ހަބަރު

ޓޫރިޒަމަށް އައްޑޫން ބިން ދޫކުރަން ތައްޔާރުވެއްޖެ

Oct 28, 2019
2

އައްޑޫގައި ޓޫރިޒަމް ފުޅާކުރަން، ގެސްޓް ހައުސް އާއި ސިޓީ ހޮޓާ ތަރައްގީކުރަން ބިން ހޯދަން ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން އަންނަ ބުރާސްފަތި ދުވަހު ހުޅުވައިލަން ނިންމައިފަ އެވެ.

ޓޫރިޒަމަށް އައްޑޫން ބިން ދޫކުރަން އެންމެ ފުރަތަމަ ނިންމީ މި މަހުގެ 20 އިން ފެށިގެން އަންނަ މަހުގެ 13 އާ ހަމައަށެވެ. ނަމަވެސް، ބިޑް ވިއްކުން ލަސްކުރީ އެކަމަށް ވާން ޖެހޭ ތައްޔާރީތަކަށް އިތުރު ވަގުތު ބޭނުންވެގެންކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ނަމަވެސް، އެ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މިހާރު ބިޑް ވިއްކަން ނިންމާފައި ވަނީ މި މަހުގެ 31 އިން ފެށިގެން އަންނަ މަހުގެ 28 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެއްސެއް ނަމަ 2،000 ރުފިޔާ އަދި ބޭރު މީހެއް ނަމަ 300 އެމެރިކާ ޑޮލަރަށެވެ.

އައްޑޫގައި ރަށު ޓޫރިޒަމް ފުޅާ ކުރަން 4،000 އެނދު ތަރައްގީ ކުރަން އައްޑޫ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއި ކުރީ މިދިޔަ މަހު އެވެ.

އައްޑޫގައި މިހާރު ހިންގަމުން އަންނަނީ ދެ ރިސޯޓެކެވެ. މީގެ އިތުރުން އިސްމެހެލާހެރައިގައި ތަރައްގީކޮށްފައިވާ ސައުތު ޕާމް ރިސޯޓު ހުޅުވުމުގެ މަސައްކަތްތައް ވެސް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އައްޑޫ ސިޓީ ގަމުގައި އީކްއޭޓާ ވިލެޖް ނަމުގައި ވެސް ސިޓީ ހޮޓަލެއް ހިންގަ އެވެ.