރެއިން 140 ކޮޓަރިއަކީ ރިސޯޓް ކުންފުނިން ގަނެފައިވާ ކޮޓަރިތައް ކަމަށެވެ. އެހެންވެ ރިސޯޓު ހުޅުވާއިރު ވެސް ރިސޯޓު އެއްކޮށް ފުލްވާނެ ކަމަށް ވިދާޅުވި އެވެ.
އެ ރިސޯޓުން މަސައްކަތް ކުރަމުން ދަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުޅި ރިސޯޓުގެ ހުރިހާ ކޮޓަރިތަކެއް އޮޕަރޭޝަނަށް ގެނައުމަށެވެ. އެއީ 271 ކޮޓަރި އެވެ.
ސައިފް ވިދާޅުވީ ހުރިހާ ކޮޓަރިތަކެއް އޮޕަރޭޝަނަށް މި ގެނެވެނީ 2014 ގެ ފަހުން ކަމަށާ މިއީ ފާހަގަ ކޮށްލަން ޖެހޭ ކަމެއް ކަމަށެވެ.
"މި ވަގުތު ހުޅުވާއިރު ކޮޓަރި ނެތީމަ މާކެޓު ނުކުރެވުނު ނަމަވެސް އިންކުއަރީ އެބަލިބޭ. އެންމެ ޑިމާންޑް ރަނގަޅީ ޔޫރަޕުން. ޖެޓް ކްރޫއިންގެ ރިކުއެސްޓް ވެސް ލިބޭ،" ސައިފް ވިދާޅުވި އެވެ.
ސިންގަޕޫރުގެ ކުންފުންޏަކުން ހެރެތެރޭގައި ހިންގާ ކެނެރީފް ރިސޯޓަކީ ގާތްގަނޑަކަށް 4.5 ކިލޯމީޓަރުގެ ރަށެކެވެ.