- އިތުރު ފަރާތްތަކަށް ވަޒީފާ ހޯދައިދޭނެ
- މަސައްކަތް ކުރާނީ އާސަންދަ ޑޭޓާ ސެންޓަރުގައި
- މެޑަމް ވިދާޅުވީ މިއީ ފާހަގަ ކުރެވޭ ކާމިޔާބީއެއް ކަމަށް
ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކޮށް، ޒިންމާދާރު ބަޔަކަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން، 11 ފަރާތަކަށް އާސަންދަ އޮފީހުން މިއަދު ވަޒީފާ ދީފި އެވެ. މި މަސައްކަތަކީ މެޑަމް ފާތުން އިސްވެ އުފައްދަވާފައިވާ، ދި- ސަދަގާތު ފައުންޑޭޝަނުން އިސްވެ ފެށި މަސައްކަތެކެވެ.
އެގޮތުން ވަޒީފާއަށް ހުޅުވާލި ފުރުސަތުގައި 21 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފަ އެވެ. ނަމަވެސް އިންޓަވިއުއަށް ހާޒިރުވީ 14 ފަރާތެކެވެ.
އާސަންދަ އޮފީހުން ވަޒީފާ ލިބުނު ފަރާތްތަކަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ މިއަދު މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، މެޑަމް ފާތިމަތު އިބްރާހިމް އެވެ.
މިއަދު ވަޒީފާ ލިބުނު ހުރިހާ ފަރާތްތަކުން ވެސް މާދަމާ އިން ފެށިގެން މަސައްކަތްކުރާނީ އާސަންދަ އޮފީހުގެ ޑޭޓާ ޕްރޮސެސިން ޑިޕާޓްމަންޓް ގަ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ފާތުން ވިދާޅުވީ، މިއަދަކީ ސަރުކާރުން ފެށި މުހިންމު މަސައްކަތެއްގެ ފޮނި ނަތީޖާ ހާސިލުކުރެވިގެންދިޔަ ދުވަހެއް ކަމަށެވެ. މެޑަމް ވަނީ ކުދިންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތުގައި އެކަމަނާއާ ބައިވެރިވެ ޒިންމާދާރުކަމާއެކު މަސައްކަތްކުރެއްވި އެކި ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.
"މިފަދަ ކުދިންނަށް އިތުރު އެހެން ތަންތަނުން ވެސް ވަޒީފާގެ ފުރުސަތުތައް ފުޅާ ކުރުމަށް މަސައްކަތް ކުރަމުން އަންކަން އަޅުގަނޑު މިފުރުސަތުގައި ފާހަގަ ކުރަން،" މެޑަމް ފާތުން ވިދާޅުވި އެވެ
ވަޒީފާ ލިބުނު ފަރާތްތައް:
- އައްސަދުﷲ ރަޝީދް
- އިސްމާއިލް މަހުފޫޒު
- ނަޒީހް ޔައުގޫބް ހުސައިން
- ފާތުމަތު މުހައްމަދު
- އަމީން މުހައްމަދު
- އަހުމަދު ނާފިއު
- ހަދީޖާ ސަނާ
- މުހައްމަދު ޔަމާން
- އަދީލާ އައްބާސް
- ފަޒްލީ އަގީދް
- ޒުލްފާ މުހައްމަދު
އާސަންދަ އޮފީހުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުމާ ގުޅޭ ގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫނު އަބްދުލް ސަމަދު ވިދާޅުވީ، އެކުންފުނީގެ ވަޒީފާއަށް ހަމަޖެއްސި ހުރިހާ ފަރާތްތަކަކީ ވެސް ތައުލީމީ ގޮތުން ބެލި ނަމަވެސް އެ ވަޒީފާއަށް ގާބިލު ބައެއް ކަމަށެވެ. ވަޒީފާ ދިނުމުގައި އެންމެ ބޮޑަށް ބަލާފައިވަނީ ނުކުޅެދުންތެރިކަމުގެ އިތުރަށް ތައުލީމީ ގާބިލުކަން ހުރި މިންވަރާއި، ކޮމްޕިއުޓާ ސްޓަޑީސް އާ ބެހޭ މައުލޫމާތުގެ އިތުރަށް ހުނަރު ހުރި މިންވަރުގެ މައްޗަށް ކަމަށް މައުމޫން ވިދާޅުވި އެވެ.
އެގޮތުން ބަލާއިރު މިހާރު ހޮވާފައި ތިބި މީހުންނަކީ އިންޓަވިއު ކުރި 14 ފަރާތުގެ ތެރެއިން އެންމެ މޮޅު ކަމަށް ފާހަގަކުރެވުނު 11 މީހުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި، އެކުންފުންޏަށް އަސްލު ބޭނުންވީ ދިހަ މުވައްޒަފުންނެވެ. އިއުލާން ވެސް ކުރީ އެގޮތަށެވެ. އެހެން ނަމަވެސް އިންޓަވިއުގައި ދެ ކުއްޖަކަށް އެއް ވަރަކަށް މާކްސް ލިބިފައި ވާތީ އެ ކުއްޖާވެސް ދޫކޮށްލަން ބޭނުން ނުވީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަސްލު ދިހަ ކުދިން އަޅުގަނޑުމެން ނަގަން ބޭނުންވީ. މިކުދިންގެ ކިބައިގައި ނުކުޅެދުންތެރިކަން ހުއްޓަސް އަޅުގަނޑުމެންނަށް އިންޓަވިއުގައި ފާހަގަކުރެވުނީ މިއީ ވަރަށް ޕެޝަނޭޓް ކުދިންކޮޅެއް ކަން. ދެ ކުއްޖަކު އެއް ވަރަކަށް މާކްސް ހޯދި. އެހެންވީމަ އަޅުގަނޑުމެން ބޭނުން ނުވީ އެ ފެންވަރުގެ ޓެލެންޓެއް ދޫކޮށްލަން. މަސައްކަތަށް ބަލާއިރު އަޅުގަނޑުމެން ވަރަށް ޕޮޒިޓިވް. އަލަށް ފަށައިގަންނަ ފަހަރު ކަމަށް ވާތީ މީގެ ނަތީޖާ ބަލަން އަޅުގަނޑުމެންވެސް ވަރަށް ޝައުގުވެރި،" މައުމޫން ވިދާޅުވި އެވެ.
މިއަދު ވަޒީފާ ލިބުނު ފަރާތްތަކުގެ ތެރޭގައި، އަޑު އަޑުއިވުމުން މަހުރޫމްވެފައިވާ ޒުވާން ކުދިންނާ، އޮޓިސްޓިކް ގެ އިތުރުން ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި ފަރާތްތައް ވެސް ހިމެނެއެވެ. އެ ފަރާތްތަކުގެ ފަސޭހައަށް އާސަންދަ ކުންފުނިން ވަނީ ހައުސިން މިނިސްޓްރީގެ އެހީތެރިކަމާ އެކު، ފޮރޮޅުލީ ގޮނޑިވެސް ދުއްވޭ ގޮތަށް އެ އޮފީހުގައި ރޭމްޕެއް ހަދާފަ އެވެ.