ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމް އިސްތިއުނާފު ކުރަން އެމަނިކުފާނު ނިންމެވުމުން ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފި އެވެ.
ނަޝީދު މީގެ ކުރިން ވަނީ ޓެރަރިޒަމްގެ ކުށުގައި ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ނުކޮށް، ސިޔާސީ ހައްލެއް ހޯދަން ބޭނުންވާ ކަމަށް ބުނެ އެކަމަށް މަސައްކަތް ކުރައްވާފަ އެވެ. އެހެން ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީ އިން ބުނެފައި ވަނީ ބޭރުގެ ފިއްތުންތައް އައިސް ގައުމަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނާތީ އެމަނިކުފާނު ގޮތް ދޫކުރައްވާ މައްސަލަ އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށެވެ.
ރައީސް ނަޝީދުގެ މި ނިންމެވުމަށް މަރުހަބާ ކިޔާ ސަރުކާރު ފަރާތުން ފޮރިން މިނިސްޓްރީ އިން މިއަދު ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ނަޝީދު ޝަރިއްޔަތާ މެދު ކޯޓުން އަމަލުކޮށްފައިވާ ގޮތާމެދު ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް އިސްތިއުނާފުގެ މަރުހަލާ ފުރިހަމަ ކުރުމަށް ސަރުކާރުން މީގެ ކުރިން ވެސް ވާނީ އެދިފައި ކަމަށެވެ. އަދި ޔޫއެން ގެ ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަންގެ ނިންމުމަށްވެސް ގޮތެއް ކަނޑައަޅާނީ ސްޕޮރީމް ކޯޓުން ކަމަށް ދެކޭ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
"ސްޕްރީމް ކޯޓާއި އެހެން އިސްތިއުނާފީ ކޯޓުތަކަކީ ނަޝީދަށް އިއްވާފައިވާ ހުކުމާއި ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ވަކާލާތު ކުރަން އެންމެ އެކަށީގެންވާ ތަން. އަދި އެކޯޓުތަކަކީ މިނިވަން ކޮށްހިނގާނެ ތަންތަން ކަން ސަރުކާރުން ކަށަވަރު ކޮށްދެން،" އެ ބަޔާނުގައި ވެ އެވެ.
މީގެ ކުރިން ޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އެމަނިކުފާނުު އިސްތިއުނާފު ނުކުރައްވާނެ ކަމަށް ވަނީ ވިދާޅުވުމުން އެކަމާ ގުޅިގެން ޕީޖީ އެ މައްސަލަ ހައިކޯޓަށް ވެސް ހުށަހެޅި އެވެ. އެހެން ނަމަވެސް އެ މައްސަލަ އެ ކޯޓުން ބަލައި ނުގަނެ ބޭރުކޮށްލުމުން، ޕީޖީ ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފު ކުރައްވާފަ އެވެ. އެ މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން އޮތީ ހުއްދަ ވެސް މިހާރު ދީފަ އެވެ.