ދުނިޔެ

އިންޑިއާގައި އެސް-400 ބަހައްޓަން ފަށައިފި

އިންޑިއާގައި އެސް-400 އެއާ ޑިފެންސް ސިސްޓަމް ބަހައްޓަން ފަށައިފި އެވެ. އިންޑިއާ އެއާ ފޯސްއިން އެސް-400 ބަހައްޓަނީ އެ ގައުމުގެ ހުޅަނގު އުތުރު ޕަންޖާބް ސްޓޭޓްގަ އެވެ.

އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އޭއެންއައި) ބުނާ ގޮތުން އެއާ ޑިފެންސް ސިސްޓަމް އިންޑިއާގެ ހުޅަނގު އުތުރު ބިތުގައި ބެހެއްޓުމުގެ ބޭނުމަކީ ޕާކިސްތާނާއި ޗައިނާއިން އުދުވާނީ ހަމަލައެއް އިންޑިއާ އަށް ދިން ނަމަވެސް މަތަކޮށް ރައްދު ދިނުމެވެ.

އެސް-400 އެއާ ޑިފެންސް ސިސްޓްމަކީ ވައިގެ ތެރެއިން އަންނަ މިސައިލް ހަމަލާތައް މަތަ ކުރުމުގައި ކާމިޔާބު ނިޒާމެއް ކަމަށް އޭއެންއައި ބުނެ އެވެ.

ރަޝިއާގައި އުފައްދައި އިންޑިއާއަށް ސަޕްލައި ކުރަމުން ގެންދާ އެސް-400 އެއާ ޑިފެންސް ސިސްޓަމަކީ ބޭނުން ތަނަކަށް ގެންގޮސް ބެހެއްޓޭ ނިޒާމެކެވެ. ދުޝްމަނުންގެ މިސައިލްތައް އަންނަ ދިމާއަކަށް އުފުލާފައި ބެހެއްޓުމުން ހަމަލާތައް ވައިގެ ތެރެއަށް ގޮއްވާލާއި ބޭކާރުކޮށްލަ އެވެ.

އެސް-400 އެއާ ޑިފެންސް ސިސްޓަމްގެ ފަސް ސެޓް އިންޑިއާ ގަންނާނެ އެވެ. އެއަށްވާ ފައިސާ ބައިތަކަކަށް ބަހާލައިގެން ދައްކަން އިންޑިއާ އާއި ރަޝިއާ އެއްބަސްވެފައި ވާއިރު، ޖުމުލަ އަގަކީ 5.5 ބިލިއަން ޑޮލަރެވެ.

އިންޑިއާއިން އެސް-400 ގެ ގާބިލުކަން ލިބިގަންނަނީ ސަރަހައްދީ އިމުގެ މައްސަލާގައި ޗައިނާއިން ތުރާލެއް ކޮށްފާނެ ކަމަށެވެ. އަނެއްކޮޅުން އިންޑިއާ ދެކޭ ގޮތުގައި ޕާކިސްތާނަކީ ވެސް އިތުބާރު ކުރަން ދަތި ގައުމެކެވެ.

ޗައިނާ އާއި އިންޑިއާ އަދި ޕާކިސްތާނަކީ ވެސް އަވަށްޓެރި އަދި ނިއުކްލިއާ ހުރި ތިން ގައުމެވެ. އަރައިގަންން ރުޅީގައި ނިއުކްލިއާ ހަތިޔާރު އުފުލުމަކީ ކޮންމެ ބަޔަކަށް ވެސް އޮތް އެންމެ ފަހުގެ އަދި އެންމެ ނުރައްކާ އިހުތިޔާރެވެ.

އެހެން ނަމަވެސް، ނިއުކްލިއާ ހަތިޔާރު ބޭނުން ނުކޮށް ވޭތޯ ކޮންމެ ގައުމަކުން ވެސް ބަލާނެ އެވެ.

މިސައިލުން ދިފާއުވާން ބަހައްޓާ އެސް-400 ގެ ފުރަތަމަ ފިޔަވައި މިއަހަރު ނިމޭ ހިސާބުގައި ފުރިހަމަ ކުރާނެ ކަމަށް ހަބަރުތައް ބުނެ އެވެ. އަދި ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި ބޭނުން ކުރަން ފެށޭވަރު ވާނެ ކަމަށް ވެސް ބުނެ އެވެ.

އިންޑިއާގައި އެސް-400 އެއާ ޑިފެންސް ސިސްޓް ބެހެއްޓުމަކީ އެމެރިކާ ވަރަށް ކަންބޮޑުވާ ކަމެކެވެ. މިކަމާ ގުޅިގެން އެމެރިކާ އެތައް ފަހަރަކު އިންޑިއާއަށް އޮތީ އިންޒާރުދީފަ އެވެ.

ރަޝިއާގައި އުފައްދާ އަސްކަރީ ނިޒާމްތައް އިންޑިއާގައި ނުބެހެއްޓުމަށް އެމެރިކާ އާދޭސްކުރި ނަމަވެސް އިންޑިއާގެ ވިސްނުމަކީ ދިފާއީ މަޝްރަހުގައި ހަމައެކަނި އެމެރިކާއަށް އިތުބާރު ނުކުރުމެވެ.

އިންޑިއާ ބުނީ ރަޝިއާއަކީ ވަރަށް ގާތް ގައުމެއް ކަމަށާއި ޖެހުނު ކޮންމެ ދަތި ކަމެއްގައި އެކުގައި އޮންނަ ކަމަށެވެ. އަދި އިންޑިއާ ގޮވާލައިފި ކޮންމެ ހިނދެއްގައި ވެރިންގެ ފަރާތުން ހުރަހެއް ނެތި އިޖާބަ ލިބޭ ކަމަށެވެ.