އެމްއޭސީއެލް

ހަސީނާގެ ދަތުރުފުޅަށް ހުޅުލެއާއި ބްރިޖު ވަކި ވަގުތަކަށް ބަންދުކުރަނީ

Dec 21, 2021
1

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން އަޅަން ނިންމާފައިވާ ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ފަޅުތެރެއާއި މަގުތައް ވަކި ވަގުތުތަކަކަށް ބަންދުކުރަން ނިންމައިފި އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނީ ހަސީނާގެ ދަތުރުފުޅާ ގުޅިގެން މާދަމާ ވީއައިއޭގެ ޓާމިނަލްގެ އުތުރު ކަންމަތިން ފެށިގެން ކާގޯ ބިލްޑިންގް ދެކުނު ކަންމައްޗާ ހަމައަށް ހުޅުލޭގެ އެއްގަމު މަގާއި ފަޅުތެރޭގައި ވަކި ގަޑިތަކެއްގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުން މަނާ ވާނެ ކަމަށެވެ.

މަގާއި ނެރު ބަންދު ކުރާ ވަގުތުތަކުގައި ކަނޑުމަގުން ހުޅުލެއަށް ވަދެވޭނީ ހުޅުލޭގެ އެންމެ ދެކުނުގައިވާ ނެރުން އެކަންޏެވެ. މާދަމާ މެންދުރު 12:00 އިން ހަވީރު 4:00 އަށް ހުޅުލޭގެ އުތުރުފަރާތު ފަޅުތެރެއަށް އެއްވެސް އުޅަނދެއް ވަދެ ނުކުތުން އަދި ފަޅުތެރޭގައި އުޅަނދު ބޭއްވުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި މާދަމާގެ މެންދުރު ފަހު 2:00 އިން ހަވީރު 4:00 އަށް މި ސަރަހައްދުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.

އެމްއޭސީއެލުން އިތުރަށް ބުނީ ހިނގާ ބިނގާވެ އުޅުމާއި، ދުއްވާ އެއްޗެތި ދުއްވުން މުޅިން މަނާ ވަގުތުކޮޅެއް ވެސް މާދަމަ އަންނާނެ ކަމަށާއި އެހެންކަމުން ފުލުހުންގެ އިރުޝާދާ އެއްގޮތަށް އެންމެންވެސް އަމަލުކުރުމަށް އެދޭ ކަމަށެވެ.

ޝައިހް ހަސީނާ ރާއްޖެ އަށް ކުރައްވާ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެކަމަނާ ރާއްޖޭގައި މަޑުކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ. އެކަމަނާގެ ދަތުރުފުޅުގައި ބުދަ އަދި ބުރާސްފަތި ދުވަހު ކުރައްވާނީ ރަސްމީ މަސައްކަތްތަކެކެވެ. ބުރާސްފަތި ދުވަހު މަޖިލީހުގެ ތަޅުމުގައި ތަގުރީރު ކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ޝައިހް ހަސީނާ ރާއްޖޭގައި ހޭދަކުރައްވާ ބާކީ ދުވަސްތަކުގައި ޗުއްޓީއެއް ހޭދަކުރައްވާނެ އެވެ. ހަސީނާ ޗުއްޓީ ހޭދަ ކުރެއްވުމަށް ހަމަޖެހިފައިވަނީ މާލެ ކައިރީގައިވާ އެނބޫދޫފިނޮޅު ހިއްކައިގެން އެ ތަނުގައި ހަދާފައިވާ ރިސޯޓެއްގަ އެވެ. އެ ރިސޯޓުގެ 17 ރޫމެއް ބުކް ކުރައްވާފައިވާ ކަމަށް އެނގިފައިވެ އެވެ.