ތުއްތު ދަރިފުޅުގެ އަނގައިން ފުރަތަމަ ނުކުންނަ ބަސް އަޑުއަހާލަން ކޮންމެ މަންމަ އަކާއި ބައްޕައަކު ވެސް ވަރަށް ޝައުގުވެރި ވާނެ އެވެ. ދަރިފުޅު ފުރަތަމަ ކިޔާނީ "މަންމަ" ހެއްޔެވެ؟ ނޫނީ "ބައްޕަ" ހެއްޔެވެ؟ މިއީ ތުއްތު ކުދިން ގެންގުޅޭ ކޮންމެ ދެމަފިރިއެއްގެ ވެސް ހިތަށް އަރާނެ އެއްޗެކެވެ. ނަމަވެސް ތުއްތު ކުއްޖެއްގެ އަނގައިން ފުރަތަމަ ނުކުތް ބަހަކީ ހީވެސް ނުކުރާ ކަހަލަ އެއްޗެއް ނަމަ ކޮންމެ މީހަކަށް ވެސް ލިބޭނީ ޝޮކެކެވެ.
ކާމެން ބިޝް އާއި ކިއެރެން ޕާސަންސް އަށް ވެސް ލިބުނީ މިފަދަ ޝޮކެކެވެ. އެމީހުންގެ ތުއްތު ދަރިފުޅު ބޯޑޭގެ އަނގައިން އެކި ކަހަލަ އަޑުތައް ނެރޭތީ އެމީހުން ވެސް އެ އަޑުތަކަށް ވަރަށް ސަމާލުވެ އެވެ. އެހެން އަޑު ލައްވަމުން ގޮސް އެއް ދުވަހަކު ކުއްލިއަކަށް ދަރިފުޅު "އޯލްރައިޓް ބްރޫ" އޭ ބުނި އަޑު އިވުމުން އެމީހުނަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. މި މަންޒަރު އެމީހުން ރެކޯޑް ކޮށްފައި ވެއެވެ.
ޒުވާން ދެމަފިރިން ބުނި ގޮތުގައި ތުއްތު ދަރިފުޅުގެ އަނގައިން ނުކުތް ފުރަތަމަ ބަސްތައް އިވިފައި އެމީހުން ވަރަށް އަޖައިބުވި އެވެ. އަދި އެމީހުން ވަނީ ދަރިފުޅުގެ މި ވާހަކަކޮޅުގެ ވީޑީއޯ ޓިކްޓޮކްގައި ޝެއާ ކޮށްފަ އެވެ. ވީޑިއޯ ޝެއާކުރުމުން އެތައް މިލިއަން ބަޔަކު މިހާތަނަށް ވީޑިއޯ ބަލާފައި ވެއެވެ.
ކުއްޖާގެ މަންމަ ބުނި ގޮތުގައި އެ ދުވަހު އޭނާ އާއި ފިރިމީހާ އުޅުނީ ޑައިޕާ ބަދަލުކުރާ މޭޒު މަތީގައި ތުއްތު ދަރިފުޅު ބާއްވައިގެން ޑައިޕާ ބަދަލު ކުރާށެވެ. އަދި އެ ވަގުތު ދަރިފުޅު މާ ވަރަކަށް އަޑު އަޑު ގޮއްވާތީ އެ މަންޒަރު ރެކޯޑް ކޮށްލަން އޭނާ ގަސްތުކުރީ އެވެ.
"އަހަރެމެންނަށް އެންމެ ކުރިން ފާހަގައެއް ވެސް ނުކުރެވުނު ދަރިފުޅު ކީ އެއްޗެއް. މި ވީޑީއޯ ފަހުން އަހަރެންގެ މައިންބަފައިންނަށް ދެއްކުމުން އެމީހުންނަށް ދަރިފުޅު ބުނި އެއްޗެއް ފާހަގަ ކުރެވިގެން އަލުން ވީޑިއޯ ބެލުމުން އަހަރެމެންނަށް ވެސް ވިސްނުނީ އެހެންކަން އެ ބުނީ. ދެން އަހަރެމެން އެންމެންނަށް ޕަކަޕަކަ ލާފަ ހީނ ގަނެވުނު. އަހަރެން ހިތަކަށް ވެސް ނާރާ ތުއްތު ބޯޑޭގެ ފުރަތަމަ ބަހަކަށް ވާނީ 'އޯލްރައިޓް ބްރޫ' ކަމެއް،" ކުއްޖާގެ މަންމަ ބުންޏެވެ.
ކުއްޖާގެ މަންމަ ކިއެރަން ބުނި ގޮތުގައި ޓިކްޓޮކްގައި ވީޑިއޯ ޝެއާކުރުމަށް ފަހު އެމީހުން އެ އެޕް މުޅިން ފޮހެލީ އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އޮފީހަށް ދިއުމުން އެ ވީޑީއޯ ވައިރަލް ވެގެން އުޅޭ ވާހަކަ އޮފީސް މީހުން ބުނުމުން އަނެއްކާވެސް އެޕް އަޅާފައި ބެލިއިރު އެއް މިލިއަނަށް ވުރެ ގިނަ ވިއުޒް އެ ވީޑީއޯ ވަނީ ލިބިފައި ވެއެވެ.
"ދަރިފުޅު ފުރަތަމަ ކިޔަނީ ކޮން އެއްޗެއްތޯ ބަލާހިތުން އަހަރެމެން އަށް މަސް ދުވަހު ކުރި އިންތިޒާރުން އެންމެ ފަހުން މި އަޑުއިވުނީ 'އޯލްރައިޓް ބްރޫ'،" ކިއެރަން ބުންޏެވެ.