ލައިފްސްޓައިލް

އެއްލައިލި ތުއްތު ކުއްޖެއް ހިމާޔަތްކުރީ ކުއްތާތަކެއް!

އިންޑިޔާގެ ޗައްތީސްގަޅްގެ ހަނޑޫ ދަނޑެއް ތެރެއަށް ރޭގަނޑުގެ ވަގުތެއްގައި އެއްލާލާފައި އޮތް ތުއްތު ކުއްޖެއް ރައްކާތެރި ކުރުމަށް ވިހައިގެން އުޅޭ މަންމަ ކުއްތާއެއް އެހީތެރި ވެއްޖެ އެވެ. މި ތުއްތު ކުއްޖާއަށް ހިމާޔަތާއި ރައްކާތެރިކަންދީ ފިނިވެގެން ގޮސް އެ ކުއްޖާއަށް ގޮތެއް ވިޔަ ނުދިނުމަށް ކުއްތާ ވަނީ މަސައްކަތް ކޮށްފަ އެވެ. އަނެއް ދުވަހު ހެނދުނު އެ އަވަށުގެ މީހުންނަށް ފެނިގެން ކުއްޖާ ނަގައިގެން ގެންދަންދެން ކުއްތާ ވަނީ އެ ކުއްޖާ ބަލަހައްޓާފަ އެވެ.

އިންޑިޔާގެ ލޯމީގެ މުންގޭލީ ޑިސްޓްރިކްޓްގައި އޮންނަ ސަރިސްތާލް އަވަށުގައި ހިނގި މި ހާދިސާގައި ތުއްތު ކުއްޖާ ދަނޑެއް ތެރެއަށް އެއްލާލާފައި އޮތެވެ. ވިހޭ ގޮތަށް ފޫޅުދަނޑި ވެސް ވަކި ނުކޮށެވެ. އަދި ގައިގައި ހެދުމެއް ނެތްއިރު ފޮތިކޮޅެއްހާ ހިސާބު ވެސް އެ ކުއްޖާގެ ގައިގައި އޮޅާލާފައި ނެތެވެ.

އެ އަވަށުގެ މީހުންނަށް ކުއްޖާ ރޯ އަޑު އިވިގެން އެ ހިސާބަށް ދިޔައިރު އިރު އަރައިގެން ގޮސް 11.00 ހާއިރު ވެއްޖެ އެވެ. އޭރު ވެސް އެތަނުގައި ކުއްޖާ ގާޑު ކޮށްގެން ގިނަ އަދަދެއްގެ ކުއްތާތައް ތިއްބެވެ.

އެމީހުން ކުއްޖާ އޮތް ތަނާ ކައިރިވީއިރު ފެނުނީ ވިހައިގެން އުޅޭ ކުއްތާއެއް އެސޮރުގެ ތުއްތު ދަރިންތަކާއެކު ކުއްޖާގެ ވަށައިގެން ތިއްބަ އެވެ. ބެލެވޭ ގޮތުގައި ކުއްޖާ ރޭގަނޑު ހަތަރުދަމު ވެސް ބެލެހެއްޓީ މި ވިހައިގެން އުޅޭ ކުއްތާއެކެވެ.

މި ޚަބަރު ސޯޝަލް މީޑިއާގައި އާއްމުކުރީ ޖީވް އާޝްރަވް ކިޔާ އެންޖީއޯ އަކުންނެވެ. މިއީ ޖަނަވާރުންނަށް ރައްކާތެރިކަން ހޯދައިދޭ އެންޖީއޯ އެކެވެ.

"އިންސާނުންނަށް ވެސް އެތައް މިލިއަން ގުނައެއް ރަނގަޅު. ޗައްތީސްގަޅްގެ މުންގެލީ އަވަށުގައި ހިނގި މި ކަންތައްތަކަކީ ގަބޫލުކުރަން ވެސް ދަތިކަމެއް. މައިންބަފައިން އެމީހުންގެ ދެންމެ އުފަންވީ ތުއްތު ދަރިފުޅު ފަޅުތަނަކަށް އެއްލާލުމުން އެ ތުއްތު ކުއްޖާއަށް ހިމާޔަތް ދީފައިވަނީ ވިހައިގެން އުޅޭ މަންމަ ކުއްތާއެއް. އެ ކުއްޖާގެ ހިމާޔަތުގައި މުޅި ހިސާބު ގާޑު ކޮށްގެން ތިބީ ވެސް މަގުމަތީގައި އުޅޭ ކުއްތާތައް. އަވަށުގެ މީހުންނަށް ކުއްޖާ ފެނުނީ ހެނދުނު. ކުއްޖާގެ ގައިގައި އޭރު އެންމެ ކޫރުމެއްހާ ހިސާބު ވެސް ނެތް. އެހާ ރަނގަޅަށް އެ ކުއްތާތައް ކުއްޖާ ބަލަހައްޓާފައިވަނީ. އެސޮރުމެންނަށް އަނިޔާވެރިކަމާއި އިންސާނިއްޔަތަކީ ކޮބައިކަން ވިސްނޭނެތަ؟،" މި ފޮޓޯތަކުގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.

ކުއްޖާ ނަގައިގެން ފުރަތަމަ ގެންދިޔައީ އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށެވެ. ނަސީބަކުން ކުއްޖާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނެތެވެ. އަދި އެއްވެސް ބަލިމަޑުކަމެއް ނުކުޅެދުންތެރިކަމެއް ވެސް ކުއްޖާގެ ނެތެވެ. އެހެންވެ ކުއްޖާ ވަނީ ކުޑަކުދިން ރައްކާތެރިކުރާ ޖަމްއިއްޔާ އަކާ ހަވާލުކޮށްފަ އެވެ. އެ ޖަމްއިއްޔާގެ މީހުން ކުއްޖާއަށް ކިޔާފައިވަނީ އާކަންޝާ އެވެ.

އެ ސަރަހައްދުގެ ފުލުހުން މިހާރު ގެންދަނީ ކުއްޖާގެ މައިންބަފައިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.