ހަބަރު

އަނބިމީހާއަށް ޖިންސީ އަނިޔާކުރި މީހާގެ ބަންދަށް ހަތް ދުވަސް

Dec 14, 2015

އަނބިމީހާއަށް ސީރިއަސް ޖިންސީ ގޯނާތަކެއް ކޮށްގެން، ގދ. ތިނަދޫ އިން ހައްޔަރު ކުރި، މީހާގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހައިފި އެވެ. އެ މީހާއަށް ކިޔަނީ އިބްރާހިމް ޝާހު އެވެ.

ފުލުހުން ބުނީ އަނބިމާހާއަށް ޖިންސީ ގޯނާކޮށްގެން ހައްޔަރު ކުރި މީހާގެ ބަންދަށް މިއަދު ތިނަދޫ ކޯޓުން ހަތް ދުވަސް ދީފައިވާ ކަމަށެވެ. އެ މީހާ އިއްޔެ ތިނަދޫ އިން ހައްޔަރު ކުރި އިރު، އަންހެނުންނަށް އޭނާ ދިން ޖިންސީ އަނިޔާތަކުގެ ސަބަބުން އަނބިމީހާ ވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި މީގެ ތިން ދުވަސް ކުރިން އެޑްމިޓްކޮށްފަ އެވެ.

އެންމެ ފުރަތަމަ ފަރުވާދިނީ ތިނަދޫ ހޮސްޕިޓަލުންނެވެ. ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ބުނެފައިވާ ގޮތުގައި އެމީހާ އަށް ކުރެވޭ ތުހުމަތުގެ ތެރެއިން އަނިޔާކުރުމުގައި ތޫނު އެއްޗެއް ބޭނުންކޮށްފައިވެ އެވެ. އަދި އޭގެ ސަބަބުން އިންފެކްޝަން އުފެދި އަންހެން މީހާގެ މެ އާއި ސިކުނޑިއަށް އަސަރުކޮށްފައިވާ ކަމަށްވެ އެވެ.

އެކަމަކު އައިޖީއެމްއެޗުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އާއިލާގެ މެންބަރަކު ކިޔައިން ގޮތުގައި ހާލަތު ސީރިއަސްވީ ފިރިމީހާގެ ފަރާތުން ލިބުނު އަނިޔާތައް ސިއްރުކޮށް، ދުވަސްތަކެއް ވުމުން ކަމަށާއި އަދި މިހާރު އޭނާ މާލެ ގެނެސް ހޭނާރާ އޮތް ކަމަށެވެ. އަދި ޑޮކްޓަރުންވެސް ވަނީ އުންމީދު ކަނޑާލާފަ ކަމަށް އާއިލާ އިން މައުލޫމާތު ދެއެވެ.