ފުލުހުން މިދިޔަ އޮކްޓޫބަރު މަހު ހިންގި ޑްރަގް އޮޕަރޭޝަންގައި 100 ކިލޯ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ނުވަ މީހެއްގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފިނުވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި ތަރުޖަމާނު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ މި މައްސަލައިގައި އެ މީހުންގެ މައްޗަށް އިއްޔެ ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން 10 މީހަކު ހައްޔަރުކުރި އެވެ. އެކި ދުވަސް މަތިން މައްސަލައިގައި ހިމެނޭ ދިވެހިން ދޫކުރަމުން ގޮސް، މިހާރު ބަންދުގައި ތިބީ އޭގެ ތެރެއިން ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން އެކަންޏެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން
- ނ. ވެލިދޫ ބީޗްހެވަން، ޖުމާން މުސްތަފާ - ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ
- ބަންގްލަދޭޝް، އެމްޑީ ރަފީގުލް އިސްލާމް - ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ
- ލ. ކަލައިދޫ ޖަނަވަރީމާގެ، މުހައްމަދު އަހްމަދު - ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ
- ދ. ބަނޑިދޫ ޕޮލަރިސް، މުހައްމަދު ހުސައިން - ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އަދި ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާ
- ކ. މާފުށި ސްވީޓްމީޑް، އަހްމަދު މާހިރު - ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
- ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޑީއެމް މޮބިން - ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
- ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުހަތު އިބްރާހީމް - ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ
- ގއ. ކޮލަމާފުށި ސޯސަންގެ، އިބްރާހީމް ޒާއިދު ހަބީބު - ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ
- ހދ. ކުމުންދޫ ޑިއާފުރެންޑް، އިބްރާހީމް ސިނާނު - ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
މިމައްސަލައިގެ ތަހުގީގަށް ބައެއް މީހުން ދީފައިވާ ބަޔާންތަކާ ހަވާލާދީ ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރެއްގައިވާ ގޮތުން 100 ކިލޯގެ ޑްރަގްސް ހޯދުމަށް ޖުމާން އާއި މުހައްމަދު އަހްމަދު ވަނީ ސަފާރީއެއްގައި ދިގު ދަތުރެއް ކުރުމަށްފަހު ކަނޑުމަތިން ރާއްޖެއިން ބޭރުގެ ބޯޓަކާ ކައިރިކޮށް ގޯނިތަކެއް ސަފާރީ އަށް އަރުވާފަ އެވެ. ނަމަވެސް ސަފާރީގައި ފަހުން އެ ގޯނިތައް ނެތް ކަމަށާއި އެކަމަކު ގޯނިތައް ބަންނަން ބޭނުންކޮށްފައި ހުރި ވައްތަރުގެ ނޫކުލައިގެ ވާގަނޑެއް ސަފާރީން ފެނުނު ކަމަށް އަމުރުގައިވެ އެވެ.
ސަތޭކަ ކިލޯގެ މަސްތުވާތަކެތީގައި މައްސަލާގައި ފުލުހުން ޖުމްލަ 10 މީހަކު ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދާ މެދު އެންމެ ފުރަތަމަ ގޮތެއް ނިންމުމަށް މިދިޔަ އޮކްޓޫބަރު 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އެ ދުވަހު ކޯޓުން ވަނީ ދެ މީހަކު ދޫކޮށްލާފަ އެވެ. އެހެންވެ އެ ދެ މީހުންގެ މައުލޫމާތު ފުލުހުން މިއަދާ ހަމައަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ. އެ ދެ މީހުންނަކީ މި މައްސަލައިގެ ދައުވާ އުފުލާފައިވާ ސިރުހާން އަދި މާހިރު އެވެ.