ރޮޒައިނާ އާދަމް

ޕީޖީއޭގެ އެގްޒެކްޓިވް ކޮމިޓީއަށް އަނެއްކާވެސް ރޮޒައިނާ

Dec 21, 2021

ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަންސް (ޕީޖީއޭ) ގެ އެގްޒެކްޓިވް ކޮމިޓީ އަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަނެއްކާ ވެސް ހޮވައިފި އެވެ.

ޕީޖީއޭގެ އެގްޒެކްޓިވް ކޮމިޓީ އަށް 15 މެންބަރުން ހޮވަނީ ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ކައުންސިލް މެންބަރުންގެ މެދުގައި ބާއްވާ އިންތިހާބަކުންނެވެ.

ރޮޒައިނާއަކީ މިމަހުގެ 31 ގެ ނިޔަލަށް ދައުރު ހަމަވާ ޕީޖީއޭގެ އެގްޒެކްޓިވް ކައުންސިލްގައި މިވަގުތު ވެސް އިންނަވާ މެންބަރެކެވެ.

ވާޗުއަލްކޮށް ކުރިއަށް ގެންދިޔަ ޕީޖީއޭގެ 42 ވަނަ އެނުއަލް ފޯރަމްގައި އެގްޒެކްޓިވް ކައުންސިލަށް ރޮޒައިނާ އިންތިހާބުވުމާ ގުޅިގެން ޖެނުއަރީގައި ފަށާ އާ ދައުރުގައި ވެސް އޭނާ ކޮމިޓީގައި އިންނަވާނެ އެވެ.

ޕީޖީއޭގައި 140 ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަކުން ބައިވެރިވެފައިވާއިރު 1،300 އަށް ވުރެ ގިނަ މަޖިލިސް މެންބަރުން އެ ޖަމިއްޔާގައި މެންބަރުންގެ ގޮތުގައި ހިމެނެ އެވެ.

އެމެރިކާގެ ނިއުޔޯކްގައި މައި އޮފީސް ގާއިމު ކޮށްފައިވާ ޕީޖީއޭ އުފައްދާފައި ވަނީ 1978 ވަނަ އަހަރު އެވެ. ޕީޖީއޭގެ ރައީސްގެ ގޮތުގައި މިވަގުތު ހުންނެވީ ސްވިޑެންގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު މާގަރިތާ ކެޑަފެލްޓް އެވެ. ޕީޖީއޭގެ ކުރިއަށް އޮތް ދައުުރުގެ ރައީސަކަށް އިންތިހާބުކޮށްފައި ވަނީ މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ކަސްތުރި ޕައްޓޯ އެވެ.

ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމުގައިވާ ޕީޖީއޭގެ މަގުސަދަކީ އިންސާނީ ހައްގުތަކަށް އަހުލުވެރިކުރުވުމާއި، ގާނޫނު ނެގެހެއްޓުމަށް ބާރު އެޅުމާއި، ދިމިގްރާތީ އުސޫލުތައް ހިފެހެއްޓުމާއި، ތަފާތުކުރުންތައް ނައްތާލުމާއި، ޖިންސުގެ ހަމަހަމަ ކަމަށް ގާނޫނު ހަދާ މަޖިލިސްތަކުގެ ތެރޭގައި މަސައްކަތް ކުރުމަށް ބާރު އެޅުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރުގެ ގޮތުގައި ހުންނެވި ރޮޒައިނާ އާދަމް މަޖިލީހަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ 2009 ވަނަ އަހަރު ތުލުސްދޫ ދާއިރާގެ މެންބަރު ކަމަށެވެ. އެއަށްފަހު 2014 ވަނަ އަހަރާއި 2019 ވަނަ އަހަރު އޭނާ މަޖިލީހަށް އިންތިހާބުވެވަޑައިގަތީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ކަމަށެވެ.

މިއީ ރޮޒައިނާ މަޖިލީހުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ތިންވަނަ ދައުރެވެ. އޭނާ އަކީ މަޖިލީހުގައި މިވަގުތު މެންބަރުކަން ކުރައްވަމުން ގެންދަވާ އަންހެން ބޭފުޅުންގެ ތެރެއިން އެންމެ ދުވަސްވީ މެންބަރެވެ.