މިނިސްޓަރު އަލީ އިހުސާން

ޑްރަގާ ދެކޮޅު މަސައްކަތުގައި ކުރިއެރުން ލިބޭ: އިހްސާން

މަސްތުވާތަކެއްޗަށް އޮތް ޑިމާންޑް ކުޑަކުރުމަށާއި އެ ވަބާގައި ޖެހިފައި ތިބީ މީހުން އެކަމުން ދުރުކުމަށް ކުރާ މަސައްކަތުން ރަނގަޅު ނަތީޖާއެއް ފެންނަމުންދާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމާ ހަމައަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ އިދާރާތައް ހިންގަމުން ދިޔައީ އެކި ވުޒާރާތަކުގެ ދަށުން މާބޮޑު ގުޅުމެއް ނެތި ކަމަށެވެ.

"ކަސްޓަމްސް ހުރީ ޑިފެންސްގެ ދަށުގައި. އެންޑީއޭ ހިންގަމުން ދިޔައީ ހެލްތުގެ ދަށުން. ނަމަވެސް އަޅުގަނޑުމެން ހަވާލުވެ މިއިދާރާތަކަށް އެއް މިނިސްޓްރީއެއްގެ ދަށަށް މިގެނައީ،" އިހްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދާރަތަކަށް މިހާރު ގެނެސްފައިވާ ބަދަލުތަކާ އެކު ގުޅިގެން ކުރަމުންދާ މަސައްކަތުގައި ނަތީޖާ ނެރުމަށް އިތުރު ބާރެއް ލިބިފައިވާ ކަމަށެވެ.

އިހްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރެވޭނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ދޮރުތައް ބަންދުކޮށް ރާއްޖޭގައި މަސްތުވާތަކެތި ދައުރުކުރުން ހުއްޓުވައިގެންނާއި އަދި ފަރުވާގެ ނިޒާމު ހަރުދަނާކޮށްގެން ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނެޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ)ގެ ކަންކަން ބައްލަވަމުން ގެންދަވާ ސްޓޭޓް މިނިސްޓަރު ލުބުނާ ޒާހިރު ހުސައިން ވިދާޅުވީ މިވަގުތު 1،240 މީހަކު ފަރުވާ ފުރިހަމަ ކުރަމުންދާ ކަމަށެވެ.

"ފަރުވާ އަށް ވެއިޓްލިސްޓް ކޮށްފައިވާ އަދަދުވެސް ވަރަށް ގިނަ. އެކަމުގެ އެސެސްމަންޓެއް ހަދަމުން މިދަނީ،" ލުބުނާ ވިދާޅުވި އެވެ.