ކްރިމިނަލް ކޯޓް

ނަޝީދަށް އިންޒާރުދިން މީހާގެ ނަފްސާނީ މައްސަލައެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތަކުރާރުކޮށް މަރުގެ އިންޒާރު ދިން މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ހ. ލައިޓްނައިޓް އިސްމާއީލް ޔާފިސްގެ ނަފްސާނީ މައްސަލައެއް ހުންނަ އޭނާ ކަމަށް ކޯޓުގައި ބުނެފި އެވެ.

ޔާފިސް ވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ބައިއަތުހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޝާއިއުކޮށްފަ އެވެ. އަދި 2020 ވަނަ އަހަރުން ފެށެގެން އޭނާ ބޭނުންކުރަމުން ދިޔަ ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ރައީސް ނަޝީދަށް އިންޒާރުދީ އެކި ޕޯސްޓްތައް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ދައުލަތުން ޔާފިސްގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޭނާގެ މައްޗަށް ކޮށްފައިވާ ތިން ދައުވާ އިއްވި އެވެ. އެ ދައުވާތަކަށް އިންކާރުކުރަމުން އޭނާ ބުނެފައި ވަނީ ދިފާއުގައި ހުށަހަޅާނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި ދިފާއީ ވަކީލަކު ވެސް ބޭނުންނުވާ ކަމަށެވެ.

އޭނާގެ ވާހަކަތައް ހުރިގޮތުން ގާޒީ ދީބާނާޒް ފަހުމީ ވަނީ އޭނާގެ ނަފްސާނީ މައްސަލައެއް ހުރިތޯ ސުވާލުކުރައްވާފަ އެވެ. އެ ސުވާލަށް ޖަވާބު ދެމުން އޭނާ ބުނެފައި ވަނީ "ސްކިޓްސްފްރީނިއާ" ނަމަކަށް ކިޔާ ނަފްސާނީ ބައްޔެއް 2013 ވަނަ އަހަރު ހުރި ކަމަށެވެ. އެއީ މީހާގެ ވިސްނުމަށާއި އުޅުމަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކުރާ ބައްޔެކެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ނަފްސާނީ މައްސަލަތަކެއް އޭނާއަށް ދިމާވެގެން ޑޮކްޓަރަށް ދެއްކި ކަމަށެވެ.

ބަންދުގައި ހުރި މުއްދަތުގައި ވެސް އޭނާ ވަނީ އެކަމާ ގުޅުންހުރި ޑޮކްޓަރަކަށް ދައްކައިފަ އެވެ. ދައުލަތުން ބުނެފައި ވަނީ އޭނާގެ ސައިކޮލޮޖިކަލް އެސެސްމެންޓްތަކެއް ހެދި ކަމަށާއި އޭނާގެ ނަފްސާނީ މައްސަލައެއް ނެތް ކަމަށެވެ.

އެކަމަކު ޔާފިސް ފާހަގަކުރި ބައްޔައްކީ ސައިކްއޭޓްރިކް ބައްޔެއްކަން ގާޒީ ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ގާޒީ ވިދާޅުވެފައި ވަނީ ޔާފިސްގެ ސިއްހީ ކަންކަމާ ގުޅުންހުރި ލިޔެކިޔުންތަކާއި މައުލޫމާތުތައް ދައުލަތުން ހޯދުމަށެވެ. މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ އަންނަ ޖެނުވަރީ މަހު އެވެ. އެދުވަހު ބާއްވާނީ ޔާފިސްގެ ބަލިހާލަތާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ބާއްވާ އަޑުއެހުމެކެވެ.

ޔާސިފް މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ހައްޔަރުކުރީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ "ބަދުރު ދުވަހު އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށް ބުނެ އިންޒާރުކޮށް ފޭސްބުކްގައި ޕޯސްޓެއް ކުރުމުންނެވެ. އަދި "ހައެއް ފަހެއް" ގައި ރައީސް ނަޝީދަށް ދިން ހަމަލާއަށް ވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އޭނާގެ ބަންދާމެދު ގޮތެއް ނިންނުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުގައިވެސް އޭނާ ވަނީ ރައީސް ނަޝީދަށް މަރުގެ އިންޒާރު ދީފަ އެވެ. އެހެންވެ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި 15 ދުވަހަށް ޖަލަށް ލާން ވެސް ހުކުމްކުރި އެވެ.